ކުޑަކުދިންގެ ވާހަކަވާހަކަ

ކިލަނބު- މިޝީ

   އަހަރެން ހޭއެރިއިރު އޮވެވުނީ ކުނަލެއްގެ މަތީގައެވެ. މުޅި ހަށިގަނޑުން ވެސް ވޭން އަޅައެވެ. ފައިގައި ވަނީ ބެންޑޭޖް އޮޅާފައެވެ. ބޮލުގައިވެސް ވަނީ ބެންޑޭޖް އަޅާފައެވެ. ބެންޑޭޖް ތައް ވަނީ ވީދި ހަލާކުވެފައެވެ. ގައިގެ އެތަންމިތާގައި މަލަން އަޅައިފައި ހުއްޓެވެ. މުޅިތަނުން ވެސް ދުވަނީ ވަރައް މީރުވަހެކެވެ. އަހަރެންނަކައް ވާނުވާއެއް ނޭންގެއެވެ. ބޮލައް ހުންނަނީ ބަރުވެފައެވެ. ލޮލަށް ފެންނަނީ ފުސްކޮށެވެ. ދޫ ހަރަކާތެއް ނުކުރެއެވެ. ގައިގައި ހަކަތަ އެއް ނެތެވެ.

   އަހަރެންނައް އެނގޭ އެއްޗަކީ ބަޔަކު ހާސްވެގެން އުޅޭ ކަމެވެ. މީހުންތައް ކޮޅުކޮޅު މައްޗައް ދުވާތަން ފެނެއެވެ. ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅީން ރޯ އަޑު އިވެއެވެ. ވެގެން އުޅޭ ގޮތެއް ހަމަ އެއްގޮތަކައްވެސް ނޭންގެއެވެ.

   އިރުކޮޅަކުން މީހަކު ދުވެފައި އައިސް އަހަރެންގެ ތުނބުގައި ނާށިގަނޑެއް ޖައްސައި ފެންދޭން މަސައްކަތް ކުރަމުން ދިޔައެވެ. އަހަރެންވެސް ބެލީ އޭނާއައް ފަސޭހަކޮއްދިނުމުގެ ގޮތުން ފެންބޯށެވެ. ނަމަވެސް އަރުތެރެއިން އެތިފޮދެއް ނަމަވެސް ދިރުވާލަން ވަރައް އުނދަގުލެވެ.

   އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. ދެލޮލުގައި ވަނީ ކަރުނައެވެ. ތުންފަތް ވަނީ ހިކިފައެވެ. ނަމަވެސް ހިއްވަރުކުރާތަން ފެނެއެވެ. އޭނާ އިރުއިރުކޮޅާ ފަރާތް ފަރާތް ބަލާ ހޯދައެވެ. އަދި އަވަސް އަރުވާލައިފައި ހުރިހެންވެސް ހީވެއެވެ. އޭނާ ވަރަށް މަސައްކަތުން އަހަރެންނައް ފެންދީފިއެވެ. އަދި އަވަސް އަވަހަށް އެ ނާށީގައި ބާކީ ހުރި ފެންފޮދު ހިފައިގެން އެދާތަނަކައް ދާން ދުއްވައިގެންފިއެވެ.

   އަހަރެން އޮތީ، ވެލިގަނޑުމަތީގައި އޮތް ކުނަލެއްގެ މަތީގައެވެ. ކުޑަކޮށް ނަޒަރު ހިންގާލައި ވިސްނާލުމުން އެއީ ކުޑަވަރެއްގެ ސަތަރިން ހަދައިފައިވާ ޖިފުޓިއެއްކަން ދެނެގަނެވޭ ވަރުވެއްޖެއެވެ. ބިންމަތީގައި ކުނާގަނޑެއް ފަތުރާލައިފައި އޮތެވެ. ވަރަށްބޮޑަށް ވީރާނާވެ، ހަލާކުވެފައިވާ ތަނެއްކަން ހަމައެކަނި މި ޖިފުޓިއައް ބަލާލުމުންވެސް އެނގެއެވެ.

   އެ ޖިފުޓީގައި އަހަރެންގެ އިތުރުން ދެކުއްޖަކު ތިއްބެވެ. އެކަކީ ވަރަށް ހާލުދެރަވެފައިވާ މުސްކުޅިއެކެވެ. އޭނާގެ މުޅިހަށިގަނޑު ތުރުތުރު އަޅައެވެ. ވަރައް ވޭންއަޅާހެން ހީވެއެވެ. އޭނާ އޮތީ އަހަރެންނައް ފުރަގަސްދީގެންނެވެ. އެހެންކަމުން އޭނާގެ މޫނެއް ނުފެނެއެވެ. އެ މުސްކުޅިޔާގެ ގައިމަތީގައި ރަޖާގަނޑެއް އޮތެވެ. ނަމަވެސް، ހަމައެކަނި އުނަގަނޑުން ތިރި ފޮރުވޭވަރުގެ ކުޑަ، އަދި އެހާމެ ތުނި ރަޖާގަނޑެކެވެ.

   ދެން އޮތީ އަތް ބިންދައިގެން ގޮސްފައިވާ ފިރިހެން ކުއްޖެކެވެ. ބަލާބެލުމައް އަހަރެންނައް ވުރެން ދޮށިވާނެހެން ހީވެއެވެ. އޭނާގެ އަތުގައި އޮއްޓު އަޅާފައި ހުއްޓެވެ. ގައިގެ އެތަން މިތަން ވަނީ ކަނޑައިގެން ގޮސްފައެވެ. ނޫނީ މެށިފައެވެ. ބައެއް ޒަޙަމް ތަކުގައި ލޭ ހިކިފައި ވިޔަސް އަނެއްބައި ޒަޙަމް ތަކުން ލޭ ފައިބަމުން ދިޔައެވެ. އޭނާ އިނީ ޖިފުޓީގެ ސަތަރިގަނޑުގައި ލެނގިލައި ގެންނެވެ. ނިދިފައި ކަމެއް ނުވަތަ ނިދައިފައިކަމެއް ވެސް އަދި ހޭލައިކަމެއްވެސް ނޭންގެއެވެ.

   އަހަރެން މިހެން މުޅިތަނަށް ނަޒަރު ހިންގައި، ތަނާއި ތަނުގެ ހާލަތު ދެނެގަންނަން އޮއްވައި، އަހަރެންގެ ވާއަތް ފަރާތުން ވަރަށް ބާރު އަޑުފައްގަނޑެއް އިވިއްޖެއެވެ. އިވެނީ މީހަކު ތަނެއް މުގުރާލަން އުޅޭކަހަލަ އަޑެކެވެ. ނޫނީ ތަނެއް ހަލާކުކޮއް ރޫޅާ ކަހަލަ ބާރު އަޑުފައްގަނޑެކެވެ. އެއާއެކު މީހުންގެ ރުއިމާއި ގިސްލުމުގެ އަޑު ދެގުނައަށް ގަދަވެގެން ދިޔައެވެ. ދެން އިވެން ފެށީ އިންޖީނެއް އިސްޓާޓު ކުރުމުން އިވޭ ކަހަލަ އަޑުފައްގަނޑެކެވެ. އަދި ވަރައް އަވަސް އަވަހަށް، ހިމަ އެއްޗަކުން ދަގަނޑު ގަނޑެއްގައި ތަޅާ އަޑެވެ. ވަރަށް ބާ ފަންކާއެއް ކަހަލަ އެއްޗެއް އެނބުރޭ ކަހަލަ އަޑެއްވެސް އިވެން ފެށިއެވެ. ދަބަރު ޖަހައިފައިވާ ތަންޑެއްގެ ހުޅު ދެފަރާތައް ކަހާ އަޑުވެސް އިވެންފަށައިފިއެވެ.

   އަހަރެން އޮތީ ހައިރާންވެ އަންތަރީސް ވެފައެވެ. ވެގެން އުޅެނީ ކީއްތޯ ބެލުމުގެ ޝަޢުޤުވެރިކަން އިންތިހާ އައް ދިޔައެވެ. ނަމަވެސް، އަހަރެން އޮތް ހާލުގެ ސަބަބުން އެއީ ވާނެކަމެއް ނޫންކަން އެނގެއެވެ. އޮތް ގޮތަކީވެސް މީހެއްގެ ކައިރިން އޮޅުންފިލުވުމެވެ. ވިސްނާ ވިސްނާވެސް ސިކުނޑި އަކައް އެއްޗެއް ނުވަދެއެވެ.

   މިކަހަލަ ހިޔާލު ތަކެއްގައި އޮއްވައި، ޖިފުޓީގައި އިން ފިރިހެން ކުއްޖާ ސިހިފައި ދެލޯ ހުޅުވާލިއެވެ. އަދި އެތަން މިތަނައް ކަޅި އުކަން ފެށިއެވެ. އިރުކޮޅަކު އެހެން އިނދެފައި ކުއްލިއަކައް އަހަރެންގެ ގަޔައް ބަލާލުމައް ފަހު ފުންމައިގެން އައިސް އަހަރެންގެ ކައިރީގައި އުޑުފައިން އިށީނެވެ.

   “ ކޮއްކޯ… ބިރުގަނެފައިތަ؟… ހާސްނުވޭ…. މާތް ﷲ އިރާދަފުޅުން އަހަރެމެން ސަލާމަތްވާނެ… އެނުބައި މީހުން އަތުން ސަލާމަތް ވާނެ ދުވަހެއް އަންނާނެ…. ނަމަވެސް އެއީ ކޮންދުވަހެއްކަމެއް ނޭންގޭނެ.. އަދި އެދުވަސް ދައްކަވާނީ ކޮންބަޔަކައް ކަމެއްވެސް ނޭންގޭނެ… އެކަމަކު ހަނދާން ބަހައްޓާތި! ކޮންމެ މީހަކީވެސް ރައްބީގެ ތަނަވަސް ރަހުމަތައް ދަތުރުކުރާނޭ މީހެއް.. އެއީ ކޮންއިރަކު ކަމެއް އަދި ކޮން ވަގުތަކު ކަމެއްވެސް ނޭންގޭނެ.. ސަލާމަތް ވުމުގެ އުންމީދު ނެތަސް ހިއްވަރުކުރަންޖެހޭނެ.. ބައްޕަ އާއި މަންމަ މިވަގުތު ދުނިޔޭގައި ނެތަސް، ނަމޫނާއަކައް އެމީހުން ބަލަންޖެހޭނެ… މަންމަ އާއި ބައްޕަ އަށް ހެޔޮ ރަޙްމަތް ލައްވާށި..“ އެ ފިރިހެން ކުއްޖާ އެހެން ބުނިއިރު ދެލޮލުން ކަރުނަ ފާއްދާލައިފައިވެއެވެ. އަޑުނުކުތީވެސް ކެނޑިކެނޑިގެންނެވެ. ދުޢާ އަށް ދެއަތް މައްޗައް ނެގިއިރު އަތް ވެސް ތުރުތުރު އަޅައެވެ.

   އިރުކޮޅެއް ނުވެ، ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެން އެއްކަލަ އަންހެން މީހާ ދުވެފައި އައިސް ޖިފުޓީގެ ދޮރުގައި އިން ފޮތިގަނޑު ހިއްލާލައިފައި އެތެރެއައް ވަނެވެ. އަދި ބިންމަތީގައި އިށީންދެ މާނޭވާ ލާންފެށިއެވެ. އޭނާގެ ގާތުގައި ހުރި 3 ވަރަކަށް އަހަރުގެ ކުޑަކުއްޖާ ރޮނީއެވެ. އެއް އަތުން، ފައިގައި މަށައިގެން ގޮސްފައިވާތަނެއްގައި އަތް އަޅައިގެން އިނދެ ގިސްލަ ގިސްލާފައި ރޮނީއެވެ. އެކުޑަކުއްޖާ ގޮވައިގެން އައި އަންހެންމީހާ މަސައްކަތް ކުރީ އެކުޑަކުއްޖާގެ ރުއިން ހުއްޓުވޭތޯއެވެ. ވަރަށް މަސައްކަތުން އެކުޑަކުއްޖާ ރުއިން ހުއްޓާލައިފިއެވެ.

   މިކަހަލަ ވާނުވާގަނޑެއްގެ ތެރޭގައި އުޅެނިކޮއް އެ އަޑުތަށް ކެނޑިއްޖެއެވެ. ދެން އަހަރެން ވިސްނާލީ އެފިރިހެން ކުއްޖާ ކައިރިން އޮޅުން ފިލުވުމަށެވެ. ނަމަވެސް އޭގެ ކުރިއަށް، ދެންމެ ހިނގައި ދިޔަ، އަދި ލޮލަށް ފެނުނު މަންޒަރުތަކާއި، އަޑުތަކާއި މެދުގައި ވިސްނާލަން ހިތް ބުނެލިއެވެ.

   ފެނުނު މަންޒަރުތަކުން އަންގައިދެނީ ބަޔަކު އުފުލާ ވޭނާއި ހިތްދަތިކަމެވެ. ވީރާނާ ވެފައިވާ ފަޤީރު ތަނެކެވެ. އެކިއެކި ކުދި، އަދި ބޮޑެތި ޒަޙަމް ތަކެވެ.

   އިވުނު އަޑުތަކާއި ވާހަކަ ތަކަށް ވިސްނާލުމުން ދޭހަވަނީ ބަޔެއްގެ އަތްދަށުވެފައިވާ ކަމެވެ. އަދި ބަޑިޖަހާ އަޑާއި ބޮންއަޅާ އަޑާއި ބަޑީގެ ވަޒަން ލައްވާ އަޑާއި ޓޭންކަރު ފަދަ ހަނގުރާމަ މަތީގެ ވައިމައްޗާއި އެއްގަމު އުޅަނދުތައް ދުއްވާ އަޑެވެ. އަދި ބަޑި ރީލޯޑް ކުރާ އަޑާއި ބަޔަކު އެ ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ގިސްލައި ރޯ އަޑެވެ.

   އެއާއެކު މަޑުމަޑުން އަހަރެންގެ ހަނދާނަށް ބައެއް ކަންކަން އަންނަން ފެށިއެވެ. އަހަރެމެންނަށް، ވަރަށް ނުލަފާ ބަޔަކު ގެއްލުންދޭ ކަމާއި އަހަރެމެން ނުކައި ބަނޑައް ތިބި ދުވަސްތަކާއި އާއިލާ މީހުން ފަނާވެ ނެތި ދިޔަ ގޮތާއި އަހަރެމެންނަށް ސަލާމަތް ވެވެން ހުރި މަގުތައް ބަންދުކުރި ގޮތެވެ. އެއީ ހާދަހާ ހިތްދަތި ކަމެކެވެ. ނަމަވެސް އެކަމަށް އަހަރެމެން ކެތްތެރިވަމެވެ. އެކަމަކު އަހަރެންގެ ހިތުގައި އަދި ބައެއް ސުވާލު އެބަހުއްޓެވެ. އެއީ އަހަރެންނަށް މިހެން ދިމާވި ސަބަބެވެ. އަދި އަހަރެމެންގެ ދިރިއުޅުން ކިލަނބު ކުރި ބަޔަކު އެކަން ކުރި ސަބަބެވެ. އަދި އެއީ ކޮންބަޔެއްތޯ އެވެ. އެސުވާލު ކުރުމަށް އަހަރެން ދޫހަރަކާތް ކޮއްލީމެވެ.

   ”ބޭބޭ….“ އަހަރެން އެ ފިރިހެން ކުއްޖާ އަށް ގޮވާލިއިރުގައި އަޑުވެސް ތުރުތުރު އަޅައެވެ. އަހަރެން އޮތީ ނުތަނަވަސްވެފައެވެ. އެކުއްޖާގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން އިރު އަހަރެންގެ ހިތްވެސް ބާރަށް ތެޅެމުން ދިޔައެވެ. ކީއްވެކަމެއް ނޭންގެއެވެ. ހާސްވަނީއެވެ. ބޮލަށް އެނބުރުން އަރަނީއެވެ. ކުއްލިއަކަށް ބޮލަށް ބަރުވާން ފެށިއެވެ. ލޯފުސްވާން ފެށިއެވެ. ހަމަ އެއާއެކު މުޅި މޫނުމައްޗައް އަނދިރިވެގެން ދިޔައެވެ. ދެން ވީގޮތެއް ނޭންގެއެވެ.

   އަހަރެންނަށް ހޭލެވުވުއިރު މީހެއްގެ މަޑު ގިސްލުމެއްގެ އަޑުއިވެމުން ދިޔައެވެ. އަހަރެން ވަރަށް މަސައްކަތުން، އެހެނަސް ލަސްލަހުން ދެލޯ ހުޅުވާލީމެވެ. ފެންނަނީ ވަރަށް ފުސްކޮށެވެ. އެހެންކަމުން ދެލޯމަރައި ތަގުޅިކޮށްކުމަށްފަހު އަނެއްކާވެސް ހުޅުވައިލީމެވެ.

   މިފަހަރު ފެންނަނީ އަހަރެންގެ ބޭބެ، އަހަރެންގެ ކައިރީގައި އިނދެ ކަރުން ފުހޭތަނެވެ. އަދި އަހަރެންގެ މާމަވެސް އަހަރެންގެ އަތުގައި ހިފައިގެން ރޯތަނެވެ.

   މިފަހަރު ވަރަށް ރަނގަޅަށް އެއީ ކޮންބަޔެއްކަން އެނގުނެވެ. އެކަމާ ކުޑަކޮށް ހައިރާންވެސް ވިއެވެ. ނަމަވެސް ވަރަށް އުފާވެސް ވިއެވެ. އަހަރެން އަވަސް އަވަހަށް ބޭބެކައިރިން ވީގޮތް އޮޅުން ފިލުވާލުމަށް އަހައިލީމެވެ. އެއާއިއެކު ބޭބެ ކިޔައިދޭންފެށީ  ކަންތައްތައް ފެށުނު ގޮތް ވަރަށް ތަފްސީލް ކޮށެވެ.

***

    އަހަރެމެންނަކީ ވަރަށް ހަމަޖެހިގެން، ވަރަށް އުފަލުގައި، އެއްވެސް ވޭނެއް އަދި ކެކުޅުމެއްވެސް ތަޙައްމަލު ނުކޮށް، އުފާވެރި ދިރިއުޅުމެއް އުޅެމުން އައި ބަޔެކެވެ.

    އެއްރެއެކެވެ. ރެޔަކީ ކަޅުފޮއެ ރެއެކެވެ. ވަރަށް ވިއްސާރައެވެ. ކުރިން ވެހެމުން އައި ހިމަފޮދު ވާރޭ ބޮޑުތިކި ވާރޭއަށް ބަދަލުވެގެންއައީ ނުލާހިކު އަވަހަށެވެ. ވައިގަދަ ވެފައި ވަނީ އިސްތަށިތައް ބުޑުން ލުހެލާހާ ވަރަށެވެ. ކަނޑުގެ ރާޅުތައް ވަނީ އެތައް އެތައް މީޓަރެއް އުހުގައެވެ. ގުގުރައި ވިދަނީވެސް ތަނދޮރު ވަކިނުވާ މިންވަރަށެވެ. ނަގޫރޯޅިގެ އުނދަގޫވެސް ކުރިމަތިވަމުން އައެވެ. ރޭނިދި ނިދާލަން ނުކެރިފައި އެތައް ބަޔަކު ތިބީ ދަމަށް ހޭލައެވެ. ނިދަން ތިއްބައި ކޮންމެފަދަ ކަމެއްވެސް ކުރިމަތިވެދާނެއެވެ.

   އެރޭ، މީހުންނަށް އިވެސް ފެށީ ބަޔެއްގެ ފިޔަވަޅުގެ އަޑެވެ. ބޭރުން އަލިތަކެއްވެސް ފެންނަން ފެށިއެވެ. ބަޑިޖަހާއަޑައި ބޮން އުކާއަޑުވެސް އިވެން ފެށިއެވެ. ދެން ދެކެވެން ފެށީ ރަށަށް ބަޔަކު އަރައި، ގަދަކަމުން ރަށް ހިފަން މަސައްކަތް ކުރާ ވާހަކައެވެ. އެމީހުން އައީ ހަތިޔާރާއެކުގައި ކަމުން ދެކޮޅުހަދަން ނުކެރުނީއެވެ. ގޮތްހުސްވެ، އެހެން ގޮތެއް ނުފެނުނީއެވެ. އެމީހުން އަހަރެމެންގެ ގެތަކަށް ވަދެ، މުދާ ފޭރި، އަނިޔާކުރަން ފެށީއެވެ. އަހަރެންގެ ބައްޕަ އެމީހުންނާ ދެކޮޅަށް ނުކުތުމުން، އެމީހުން ކުރިކަމަކީ އަހަރެންގެ ބައްޕަ މަރާލީއެވެ. ދެކޮޅަށް ނުކުތް ކޮންމެ މީހަކަށްވެސް ލިބުނީ މަރުގެ ހިތި ރަހައެވެ.

އަހަރެމެންގެ އުފާވެރި ދިރިއުޅުން ކިލަނބުވެ، ހަލާކުވެގެން ދިޔައީ އެހިސާބުންނެވެ. އަހަރެންގެ މަންމައާއި ކުޑަ ކޮއްކޮ ގޮވައިގެން، އަހަރެންގެ ބޭބެ ރަށުން ފިލަން މަޖުބޫރުވިއެވެ. ބޭބެ އާއި ރަށުގެ އެތަށް ބަޔެއްގެ ސިއްރުވެރި މަޝްވަރާއައްފަހު ގިނަ ބަޔަކާއިއެކު އެތަނުން ފިލުނެވެ. ކަނޑުމަތީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު، އެހެން ޤައުމަކަށް ދެވުނީއެވެ. އެޤަޢުމުގެ ބަހެއް، ސަޤާފަތެއް އަދި އާދަކާދައެއްވެސް ނޭންގެއެވެ. ވަރަށް ދަތިއުނދަގޫތަކާއި އެކުގައިވެސް އަހަރެމެންނަށް މަޖުބޫރުވީ އެތަނުގައި މަޑުކުރާށެވެ. އަހަރެމެންގެ ރަށަށް ވުރެ އެތަން އަމާންވުމުން އެތަނުގައި މަޑުކުރީއެވެ. ނަމަވެސް އެތަނުންވެސް ދަތިތަކާއި ކުރިމަތިލާންޖެހުނެވެ.

މިހާރު އަހަރެމެން ދިރިއުޅެނީ ރެފިއުޖީ ކޭމްޕެއްގައެވެ. ކެއުމާއި ބުއިމަށް ވެސް ދަތި، ނިދަން ޖާގައެއް ނެތް، ކުޑަތަނކޮޅެއްގައެވެ. ބޭސްފަރުވާއަށް ވެސް ވަރަށް އުނދަގުލެވެ. ކާނެއެއްޗެއް ނުލިބި އެތަކެއް ދުވަހެއް ވުމުގެ ސަބަބުން، މަންމަވެސް ދުނިޔެއާއި ޢަލްވަދާޢު ކިޔެވެ.

   އައި ދަތުރުމަތީގައި، ބޯޓުން ފައިބަން އުޅުމުގެ ތެރޭގައި އަހަރެން ވެއްޓުނީއެވެ. އަދި ސިޑިބަރިމަތިން ފުރޮޅެމުން އައިސް ބިންމައްޗައް ވެއްޓުނުގޮތަކުން އެތަކެއް އަނިޔާތަކެއް ލިބި އެދުމަތީގައި އޮންނަން ޖެހުނީއެވެ.

***

ބޭބެގެ ވާހަކަތަކުން އަހަރެންނަށް ހިތްހަމަޖެހުން ލިބުނެވެ. އަހަރެން އުއްމީދު ކުރަނީ، އެއްދުވަހަކުން އަނެއްކާވެސް އަހަރެމެންގެ ރަށަށް އެނބުރި ދެވޭނެ ކަމަށެވެ. އަހަރެމެންގެ ދިރިއުޅުން އަލުން ރަނގަޅުވާނެ ކަމަށެވެ. އެކަމަކު މިވަގުތު، އަހަރެމެންގެ ދިރިއުޅުން ވަނީ މުޅިން ކިލަނބުވެފައެވެ. ކުރިއަށް އޮތް ދުވަސްތަކަކީ އަނދިރި ދުވަސްތަކެއް ކަމުގައި ފެނުނެއް ކަމަކު، އަހަރެން ހިތްވަރު ދޫކޮށްނުލުމަށް އަހަރެން ޢަޒުމް ކަނޑަ އެޅީމެވެ. އަދި މިކަމުން ސަލާމަތް ވުމަށް ޓަކައި މާތްﷲ އަށް ދުޢާ ދެންނެވީމެވެ.

(ނިމުނީ)

ސަބްސްކުރައިބް
ނޮޓިފައި ކުރަނީ
guest

0 ކޮމެންޓްތައް
އެންމެ ފަސް
އަލަށް އެންމެ ގިނަ ވޯޓް
އިންލައިން ފީޑްބެކް
ހުރިހާ ކޮމެންޓްތައް ބެލުމަށް
Back to top button