ބިރުވެރި ވާހަކަވާހަކަވާހަކަ ސީރީޒްތަހުގީގީ ވާހަކަ

ސިއްރުވެރި މަރުކަޒެއް – މިޝީ

   ހަމަހިމޭން ރެއެކެވެ. ހަނދު ވެސް ހިމޭން ކަމުގެ ސާލު އޮޅާލައިފައި ވާ ފަދައެވެ. މަޑުމޮޅި ރާޅު ބާނިތައް މޫދުގައި ދެމެމުން ދިޔައެވެ. ދުރުން ދުއްވަމުން ދިޔަ ލަކުޑި ބޮއްކުރާގައި ތިބި އެކުވެރިން ކޮޅު ރާވައިފައި ވަނީ ވަގައް ހދ.މާވައިދޫ އައް އައިސް ވެލާ ބިސް ނަގާށެވެ. އެއީ އެކުދިންގެ ކާމިޔާބީ ފާހަގަ ކުރުމުގެ ބޭނުމުގައެވެ.

   ބޮއްކުރާ އެއްގަމާ ކައިރިވުމުން ނިޒާލް މޫދަށް ފުންމާލިއެވެ. އަދި ބޮއްކުރާގައި އައްސާފައިވާ ވާގަނޑު ހިފައިގެން އެއްގަމާ ދިމާއައް ހިނގައިގެންފިއެވެ. އިރުކޮޅެއް ނުވެ ރަލީމް ވެސް ފުންމާލިއެވެ. ދޮންވެލި ގަނޑާ ކައިރި ކުރުމުން ރަޝާ، ލިހާން އަދި ޒަމްހާ ވެސް ބޮއްކުރައިން ފައިބައިފިއެވެ. ”އެއްޗެހިތައް ބާލާ، އަވަސް ކުރޭ!“ ނިޒާލް ފަހަތައް އެނބުރިފައި ވާހަކަ ދެއްކިއެވެ. ވާފައް ހިފައިގެން ނިއުޅަމުން ދިޔަ ނިޒާލް ގެ ޖުމްލައައް ދެންތިބި ކުދިން މަސައްކަތް ފެށިއެވެ. ”ކޮބާ މަ ގެންނިޔަ ފަކީރާ؟“ ޒަމްހާ ކޮންނަން ގެންނިޔަ ސާމާނު ބާލަން ފެށިއެވެ. ”އަޅެ ބެލީމައެއްނު އެނގޭނީ“ ރަޝާ ހެމުން ގޮސް ޒަމްހާ އައް އެހީވެދެން ފެށިއެވެ. ދެން ތިބި ކުދިން ގާތައްވެސް އައީ ހިންޏެވެ. ޒަމްހާ އުޅޭލެއް ޅަ ގޮތުންނެވެ.

   ނިޒާލް ވާންކޮއް ވާފައް ދަމާ ރުކެއް ގައި އައްސާލިއެވެ. ލިހާން އާއި ރަލީމް ފެށީ އެއްޗެހި ތަރުތީބުކޮއް ޓެންޓު ޖަހާށެވެ. ”ކޮބާ؟ މިނިމުނީ“ ރަޝާ ފުންނޭވައެއް ދޫކޮއްލިއެވެ. ޒަމްހާ އާއި ރަޝާ ގެ މަސައްކަތް ނިންމާލުމައްފަހު އައިސް ދެންތިބި ކުދިންނަށް އެހީވެދެން ފެށިއެވެ.

 

   ”އެންމެން އެކުގައި ދާނީ“ ރަލީމް ބުނެލިއެވެ. ”އާނ، އާދޭ މިދިމާއައް“ ލިހާން ވެސް އެއްބަސް ވަމުން ދިމާއަކައް ހިނގައިގަތެވެ

  ”އެއްބަޔަކު މަޑުކުރަން ވީނު ޓެންޓު ކައިރީގަ“ ޒަމްހާ ބޭނުންވާ ގޮތް ބުނެލިއެވެ. ”އެއްޗެއްސައް ގޮތެއް ވެއްޖެއްޔާ“ ޒަމްހާ ސަބަބު ބަޔާން ކުރިއެވެ. ”އޯހް، އެއައްވުރެ ދެރައެއްނު މީހަކައް ގޮތެއް ވެއްޖެއްޔާ“ ނިޒާލް އެކަމައް އިންކާރު ކުރިއެވެ. ”ތެދެއް، ހިނގާ ދާން“ ރަޝާ އަވަހައް ބުނެލިއެވެ. ފަސްގަނޑަށް ދަނޑި ހަރަމުން އެކުދިން ހިނގައިގަތެވެ. ވާހަކައިގައި ތިބެގެން ވަގުތު ދިޔަ ގޮތް ވެސް ނޭންގެއެވެ. ރަށުގެ އަތިރިމަތިން، މޫދުކައިރިން ލާފައި ހިނގަމުން ދިޔައެވެ. ”އޭތް… މިތަނުން އެބަ ވަރައް އަޑިއައްދޭ“ ރަލީމް އުފަލުން ހެވިފައި ބުނެލިއެވެ. ހަމަ އެވަގުތެވެ. ”އޭތް.. މިތަންވެސް“ ދާދި ގާތުގައި ހުރި ނިޒާލް ވެސް ބުނެލިއެވެ. ”މިތަން ވެސް“ ރަޝާ ތަންކޮޅެއް ދުރައް ގޮސް ފައި ދަނޑި ހަރާލަމުން ބުނެލިއެވެ. ”ހާދަ ބޮޑު ވަޅުގަނޑެއް“ ނިޒާލްގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ”ކޮނެބަލަ، އެނގިދާނެއެއްނު“ ލިހާންގެ ޖުމްލަ އައް ޒަމްހާ އާއި ރަލީމް ކޮންނަން ފެށިއެވެ. ނިޒާލް އާއި ރަޝާ ވެސް އެކުދިންނާއި ބައިވެރިވެގެން ކޮންނަން ފެށިއެވެ.

   އެންމެންވެސް ކޮންނަން ފެށިއެވެ. މާ ބޮޑު އުނދަގުލަކާއި ނުލައި ކޮނެވެން ފަށައިފިއެވެ. ކުރިން ވެސް ކޮނެފައި ވާ ތަނެއް ކަން އެކުދިންނައް ޔަޤީން ވެގެން ދިޔަ އެވެ. ތިންފޫޓައް ކޮނެ ވިއްޖެއެވެ. އަދިވެސް ކޮޅު ފެންނަ ގޮތެއް ނުވެއެވެ. މިހާރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ވަރުބަލި ކަމެވެ. ފަސްފޫޓައް ކޮނެވިއްޖެއެވެ. އެކުދިން ދާހިއްލައިފިއެވެ. ކުއްލިއަކައް އިވުނީ ދަގަނޑު އެއްޗެއްގައި ދަގަނޑު ޖެހުމުން ކިޔާ އަޑެވެ. ހުރިހާ ކުދިންވެސް އަޑު އައި ދިމާއައް މޫނު އަނބުރާލިއެވެ. ޒަމްހާ ހުރީ ހައިރާންވެފައި ވަޅުގަނޑައް ބަލަހައްޓައިގެންނެވެ. ”ކިހިނެއްވީ؟ “ ރަލީމް އައިސް ވަޅުގަނޑު ބަލައިލިއެވެ. ”އެންމެން ވެސް މި ވެލިގަނޑު ސާފު ވާންދެން ކޮނެބަލަ“ ނިޒާލް ފަކީރާ ފަސްގަނޑުގައި ޖައްސާލަމުން ބުނެލިއެވެ.

     އެއްކޮއް ފަސްގަނޑު ކަހައިލެވިއްޖެއެވެ. އެކުދިންނައް ފެނުނީ ދަބަރު ޖަހައި ބޯ ވެފައިވާ 10 ފޫޓު 10 ފޫޓުގެ ދަގަނޑު ދޮރެކެވެ. ހީވަނީ ވަރައް ސިއްރުވެރި އެއްޗެއް ރައްކާކުރަން ހަދާފައި ވާ ދޮރެއް ހެންނެވެ. އޭގައި އިނީ ބޮޑު އަނބުރާ ސަގަރެކެވެ. ސަގަރު ގައި ވެސް ވަނީ ދަބަރު ޖަހާ ބޯވެފައެވެ. ހީވަނީ ވަރަށް ޒަމާން ވެފައިވާ ތަނެއް ހެންނެވެ. ނުވަތަ ވަރައް ގިނަ ދުވަހު ބޭނުން ނުކޮށް އޮތް ތަނެއް ހެންނެވެ. ”ހުޅުވާނީތަ“ ނިޒާލް އަހާލީ އެކުވެރިންގެ މަޝްވަރާ އަކަށެވެ. ”ނޫން ނޫން ނޫން…. މަ އެބަ ބިރުގަނޭ“ ޒަމްހާ ވަގުތުން ދެކޮޅު ހެދިއެވެ. ”މަ ބޭނުންވަނީ ކޯއްޗެއްތޯ ބަލާލަން“ ރަޝާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ. ”މަ ވެސް“ ރަލީމް އާއި ލިހާން އައް އެއްފަހަރާ ބުނެލެވުނެވެ. ”އެހެންވީމަ ވަންނާނީ….ހިނގާބަލަ ހުޅުވޭތޯ ބަލަން…“ ނިޒާލްގެ ޖުމްލައައް ދެކޮޅު ހަދަން ނުކެރުމުން ޒަމްހާ ވެސް ޖެހުނީ މަސައްކަތާއިގެން ކުރިއަށް ދާށެވެ. ބޭނުން ނުވިއަސް އެކުވެރިންނަށް އެހީ ވާށެވެ.

 ވަރުބަލިވެ ލޮޑުވެފައި ތިބުމުގެ ސަބަބުން އެކުދިން ބޭނުންވީ ވަރުބަލި ފިލުވާލާށެވެ. އެހެންކަމުން ދަގަނޑު ދޮރުގެ ވާހަކައިގައި އިރުކޮޅަކު ތިއްބެވެ. ”މަށައް ހީވަނީ ވަރައް ކުރީގަ އެއްޗެއް ރައްކާކުރަން ހަދާފައިވާ ތަނެއް ހެން..“ ރަލީމް ބުނެލިއެވެ. ”މަށައް ހީވަނީ އެއީ ތާރީޙީ ބަންކަރެއް ކަހަލަ ތަނެއްހެން..“ ރަޝާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ. ”ކޮންމެ ގޮތެއްވިޔަސް ހުޅުވީމަ އެނގިދާނެތާ..“ ނިޒާލް ތެދުވެ ގައިން ވެލި ފޮޅާލިއެވެ. އެއާއެކު ދެންތިބި ކުދިންވެސް ގައިން ވެލި ފޮޅާލިއެވެ.

  އެކުދިން ދޮރުފަތާއި ކައިރިވެލިއެވެ. ”ކިހިނެއް ހުޅުވާނި“ ލިހާން ދޮރުފަތުގައި އަތް ކާއްތާލަމުން ކަންބޮޑުވުން ފާޅު ކުރިއެވެ. ”ސަގަރު އަނބުރާ އަނބުރާ ފައި މި އެތި ތާށި ވީމައި ދެން ޖެހޭނީ ހުޅުވަން….. މިބުނީ މި ދޮރުފަތް ދެފަރާތުން ހިއްލަން ޖެހޭނީ“ ނިޒާލްގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ކުލަވަރެވެ. ”އެކަމަކު ވަރައް ވަރު ހުންނަން ޖެހޭނެ އިނގޭ!“ ނިޒާލް ކަންތައް ކުރާންވީގޮތް ކިޔައިދިނެވެ. ފުރަތަމަ ސަގަރު އަނބުރަން ނިޒާލް ކައިރި ވެލި އެވެ. އަދި އޭގެ ބުރުގައި ހިފަހައްޓާފައި އަނބުރަން ފެށިއެވެ. އަނބުރާ އަނބުރާ ވަރުބަލި ވީއިރުވެސް އޭތި ތާށި ވާ ގޮތެއް ނުވިއެވެ.“މިއީ ކޮންކަހަލަ ތަނެއް“ ދޮރުފަތުގައި އަތް ކާއްތާލައި ދަބަރުކޮޅެއް ނައްޓާލަމުން ރަޝާ ބުނެލިއެވެ. ދެވަނައަށް ރަލީމް އައިސް ކައިރިވެލިއެވެ. އަދި އޭޢގެ މަތީގައި އިށީންދެ އިނދެ އަނބުރަން ފަށައިފި އެވެ. މާ ގިނަ އިރެއް ނުވެ އެވެ. އެހެން ކުދިންގެ އެހީއާއެކު ވަރައް ބޮޑުބައި އަނބުރާލެވިއްޖެ އެވެ. އެންމެން ވަރުބަލި ވީ އިރުވެސް ކާމިޔާބު ވާ ގޮތެއް ނުވި އެވެ. ”ވަރުބަލި ވެއްޖެ“ ޒަމްހާ ޖީބުން ފެންޕަކެޓެއް ނަގައި ބޯން ފެށިއެވެ. ރަޝާ ވެސް އިރުކޮޅެއްނުވެ ވަރުބަލި ވެގެން ޒަމްހާގެ ގާތުގައި އިށީންދެއްޖެއެވެ. ފަހަރަކު މީހަކު ވަރުބަލިވެގެން މަސައްކަތް ހުއްޓާލައިފިއެވެ. މިހާރު ހުރީ ނިޒާލް އެކަންޏެވެ. “ ހާދަ އަވަހަކައް ވަރުބަލިވީ… “ ނިޒާލް ހީލަމުން ގޮސް ރަލީމް އާއި ލިހާން ކައިރީގައި ޖައްސާލިއެވެ.

    “ މާ ގިނައިރެއް ނުވެ އެވެ. މީހަކު ފަސް ހަ ފަހަރު އަނބުރައިގެން ސަގަރު ތާށި ވެއްޖެ އެވެ. ”އާހް….“ ޒަމްހާ ފުންނޭވައެއް ދޫކޮއްލި އެވެ.“އަދި މަސައްކަތެއް ނުނިމެޔޭ!“ ނިޒާލް ބުނެލިއެވެ. ”ހިނގާ މި އެތިގަނޑު ހިއްލަން..“ ލިހާން ދެންތިބި ކުދިންގެ ސަމާލުކަން ހޯދަމުން ބުނެލިއެވެ. ލިހާން އާއި ރަލީމް އަދި ޒަމްހާ އެއްކޮޅުގައި ހިފިއެވެ. ރަޝާ އާއި ނިޒާލް އަނެއް ކޮޅުގައި ހިފިއެވެ. ގައިގައި ނެތް ބާރު ނެރެގެން އޭގައި ހިފައި ހިއްލަން މަސައްކަތް ކުރިއެވެ. ދެތިނފަހަރަކު އުޅެގެން އެއްކޮއް ދޮރު ހުޅުވާލެވިއްޖެއެވެ. ރަލީމްގެ ހިތައް ފުރަތަމަ ފަހަރައް ބިރުވެރިކަން ވަނެވެ. އެތެރެ އަނދިރި ކަމުންނެވެ. ނާމާން ވެފައި ބިރުވެރި ވައްތަރު ޖަހާތީ އެވެ. ”ހަމަ ދާނީތަ… މިބުނީ… ވަންނާނީތަ“ ވަންނަން ފަސްޖެހޭ ގޮތް ދައްކަމުން ރަލީމް ބުނެލިއެވެ. ”އައްދެ.. ތިހެން ހެދީމަ ކިހިނެއް… ފިނޑި ނުވެބަލަ“ ރަޝާ ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ. ”ފިނޑީ ކީއެއް ނޫން… ގޮތެއް ވެއްޖެއްޔާ ކިހިނެއް ހަދާނީ…“ ރަލީމް ކުދި ކިޔަން ފެށި އެވެ. ރަލީމް ގެ ޖުމްލަ ލިހާން އަކައް ކަމަކު ނުދިޔަ އެވެ. ”ތިހެން ނުކިޔަބަލަ… ކުސްތަޅާ މީހުންދެކެ މަ ވަރައް ފޫހިވޭ“ ލިހާން ފޫހި ގޮތް ދައްކަމުން ބުނެލިއެވެ.

  މަޝްވަރާ އަކައްފަހު، ފަހު ވަގުތު އެންމެން އެއްބަސް ކިޔާފައި ޓޯޗް ދިއްލަމުން އެތެރެއައް ވަންނަން ފެށިއެވެ. އަޑިއައް ފައިބަން ހަދާފައި ހުރި ދޫ، ދަބަރުބޯ ސިޑިބަރިން އެކުދިން ފައިބަން ފަށައިފިއެވެ. ބިރުން ތިބެ ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ދިޔައެވެ. އެއީ ބަންކަރެއް ކަހަލަ ތަނެކެވެ. މުޅި އެ ބަންކަރު ވެސް ވަނީ ދަގަނޑު ތަކުގައި ދަބަރު ޖަހައި ދަބަރުން ދަގަނޑު ތައް ބޯ ވެފައެވެ. ދަގަނޑު ފާރުތައް ވަނީ ހަލާކުވެ ވެއްޓެން ކައިރި ވެފައެވެ. ބިންމަތީގައި ވަނީ ކުނިބުންޏެވެ. ކުދި ކުދި މުށި ކޮޅު ކޮޅާއި ފީވެފައިވާ ދަގަނޑުގެ އެތި އެތި ކޮޅެވެ. ކުދި ކުދި ދަބަރު ކޮޅާއި އިސްތައްޓެވެ. ނިޔަފައްޗެވެ. މުޅި ތަނައް ވެރިވެފައި ވަނީ ނާމާން ބިރުވެރި އަނދިރި ކަމެކެވެ. ބިންމަތީގައި ކެހެރި، ލޭ ފަދަ ތަކެތި ވާއިރު، ދަގަނޑު ފާރުތަކުގައި ބިހުގެ ލޮނދި އުނގުޅިފައި ހުރެއެވެ. ލެޔާއި އެކުވެފައިވާ ދަވަ އާއި ލޮނދީގެ ސަބަބުން ހީވަނީ މިއީ ނާމާން ތަނެއް ހެންނެވެ. ކުއްލިއަކައް، އިވުނީ ތޫނު އެއްޗަކުން ނުވަތަ ތޫނު ނިޔަފަތިން ދަގަނޑުގައި ވަކަ އަޅާ އަޑެވެ. އެއްޗެއް ތަނަކު ކޭއްތޭ އަޑެވެ. ނުވަތަ ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެން ދާ އަޑެވެ. ތަނައް ވެރިވެފައިވާ ހަމަހިމޭންކަން ނަގައިލީ މިއަޑުތަކެވެ. މިކަހަލަ ނާމާން އަޑު އިރު އިރުކޮޅާ އިވެން ފެށި އެވެ. ސިއްސަ ސިއްސައިގެން ގޮސްފައި އެކުދިންނަށް ފަރާތް ފަރާތް ބެލެން ފެށިއެވެ. އެކި ދިމަ ދިމާލައް ޓޯޗުން އަލި ކުރެވެން ފެށުނެވެ.

    އެތެރެއައް ވަންނަމުން ދިޔަ އެކުދިންގެ ހިތުގައި ވަނީ ބިރުވެރި ކަމެވެ. ނާމާން ކަމެވެ. ހިތުގެ ތެޅުން ބާރު ވަމުން ދިޔައެވެ. ވާން އުޅޭ ނުވަތަ ވެގެން އުޅޭ ގޮތެއް އެނގެނީކީއެއް ނޫނެވެ. އެންމެންގެ ހިތުގައި ވަނީ ބުނެދޭން ދަތި ބިރުވެރިކަމެކެވެ. ދުރު ދުރަށް ދާން އޮތް ހަނި މަގުތަކުން ކުރިއައް ދަމުން ދިޔައިރު ދަގަނޑު ތޭރި ތަކާއި ކޮށި ތައް ދެފަރާތުން ފެނެއެވެ. ނިމުމެއް ނެތް ކަހަލަ މަގުތަކުން އެކުދިން ހިނގަމުން ގޮސް އަނދިރި ތަކުގެ އެތެރެއަށް ވަދެ ގެއްލިއްޖެއެވެ. ދެން އެކުދިން ކުރިމަތި ލާނީ ކޮންފަދަ ކަމަކާ ކަމެއް އެއްގޮތަކަށް ވެސް ނޭންގެއެވެ. ކޮންކަހަލަ ނާމާން ބިރުވެރި ކަމަކާ ކަމެއް ނޭންގެއެވެ. އެކުދިން ވަނީ މަގު ގެއްލި ވާނުވާ ގަނޑެއްގެ ތެރެއައް ވަދެވިފައެވެ. ވެއްޓުނު އަނދަވަޅުން އަރާނެ ގޮތެއް ނޭންގިފަ އެވެ. އެއައްވުރެ ބޮޑައް އެކުދިންގެ ހާސްކަމާއި ބިރުވެރިކަން ބޮޑެވެ.

   ހެނދުނުގެ ރަތް އަވި ދިއްލާފައި ވާ ވަގުތެވެ. ހދ.ކުމުންދޫ ރައްޔިތެއް ކަމައްވާ ހައްވަ، އަވަސް ހިނގުމެއްގައި މިސްރާބު ޖެހީ އޭނާގެ ދުވަސްވީ އެކުވެރިޔާގެ އަރިހަށެވެ. ”ޢައްސަލާމު ޢަލައިކުމް“ ގޭގެ ދޮރުމައްޗައް އަރާފައި ހައްވަ ސަލާމް ގޮވާލިއެވެ.

   ”ވަޢަލައިކުމުއް ސަލާމް“ ގޭގެ އެތެރެއިން ނިކުތީ ސަލީމާ އެވެ. ރަޝާ އާއި ރަލީމްގެ މަންމަ އެވެ. ”އައްދެ ހައްވަ ހާދަ ހާސްވެފަ…. ކިހިނެއްވީ؟“ ޖޯލިފަތީގައި އިށިންނަން ބުނުމައްފަހު ސަލީމާ އައީ ދުފާ ތަބަކެއް ހިފައިގެންނެވެ. އައި ގޮތަށް އައިސް ހައްވަ ކައިރީ އިށީނެވެ.

  ”އަދިވެސް އެކުދިން ނާދޭތަ؟…. “ ހައްވަ ކަންބޮޑުވި ސަބަބު ހާމަކުރިއެވެ. ”އޯހް… އެވާހަކަ ދޯ… އެކުދިން ހީވަނީ ރޭކޮއްފަ މެންދުރު އަންނާނެހެން… ”. ސަލީމާ ބުނެލިއެވެ. ”މިހާރު އެހެރަ ދިހައެއް ޖަހާ ބޮޑުވަނީ…. އެކަމަކު ބުންޏެއްނު ހެނދުނައް އަންނާނަމޭ…. “ ހައްވަ އަދިވެސް އިނީ ހާސްވެ ކަންބޮޑުވެފައެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެގޮތައް ދާން ހުއްދަ ދިނީވެސް އާދޭސް ކުރާތާ 2 ދުވަސް ވީ ފަހުންނެވެ. ”އާނ… ތިހެން ބުނި އެކަމަކު.. ހަމަ ވަގުތައް ނާދެވިދާނެތާ… އަންނާނެޔޭ“ ސަލީމާ އަށް ހައްވަ ހާސްވެފައި ވާ ވަރު އެނގުމުން ބުނެލިއެވެ. ހައްވަ އެގެއިން ދިޔައީ ހުރިހާ ހާސްކަމެއް ފިލުވަލާފައެވެ.

   މެންދުރުފަހު 2 ޖަހައިފިއެވެ. ހައްވަ ގޭގައި އެނބުރެނީ އެވެ. ހާސްވެގެން ތެޅިފޮޅެނީ އެވެ. އެންމެފަހުން ގެއިން ނުކުމެގެން ހިނގައްޖެއެވެ. ހައްވަ މިސްރާބުޖެހީ ސަލީމާ މެންގެ ގެއާ ދިމާ އަށެވެ. ފަހަރަކައްވުރެ ފަހަރެއް ހިނގުން ބާރުވެއްޖެއެވެ. ގޭގެ ދޮރުމައްޗައް އެރުމާއެކު ހައްވަ ސަލާމް ގޮވާލައިފިއެވެ. އަދި ސަލާމް ބަލައިގަތުމާއެކު ކުރިން ވެސް އިށީން ޖޯލިފަތީގައި އިށީން ދެއްޖެއެވެ. ”މިހާރު މަވެސް ހާސްވެއްޖެ! އެކުދިން ނައް ކޮންމެވެސް ގޮތެއް ވެއްޖެ ކަމައް މަގޭ ހަވަނަ ހިއްސު އެބަ އަންގާ“ ސަލީމާ ހައްވަ އައް ވުރެ ކުރިން ވާހަކަ ފަށައިފިއެވެ. ”އަވަހައް ފުލުހުންނައް ރިޕޯޓު ކުރަމާ!“ ސަލީމާގެ ޖުމްލައިން ހައްވަ މާ ބޮޑައ ހާސްވެއްޖެ އެވެ. ”އުހޫނ… ފުލުހުންނައް ރިޕޯޓު ކުރާނީ މިރެއި… ވާގޮތެއް ބަލާފަ..“

   ހައްވަ އަވަހައް އެގެއިން ނުކުމެއްޖެއެވެ. ގެއައް ގޮސް އަމިއްލަ މަސައްކަތާއިގެން ކުރިއައް ދާން ފަށައިފިއެވެ. ހާސްކަން ކަނޑާލައި މަސައްކަތެއްގައި އަވަދިވުމަށެވެ. ކުނާ މަތީގައި ދެފައި ދަމާލައިގެން އިށީންދެ އިނދެ ފަހަރަކު އެއްޗެއް ފެންގަނޑުން ނަގައި ކުރިމަތީގައި ބާއްވާއްލަ އެވެ. އަދި ހަމަޖެހިލައިގެން އިނދެ ބޮނބިތަޅާން ފަށައިފިއެވެ. މަސައްކަތާއިގެން ކުރިއައް ދިޔަ ވަރަކައް ހައްވަގެ ހިތުގައި އޮތް ހާސްކަން ފިލަން ފަށައިފިއެވެ.

  މަސައްކަތް ނިންމާފައި، ވަރުބަލިވެގެން ހައްވަ ފެންވަރައިގެން އައިސް އޮށޯތެވެ. ވަރުބަލިކަމާއި ތެދުވެ އުޅުމުގެ ހަކަތަ ނެތުމުގެ ސަބަބުން ދެލޯ މަރާލިއިރަށް ހައްވަ އައް ނިދިއްޖެއެވެ.

  ހައްވަ އައް ހޭލެވުނީ ކުޑަދޮރުން ވަންނަމުން ދިޔަ ހަވީރުގެ ފިނިފިނި ރޯޅިތައް ގައިގައި ބީހެން ފެށުމުންނެވެ. ފިނިކަން އިހުސާސްވެ، ހީކަރުވަން ފަށައިފިއެވެ. ގައިގެ މަތީގައި ހީފިލުވަން އަޅާފައި އޮތް ރަޖާގަނޑު އެއްފަރާތް ކޮއްލަމުން، ހައްވަ ކަންނެތް ގޮތަކައް އެނދުން ތެދުވިއެވެ. އަދި ތަންމަތި އަޅާލުމައްފަލު ގިފިއްޔައް ވަދެ މޫނުދޮވެލައިގެން ނުކުތެވެ.

   ޢަސްރު ނަމާދުކޮއް ނިންމާލަމުން ހައްވަ ނުކުތީ އާދައިގެ މަތިން ގޭކައިރީ ހަދާފައި ހުރި ފިނި އައްޓަށެވެ. މައި ދޮރާށި ހުޅުވާލުމާއެކު ފިނި އަށީގައި އަޗާތަޅަން ތިބި މީހުންތައް ކައިރިއައް ހިނގައިގަތެވެ.

  ”އޭ ހައްވާ… މިއަދު ހާދަ ލަސްވީ… އަނެއްކާ ކީއްވީ؟…“ ހައްވަ އައް އެހިސާބައް ނުދެވެނީސް ދަލޭކަ ގޮވައިލިއެވެ. ”ހޫނ… ކުޑަކޮއް ނިދި ޖެހޭ ގޮތްވީ..“  ހައްވަ ބުނީ ލަސްލަހުންނެވެ. ”ބަލަ ކުޑަކޮއް ނިދިޖެހުމުން… އެހާ ލަސްވޭތަ؟“ ދަލޭކަ  ކައިރީގައި  އިން ސަންފަ ލާނެތް ގޮތަކައް ބުނެލިއެވެ.

   ”އެނގޭތަ ރޭގަ މަސްދޯންޏެއް ގެއްލުނުކަން…“ މަޢުލޫ ބަދަލުކޮއްލުމައްޓަކައި ހައްވަ އަށީގައި އިށީންނަމުން ފެށީ އެހެން ވާހަކައެކެވެ. ”އާން ތިދެން މިހާރު ޢާންމު ވަހަކައެއް…“ ފޫހި ގޮތް ދައްކަމުން ސަންފަ ބުނެލިއެވެ.

   މިކަހަލަ އަނގަ ތެޅުން ތަކެއްގައި ތިއްބާ ދުނިޔެމައްޗައް އަނދިރިކަން އަތްގަދަ ކުރަން ފަށައިފިއެވެ. މަޤްރިބް ނަމާދުގެ ބަންގީގެ އަޑާއެކު އެންމެންވެސް ގެއައް ވަދެ ނިމިއްޖެއެވެ.

  އިޝާ ނަމާދުން ފައިބައިގެން މީހުން ގެއައް އަންނަން މިސްރަބު ޖަހާފައިވާ ވަގުތެވެ. ހައްވަގެ ހާސްކަން ކޮޅުންލައިފިއެވެ. ހަރު ހިނގުމެއްގައި ގޮސް ސަލީމާ މެންގެ ގޭގެ ދޮރުމައްޗައް އެރިއެވެ. ބަޔަކު ވާހަކަ ދައްކާ އަޑުއިވޭތީ މަޑުކޮއްލިއެވެ.

  “ ހައްވަ އައް ހިއްވަރު ދިނަސް މަވެސް މިހާރު ހާސްވެއްޖެ… އެހެންނު ވާނީ… މިހާރު މިއޮއް އަނދިރިވީ…“ ސަލީމާގެ ވާހަކަ އަޑުއިވުމުން ހައްވަ ސަލާމް ގޮވައިލިއެވެ. އެޔާއެކު ސަލީމާ ކަރިނަ ފުހެލަމުން ސަލާމް ބަލައިގަތެވެ. އަދި ދެމީހުން އެކުގައި ޕޮލިސް ސްޓޭޝަނާއި ދިމާއައް ހިނގައިގަތެވެ.

  ފުލުހުންގެ އިދާރާ އާއި އަރާ ހަމަވުމާއެކު އެމީހުން އެތެރެއައް ވަދެ ރޮމުން ހުރިހާ ވާހަކައެއް ބަންޑުން ކޮއްލިއެވެ. އެވަގުތަކީ ޒުލޭޙާ، ފުލުހުންގެ އިދާރާއައް ވަންނަން އައި ވަގުތެވެ. ޒުލޭޙަ އަކީ ނިޒާލްގެ މަންމަ އެވެ. އޭނާ ވެސް އެއައީ އެވާހަކަ ދައްކާށެވެ. ”އަޅުގަނޑުމެން ހަމަ މިހާރު މި މަސައްކަތް ފަށަނީ… ދައްތަމެން ހާސްވެ ނުލައްވާ…“ ފުލުހުންގެ އިދާރާގެ ބޮޑުމީހާ ވާހަކަ ދެއްކިއެވެ.

   ދެތިން ރަށެއްގެ ފުލުހުންގެ އެހީތެރިކަމާއެކު ހދ.ކުމުންދޫ ފުލުހުން ހދ.މާވައިދޫއައް މިސްރާބު ޖަހައިފިއެވެ. ބޭނުންވާނެ ހެން ހީވާ ހުރިހާ އާލާތް ތަކާ އެކުގައެވެ.

  ފުލުހުންގެ ލޯންޗު ކަނޑުގައި ބާއްވާފައި އޮތެވެ. މިހާރު އޭގައި ތިބި ފުލުހުން ތައްޔާރުވަމުން ދިޔައީ ޑިންގީ އައް ސާމާނު ތައް ލުމައްފަހު އެއްގުރޫޕު ރައް ބަލައިލަން ދިއުމަށެވެ.

   ރައް ބަލައިލަން ދާން ހަމަޖެހުނު ގުރޫޕުގެ އިސް ކޮމާންޑަރު އަބްދުﷲ ޒުހުދު، އޭނާގެ ފަޅުވެރިންނާއެކު ޑިންގީ އައް އަރައި ހަމަޖެހިއްޖެ އެވެ.

  ޑިންގީ އާއި ލޯންޗުގެ ދެމެދުގައި ޖަހާފައި އިން ވާފައް މޮހާލައި، ފެންކަފާފައި ދާ ދުރު ރާސްތާ މިސައިލެށް ހެން ބާރު ސްޕީޑުގައި ދިންގީ ނައްޓާލައިފިއެވެ. ރަށުގެ ގޮނޑުދޮށާއި ކައިރިވުމުން ފަހަރަކު މީހަކު ފައިކުރި އޮޅާލައިގެން ފައިބައިފިއެވެ.

  ޒުހުދުގެ އިރުޝާދުގެ ދަށުން ދެން ތިބި މީހުން ޑިންގީ އިން ސާމާނުތައް ބައިލައިފި      އެވެ. ޑިންގީގެ ކައްޕި ލޯންޗާއިދިމާއައް ދުއްވަލިއެވެ.

  ޓޯޗުން އަލިކުރަމުން އެގުރޫޕުގެ މީހުން ރައް ވަށައިގެން ހިނގަން ފެށިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުން ނަމަ އެކުދިން އައީ ވެލާ ބިސް ނަގާށެވެ. ދެސަފައް އެތުރިލައިގެން ޓޯޗުން އަލި ކުރަމުން ދިޔަ އިރު އެއްވެސް މީހެއް ވާހަކައެއް ނުދައްކައެވެ. ރައް ވަށައިގެން ހިނގަމުން ދިޔައިރު ކޮންމެ މީހަކުވެސް އެތަން މިތަނައް ކަޅި އުކަމުން ދިޔަ އެވެ.

   ރަށުގެ ދެބައިކުޅަ އެއްބައި ހިނގިއްޖެއެވެ. އަދިވެސް އެކުދިން ރަށުގައި ތިބި ކަމުގެ އިޝާރާތެއް ވެސް ނުފެނެއެވެ. އެކަމަކުވެސް ހިއްވަރާއެކު ޒުހުދުގެ ގުރޫޕު މަސައްކަތް ކުރަމުން ދިޔަ އެވެ. މިހާ ގިނަ ވަގުތުތަކެއް ހިނގި އިރުވެސް އެއިން އެކަކުވެސް އަނގައިން ބަހެއްވެސް ނުބުނެއެވެ. އިސް މީހާގެ އިރުޝާދާއި އެއްގޮތައް މަސައްކަތް ކުރަމުން ދިޔައީ އެވެ. އެއްވެސް ފަރުވާ ކުޑަ ކުރުމެއް ނެތި އެވެ. އަދި އެއްވެސް ދެކޮޅުހެދުމެއް ނެތި އެވެ.

   މިހާރު މަސައްކަތް ފެށިތާ ގަޑިއިރެއް ފާއިތުވެ ހިނގައްޖެއެވެ. އަދި ވެސް އެކުދިންގެ އެއްވެސް ހިލަމެއް ވަހުމެއް އަދި އެކުދިން ވީ މިރަށުގައި ކަން އެނގޭނެ ހެއްކެއްވެސް ފެންނާކައް ނެތެވެ.

  ހަލުވިކަމާއެކު އަޅަމުން ދިޔަ ފިޔަވަޅުތަކައް ލަސްކަމެއް އައީ މޫދުގައި އޮތް ބޮއްކުރާ ފެނުމުންނެވެ. ޒުހުދުގެ ފަހަތުގައި ހުރި ފުލުސް މީހާއައް އެވަގުތު ލޮލުގައި އަޅައިގަތީ ހޭޅިފަށުގައިޖަހާފައި ހުރި ޓެންޓެވެ. ޓެންޓުގެ ލުއި، ތުނި ފޮތިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ.

  އެއައްފަހު މި ގުރޫޕުގެ ބައިވެރިން ބޮއްކުރައާއި ކައިރިއައް ދިއުމައް ހިނގައި   ގެންފިއެވެ. ދެން ޒުހުދު އިރުޝާދު ދިނީ ސަފުތައް ރޫޅައިލުމަށާއި ދިރާސާކޮއް ވާހަކަ ދެއްކުމަށެވެ. އެއްބަޔަކު ބޮއްކުރާގެ ވަލުގައި ހިފާ އެއްގަމާއި ކައިރިއައް ދަމަމުން ދިޔައިރު، އަނެއް ބަޔަކު ބޮއްކުރަ އައް އެރެނީ އެވެ.

  ”މިއީ އެކުދިން އައި ބޮއްކުރާ…“ ރައްފާން އަތުން ބޮއްކުރާގެ ލަކުޑި މަޅު ތަކުގައި އަތް ކާއްތާލިއެވެ. ލޮނު ބުރައިފައި ހުރި ތަންތަނުގައި އަތް ކާއްތަމުން ދިޔައެވެ. ދިޔަ ހިއްކަން ވެސް ފަށައިފިއެވެ. މަޅުތައް ނަގައި ވަތް ތައް ބަލަން ފަށައިފިއެވެ. ދެ ފަލި ނަގައި ބަލައިލިއެވެ.

  ކުއްލިއަކައް ޖާއިންގެ ލޮލުގައި އަޅައިގަތީ ދައްޗެކެވެ. ބަލާބެލުމައް ވަރައް އާ ދައްޗެކެވެ. ހީވަނީ ބުރުގާ ހަރުކުރަން ނުވަތަ ނުވެއްޓި ބާއްވަން ބޭނުންކޮއްފައިވާ އެއްޗެއް ހެންނެވެ. ”މި ވެދާނެ އެއިން ކުއްޖެއްގެ ބުރުގާ ނޫނީ ހެދުމުގައި އިން ދައްޗެއ ކަމައް…“ ޖާއިން ބޮއްކުރައިން ފައިބައިފައި، މިސްރާބުޖެހީ ފިޔަވަޅުތައް ދިރާސާ ކުރަން މަސައްކަތް ކުރަމުން ދިޔަ ޒުހުދު އާއި ދިމާ އަށެވެ.

   ”ސާރ… މިއީ ބޮއްކުރައިގެ ދެމަޅު ދޭތެރޭގަ ތާށި ވެފައި ހުރި އެއްޗެއް… ހީވަނީ ބުރުގާ ހިފަހަޓަން ބޭނުން ކޮއްފައި ވާ އެއްޗެއް ހެން… މި ދަތި ވަރައް އަލެއް ނޫންތޯ؟ “ ޖާއިންގެ ޖުމްލައައް ޒުހުދު ދަތި ނަގާ ރަނގަޅައް ބަލައިލިއެވެ. އަދި ޖީބުން ޕްލާސްޓިކް ޕަކެޓެއް ނަގައި ދަތި އެއައްލައި ބަންދު ކުރުމައްފަހު ޖާއިން އައް ދިއްކޮއްލިއެވެ.

  ”މި އެތި އަތުގަ ބާއްވާތި! ބޭނުމެއް ޖެހިދާނެ ހެން ވެސް ހިވޭ!“ ވަރައް ނޫން ގޮތަކައް ޒުހުދު ބުނެލިއެވެ. އަދި އެއަފަހު އެންމެން އެއްކޮއް، ޓެންޓު ހާވުމުގެ މަސައްކަތް ފެށުމައް އެއްގިއެވެ.

  ފުރަތަމަ ފަސް ހަ ވަރަކައް މީހުން ވެގެން ވަރުގަދަ އައް ބިމައް ޖަހާފައި ހުރި ޓެންޓު ބިމުން ލުހެލައި އެއްކައިރި އެއްގައި ބޭއްވި އެވެ. އަދި ބައެއް މީހުން ވެގެން މަޑުމަޑުން ޓެންޓުން އެއްޗެހިތައް ނެރެން ފެށިއެވެ.

  އަނެއް ބައި މީހުން ޓެންޓުން ނެރޭ ތަކެތި ދިރާސާ ކުރަން ޓޯޗު ހިފައިގެން ތިއްބެވެ. މި މަސައްކަތް ދިޔައީ ވަރަށް ބުރަކޮށެވެ. މި ކަމުގައި ގިނަ ވަގުތުތަކެއް ވޭތު ވެގެން ދިޔަ އެވެ. ނަމަވެސް، އެ ކުދިންގެ އެއްވެސް ހިލަމެއް ނުވި އެވެ. އެންމެފަހުން މިކަމުން އަވަދިވުމުން ގިނަ މީހުން އެއްބަސްވި ފަދައިން މި މަސައްކަތް ބަހައްޓާފައި ކުރިއައް ހިނގައިގަންނަން ފަށައިފިއެވެ.

  އެއްބަޔަކު ބިމައް އަލި ކުރަމުން ފިޔަވަޅުތައް ބަލަމުން ކުރިއައް ހިނގަމުން ދިޔަ އެވެ. ރާޅު ފެންގަނޑު ތެރެއައް ގޮސް ނުވަތަ ރާޅު ޖަހައި ބައެއް ފިޔަވަޅު ތައް ވަނީ މަޑު ކިރުކޮޅެއް ފަދަ ދޮންވެލި ގަނޑުން ފުހެވިފައެވެ.

  ހިނގަމުން ކުރިއައް ދިޔަ ވަރަކައް ހަޤީޤަތް ހޯދުމުގައި ކެތްމަދުވެފައި ތިބި މީހުންގެ ހިތް ބާރައް ތެޅެމުން ދެއެވެ. ކުރިއައް އޮތީ ކޮންކަމެއްތޯ ބަލާލުމުގައި އަވަސް އަރުވާލައިފައި ތިއްބެއް ކަމަކު މަސައްކަތުގައި ފަރުވާތެރި އެވެ. އެކަކުވެސް ފަރުވާ ކުޑަ ކުރާތަނެއް ނުފެނެއެވެ. ފެންބޯން ހުއްދަ ނުދެނީހައް ނުވަތަ ވަރުބަލި ފިލުވަލަން މިނެޓެއް ނުދެނީހަކަށް އެއިން އެކަކުވެސް ފެންބޯކައް ނާހައެވެ. ނޫނީ ވަރުބަލި ވެއްޖެ އެކޭ ވެސް ނުބުނެއެވެ.

  އެއައްވުރެ ބޮޑައް އެމީހުން އޭގެ ތެރެއައް ވަދެފައިވާ މިންވަރު މާ ބޮޑު ހެން ހީވެ އެވެ. ނޫނީ އެއައްވުރެ ބޮޑައް އެކަން ހޯދުމުގެ ޝައުޤުވެރިކަން ހުރީ ކަންނޭންގެއެވެ.

   އަވަސް މަސައްކަތެއްގައި ކުރިއައް ދިޔަ މީހުންގެ ތެރެއިން އެކެއްގެ ލޮލުގައި އަޅައިގަތީ 20 ވަރަކައް ފޫޓު ދުރުން ފެންނަމުން ދިޔަ ފަސް ފުންޏެކެވެ. ޔަޤީން ކޮއްލުމައް ޓަކައި އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. އަދި އެއައްފަހު ޒުހުދުގެ ސަމާލުކަމަށް އެކަން ގެނައެވެ.

   ”ސާރ… ދުރުން އެ ފެންނަނީ ކޮން އެއްޗެއްތޯ؟ ހީވަނީ ފަސްފުންޏެއް ހެން… ނޫންތޯ.. ”އެމީހާ ޒުހުދު ގާތައް ދާން ހިނގައި ގަންނަމުން ބުނެލިއެވެ. އާނ.. ހިނގާބަލަ އެދިމާލައް…“ ޒުހުދު އެންމެންގެ ސަމާލުކަން ހޯދަން އަތް ހިއްލާލަމުން ބާރައް ގޮވާލިއެވެ. އެއާއެކު ފިޔަވަޅުތައް ބަލާ ހޯދާ ދިރާސާ ކުރަމުން ދިޔަ އެއްމެން އެ މަސައްކަތް ހުއްޓާލުމައްފަހު ޒުހުދާއެކު ދެ ސަފައް އެތުރިގެން ފަހަތުން ހިނގައި ގެންފިއެވެ.

   އެ ފަސް ފުންޏާއި އަރައި ހަމަވުމާއެކު، އެންމެން ބިރުން ފަހަތައް ޖެހިލިއެވެ. ޒުހުދައް ވެސް ހުރެވުނީ ބަލަހައްޓައިގެން ގަނބު އަރާފައެވެ. ބޮޑު ދަނގަޑު ވަޅުގަނޑެކެވެ. ވަޅުގަނޑުގެ ފުންމިނުގައި ފަސް ވަރަކައް ފޫޓު ހުނަނާނެ ކަންނޭންގެ އެވެ. ފޫޓު ފުޅާމިނުގައްޔާއި ދިގުމިނުގައި 10 ފޫޓު ހުންނާނެ އެވެ. ވަޅުގަނޑުގެ ވަށައިގެން އެންމެން އެތުރިލި އެވެ. 

   ”މިއީ ކޮންތަނެއް“ ޒުހުދައް ބުނެވުނެވެ. ”ހީވަނީ ދަގަނޑު ބަންކަރެއްހެން… ޔަޤީނުން ވެސް ވަރައް ދުވަސްވެފައި ވާތަނެއްކަން އެނގޭ..“ އެތަނުން އޮފިސަރަކު ވަޅުގަނޑުގެ ކައިރީގައި އަޅާފައި އޮތް ދަގަނޑު ގަނޑައް އަލި ކުރަމުން ބުނެލިއެވެ.

  ”ހިނގާ އެތެރެއައް ވަންނަން…“ ޒުހުދުގެ ޓީމު އަވަސް އަވަހައް ޓޯޗު ހިފައިގެން އެތެރެއައް ވަންނަން ފެށިއެވެ. އަޑިއައް ފައިބަން ހުރި ދަބަރުޖަހައިފައިވާ ސިޑިބަރިން އެތެރެއައް ފައިބަން ފެށިއެވެ. ކޮންމެ މީހަކު ވެސް ފައި އަޅަނީ ވަރައް ބަލައިގެންނެވެ. ސިޑިބަރީގެ ހަރުފަތްތަށް ވަނީ ހަލާކު ވެފައެވެ. މޮހޮރުތައް ވަނީ ނެއްޓެން ކައިރި ވެފަ އެވެ. ސިޑިބަރި ވަނީ ދޫވެ ވެއްޓެން ކައިރިވެފައެވެ.

   ދަބަރުޖަހައި ބޯވެފައިވާ ދަގަނޑު ފާރުތައް ވަނީ ވެއްޓެން ކައިރިވެފައެވެ. ހަލާކުވެ ފައެވެ. ފުރާޅު ގައި ވަނީ ދަބަރު ޖަހާފައެވެ. ކޭބަލް ނަރު ތަކާއި ކަރަންޓު ނަރުތައް ވަނީ ނެއްޓިފައެވެ.

  ހަރުފަތް ތަކުން ފައިބައިފައި އެތެރެއައް ހިނގައިގަންނަން ފެށިއިރު އެންމެންގެ ވެސް ތިބީ ކޮންމެވެސް ވަރަކައް ބިރުގެންފަ އެވެ. އެތެރެއައް ވަންނަމުން ދިޔައިރު ފެންނަމުން ދިޔައީ މުޅިން އެހެން ކަހަލަ ތަނެކެވެ. ދަގަނޑު ކޮށި ތަކާއި ތޭރި ތަކެވެ. ބިންމަތީގައި ވަނީ އެކި ކަހަލަ ކުނިބުންޏެވެ. ކުދި ކުދި މުށި ކޮޅު ކޮޅާއި ފީވެފައިވާ ދަގަނޑުގެ އެތި އެތި ކޮޅެވެ. އިސްތައްޓާއި ނިޔަފައްޗެވެ. މީހުންގެ ގަބުރު ކައްޓެވެ. ބިންމަތީގައި ކެހެރި ލޭ ފަދަ ތަކެތި ހުރި އިރު، ދަގަނޑު ފާރުތަކުގައި ބިހުގެ ލޮނދި އުނގުޅިފައި ހުރެއެވެ. ލެޔާއި އެކުވެފައިވާ ދަވަ އާއި ލޮނދީގެ ސަބަބުން ހީވަނީ މިއީ ނާމާން ތަނެއް ހެންނެވެ. މުޅި ތަނައް ވެރިވެފައި ވަނީ ނާމާން ބިރުވެރި އަނދިރި ކަމެކެވެ. ފުން ހަމަހިމޭން ކަމެކެވެ.

  އެކި އެކި މަގު ތަކާއި ގޯޅި ތައް ފެންނަމުން ދިޔައެވެ. ޖެހުނު މަގަކުން ހިނގަމުން ދިޔަ އެވެ. އެކަކައް އަނެކަކު ވީތަން އެނގޭ ހެނެއް ހިޔެއް ނުވެ އެވެ. ނޫނީ އެތަނައް ހުރި ޝައުޤެއްގެ ސަބަބުން އެހެން މީހަކައް ވާވަރު ނުބެލެނީ އެވެ.

   ކުއްލިއަކައް، އިވުނީ ތޫނު އެއްޗަކުން ނުވަތަ ތޫނު ނިޔަފަތި ތަކަކުން ދަގަނޑުތަކު ގައި ވަކަ އަޅާ އަޑެވެ. ދަގަނޑު އެއްޗެއް ތަނަކު ކޭއްތޭ އަޑެވެ. ފޮތި ގަނޑެއް އިރައިގެން ދާ އަޑެވެ. ނުވަތަ ބިއްލޫރި އެއްޗެއް ވެއްޓި ތަޅައިގެން ދާ އަޑެވެ. ތަނައް ވެރިވެފައިވާ ފުން ނާމާން ހަމަހިމޭންކަން ނަގައިލީ މި ފާޑުފާޑުގެ އަޑުތަކުންނެވެ. ސިއްސައިގެން ގޮސްފައި އިރުއިކޮޅާ އެ އަޑުތަކައް ސަމާލުކަން ދެވެއެވެ. ބައެއް ފަހަރުގައި އެއީ މާ ދުރުން ފުރޭނިގެން އަންނަ އަޑެއް ހެން ހީވެ އެވެ. ބައެއްފަހަރު އެއީ ވަރައް ގާތުން އިވޭ އަޑެއް ހެން ނީވެ އެވެ. އަނެއްބައި ފަހަރު އެއީ ޖެހިގެން އޮތް ގޯޅިން އިވޭ އަޑެއް ހެން ހީވެ އެވެ.

  އެމީހުންވެސް މިވަނީމަގު ގެއްލިފައެވެ. އައި މަގު ނުވަތަ ދާންވީ މަގު ނޭންގި ފައެވެ. ލޯންޗުގައި ތިބި މީހުންނައް ގުޅަން ވިސްނުނީ މާފަހުންނެވެ. އޭރު އެތަނަކައް ރޭންޖެއް ނުލިބެއެވެ. އިހައް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއޭ ބުނާ ބަސް ހަނދާން ވާން ފަށައިފިއެވެ. ޒުހުދުގެ ގުރޫޕު ދެން ކުރިމަތި ލާނީ ކޮންކަހަލަ ކަންކަމަކާ ކަމެއް އެއްގޮތަކައް ވެސް ނޭންގެއެވެ.

   ޒުހުދާއި އެނާގެ ޓީމު ނައިސް ލަސްވެގެން ލޯންޗުގައި ތިބި މީހުން އުޅެނީ ހާސްވެގެންނެވެ.

  ”ކޮބާ އެމީހުން… އެމީހުންނަކައް ނުވެސް ގުޅޭ…“ ޒައިދު ލޯންޗުގައި ތިބި ފަޅުވެރިންނާއި ދިމާލައް ބުނެލިއެވެ. އޭރު އެތާގައި ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ. ކަންބޮޑުވުމުގެ ކުލަ ތަކެވެ.

    ”ހިނގާ ބަލަ ވީގޮތެއް ބަލަން… އެކުދިންހެން ޒުހުދާއިއެކު އޭނާގެ ގުރޫޕުވެސް ގެއްލުނީތަ؟“ އާސިމް ގެ މޫނުމަތީގައި ވަނީ ސުވާލު މާކެކެވެ. ”މިއީ އާދައިގެ ކަމެއް ނޫން…. ތަހުޤީޤީ ފުލުހުން ކަންނޭންގެ ގެންނަންވީ…. “ ކައްޕި އޭނާގެ ހިޔާލު ފާޅު ކޮއްލަމުން ބުނެލިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން ފަޅުވެރިން ބޯ ޖަހައިލިއެވެ.

   ”ފުރަތަމަ ހިނގާބަލަ ވީގޮތެއް ބަލާލަން… “ ޝައްފާން ބުނެލިއެވެ. ”އެއީ އަހަރެމެންނައްވުރެ ބުއްދި ބޮޑު ބައެއް… އެއީ މާ ކުޅަދާނަކަން ލިބިގެންވީ ބައެއް… އެމީހުން ވެސް ދިޔައީ ވީ ގޮތެއް ބަލަން… އެކަމަކު އެމީހުން ވެސް އެ ގެއްލުނީ… މަށައް ފެންނަނީ މާލެ އައް ގުޅަން…“ އާސިމް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ”ތެދެއް.. ހިނގާ… މަށައް ވެސް ހީވަނީ ތިހެން…“ ކައްޕި ހުންގާނާއި ދިމާލައް އެނބުރިލިއެވެ.

  އެންމެންގެ މަޝްވަރާ އަކައް ފަހު އަނބުރާ ރަށައް ދިޔައީ ވަރައް މަސައްކަތް ކުރުމައް ފަހު ގައެވެ. އެމީހުން ފެނޭތޯ ވަރައް ގިނަ އިރު ރައް ވަށައިގެން ވެސް ބުރުއެޅުނެވެ. އެކަމަކު އެމީހުންގެ އެއްވެސް ނިޝާނެއް ވެސް ނުފެނުނެވެ. ކުޑަމިނުން އެކަކު ވެސް ނުފެނުނެވެ.

  ކޮންމެ މީހެއްގެ ހިތުގައި ވެސް ވަނީ ބިރުވެރި ކަމެވެ. ބުނެދޭން ނޭންގޭ ހާސްކަމަކެވެ. އެރައް ނާމާން ރަށެއްގެ ގޮތުގައިވެސް އާންމު ވެއްޖެއެވެ.

  މިހާރު ހދ. މާވައިދޫ އޭ ބުނެލިއަސް މީހުން ބިރުން ހަލާކު ވެދާނެ އެވެ. އެރަށާއި ބެހޭގޮތުން ހިނގި ހާދިސާ ވަނީ ހުރިހާ ޓީވީ ޗެނަލް ތަކާއި ނޫސް ތަކާއި ޙަބަރު ތަކާއި ޕްރޮގްރާމް ތަކުގައި ވެސް މަޝްހޫރު ވެފައެވެ. މަގުތަކުގެ ކަންމައްޗާއި ގޯޅިތަކާއި ގޭގޭ ފެންޑާއާއި ފިނިއަށި ތަކުގައިވެސް އެންމެ އޮލައީ ހަމަ އެ ވާހަކައެވެ. ދެމީހަކު ޖެހުނަސް ދެކެވެނީ އެވާހަކައެވެ. މީހަކު އެކަނި ހުއްޓަސް ހިތައް އަރަނީ ވެސް އެ ވާހަކަ އެވެ. ތުންތުން މަތިން ދަމުން މިވާހަކަ ބަދަލު ކޮއްގެން އެކި ގޮތް ގޮތައް ވެސް ކިޔައެވެ. ގިނަ މީހުން ތިބެނީ މިވާހަކަ ދައްކާނެ ވަގުތެއް ނުލިބިފައެވެ.

   މާލޭގެ އެމްއެންޑީއެފް އާއި، ފުލުހުންގެ ތަހުޤީޤީ މެމްބަރުންނާއި، މެޑިކަލްޓީމަކާއި ދިރާސާ ކުރާ މީހުންގެ ބޮޑު ޓީމެއް ހެލިކޮޕްޓަރާއި، ސަފާރީ އަދި ފުލުހުންގެ ލޯންޗު ތަކުގައި މާވައިދޫ ކައިރީގައި އެނބުރެނީއެވެ.

  ހެލިކޮޕްޓާރ ތައް ރައް މަތީގައި އެނބުރެނީއެވެ. ލޯންޗުތަކާއި ސަފާރީ ތައް މާވައިދޫ ކަނޑުގައި މަޑުކޮއްލައިގެން އިޝާރާތަކައް ބަލަބަލާ ތިބީ އެވެ. ހެލިކޮޕްޓަރުގެ ފިޔަ ގަނޑުގެ އަޑާއި ސަފާރީއާއި ލޯންޗުގެ އިންޖީނުގެ އަޑުން މުޅި ސަރަޙައްދު ވަނީ އެލަރޓް އަޅާފައެވެ. މި އަޑުތައް މުޅި ސަރަޙައްދުގައި ގުގުމައިގެން ގޮސް ފައިވެއެވެ. މާ ގިނައިރެއް ނުވެ ސީ އެނބިއުލާންސް ވެސް އެ ސަރަޙައްދުގައި މަޑު ކޮއްލައިފި  އެވެ. ތަހުޤީޤުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ.

( ނުނިމޭ )

ސަބްސްކުރައިބް
ނޮޓިފައި ކުރަނީ
guest

4 ކޮމެންޓްތައް
އެންމެ ފަސް
އަލަށް އެންމެ ގިނަ ވޯޓް
އިންލައިން ފީޑްބެކް
ހުރިހާ ކޮމެންޓްތައް ބެލުމަށް
މަރީ
މަރީ
6 މަސްތައް ކުރިން

ދެވަނަ ބަޔައް އިންތިޒާރު ކުރަން

ސަޖުވާ
ސަޖުވާ
3 މަސްތައް ކުރިން

ރީތި ވާހަކައެއް، ކޮބަާ ދެވަނަ ބައި

މިވެސް ބައްލަވާ
Close
Back to top button