
އަނދިރި ރޭގަނޑެކެވެ. ހަނދުގެ ހިމަ ދޯދިތައް ފެހި ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން ޖަންގައްޔަތް އެޅިލައެވެ. ހިޔަނިތައް ތަޅުލާފައިވާ ޖަންގަލީގެ ތެރެއިން އަޑެއް އިވުނެވެ. އެއީ ކުޑަކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. ޖަންގަލީގެ އެ އަޑު ވަޔާއި އެކުވެގެން އައިގޮތުން ރޫހާނީ އަޑެއް ވައްތަރު ޖަހައެވެ. ކުއްލިއަކަށް، ގަސްތަކުގެ ފަތްތައް ހަލުވިކޮށް ހެލިގަތެވެ. އެއީ ޖަންގަލި އެންމެ ބޯ ހިސާބެވެ. ފަތް ތަކުގެ ތެރެއިން ފުރޭނިގެން ދިޔަ ރުއިމުގެ އަޑު މަޑުވިއެވެ. އަދި ހިނދެމުން ގޮސް ހުއްޓިއްޖެއެވެ. އެވަގުތު އެތަނުގެ ހަމަހިމޭން ކަމުގައި ފެންނަނީ ހަށިގަނޑުގައި އަޅާފައިވާ ފަތްތަކާއެކު، ދިގު އިސްތަށި ގަނޑެއް އޮތް، ކަޅު ލޮލުގެ ވެރި، އަންހެނެކެވެ. ލައިގެން ހުރި ހެދުމުގެ ތިރީބައި އިރައިގެން ގޮސްފައި ވާއިރު ހެދުމުގެ އެތަން މިތަނަށް ލޭ ބުރައިފައި ވެއެވެ. ސިފަ ނޭންގޭ ވަރަށް ގައިގައި ވަކަ އެޅިފައިވުމުގެ ސަބަބުން އެއީކާކު ކަމެއް އެއްގޮތަކަށް ވެސް ނޭންގެއެވެ.
އަރައިގެން އައި އިރާއެކު ރަލްވާ އާއި ސުހުނާ ނުކުތީ ކުޅޭށެވެ. އުޑުމަތި ސާފު ރީތި ދުވަހެއްގެ ހެނދުނެކެވެ. އެކުދިންގެ މަންމަމެން ސައި ހަދަމުން ދިޔައިރު 10 އަހަރުގެ ދެކުދިން ކުޅެމުން ދިޔައެވެ.“ އާދޭ ސައިބޯން.. މިހުރީ ސައި ތައްޔާރު ވެފަ.. ރަލްވާ ސުހުނާ“ ކުޅުމުގެ ފޯރީގައި އަވަދިނެތި އުޅެނިކޮށް މަންމަ ގޮވީތީ ރަލްވާ ހުރީ ފޫހި ވެފަ އެވެ.“ ވަރަށް ފޫހިވޭ ކުޅުން މެދު ކަނޑާލަން ޖެހޭތީ“ ރަލްވާ ގައިން ވެލި ފޮޅާލަމުން ތެދުވިއެވެ.“ އެހެންނޭ.. އެކަމަކު ސައިބޯން ޖެހޭނެ އެއްނު“ ސުހުނާ ވެސް ތެދުވެ ގައިން ވެލި ފޮޅައިލި އެވެ.
އަވަސް އަވަހަށް ސައި ބޮއެގެން އަނެއްކާ ވެސް ކުޅެން ދިއުމަށް ދެކުދިން ވެސް މަސައްކަތް ކުރަމުން ދިޔައެވެ. ”އަޅެ، މި.. މަށަކަށް ދެން ނުކެވޭނެ“ މަސްހުނި ތަށީގެ އެއްފަރާތެއްގައި ރޮށި ބާއްވަމުން ތަށި ގަޔާ ދުރުކޮއްލި ސުހުނާ ފެނުމުން ރަލްވާ ވެސް އެ ގޮތަށް ކަންތަށް ކުރިއެވެ.
“ މާ ގިނައިރެއް ނުވެ މަންމަ ގޮވާނަން އިނގޭ“ އެކުދިންގެ މަންމަގެ އަޑަށް، ނިކުމެ ނިކުމެ ތިބި ދެކުދިންގެ ފިޔަވަޅައް ހުއްޓުން އަރައިފިއެވެ. “ މަންމަ ގޮވައި ފިއްޔާ.. “ ”އޭރުން ނުކުޅެވޭނެ“ ސުހުނާގެ ޖުމްލަ ރަލްވާ ފުރިހަމަ ކޮއްލައި ދިނެވެ. ”ކިހިނެއްހަދާނީ..“ ރަލްވާ ކަންބޮޑުވުން ފާޅުކުރިއެވެ. “ މިއަދު ބަހައްޓާ، މާދަމާ ދެން ނިކުންނާނީ، މާދަން ވެސް ސްކޫލް ބަންދެއްނު“ ސުހުނާ ފަރުވާ ކުޑަ ގޮތަކައް ދެކޮނޑު އަރުވާލިއެވެ.
ކުޅުމުގެ ފޯރީ ގައި ތިބި ދެކުދިންގެ ސިކުނޑި އޮތީ ހުހަށެވެ. “ ހިނގާބަލަ ފުނައޮއް ކޮޅެއް ބަލާ ދާން“ ސުހުނާ ތެދުވެ ރަލްވާ އާއި ދިމާއައް ބަލައިލިއެވެ. “ ކޮންތާކަށް؟ “ ރަލްވާ އިސް އުފުލައި ބަލައިލަމުން ބުނެލިއެވެ. “ ވަލަށް.. ޖަންގަލި ބޯ ސަރަހައްދުގައި ހުންނާނެ ބޮޑު ފުނަގަހެއް “ ސުހުނާ ކޮތަޅެއް ނަގަމުން ބުނެލިއެވެ. ދެކުދިން އެއްބަސް ކިޔާފައި ވަލަށް ވަނެވެ. ޖަންގަލި ބޯ ސަރަހައްދައް ދިއުމަށް އަވަސް ވެގަތެވެ. އެގޮތް މިގޮތަށް ހުރި ހިމަ ގޮފި ތަކާއި ފަލަ ގޮފިތައް މޫނުމައްޗަށް އެޅޭތީ ހިނގަން ވަރަށް އުނދަގުލެވެ. މަގެއް ހާ ހިސާބު ނެތް އެ ބޯ ޖަންގައްޔަކީ ދުވަހަކު މީހަކު އައިސް ގޮސް އުޅޭ ތަނެއް ނޫނެވެ.
މާގިނައިރެއް ނުވެ ފުނައޮށް ގަހާއި އަރާ ހަމަވެއްޖެއެވެ. ބިމަށް ވެރިފައި ހުރި ފުނައޮއްތައް ހޮވަމުން ދިޔަ ދެކުދިންގެ ހިތުގެ ތެޅުން އަވަސް ވެފައި ވެއެވެ. ”ހިނގާ ދެން ދާން މަންމަ އައް އެނގިއްޖެއްޔާ ކަމަކު ނުދާނެ“ މާނޭވާ ލަމުން ސުހުނާ ބުނެލިއެވެ. ކޮތަޅު ފުރުމުން ދެކުދިން މިސްރާބު ޖެހީ ޖަންގަލިން ނުކުންނާށެވެ. ހިނގަމުން ވަކި ހިސާބަކަށް ދެވުނު ތަނާ ރަލްވާ ހުއްޓިއްޖެއެވެ. އަރިމަތި ބަލާލަމުން ފެނުނު އެއްޗަކުން ރަލްވާ އެދިމާއައް ހިނގައިގަތެވެ. އެއީ ފަން ޖިފުޓި ގަނޑެކެވެ. ”ރަލް، އެބަ ލަސްވެޔޭ… މިތަން ހާވާނެ ކަމެއް ނެތް ހިނގާ ދާން“ ސުހުނާ އާދޭސް ކުރަންފެށިއެވެ. ”މަށަށް އެނގިއްޖެ މާދަމާ ހަދާނެ ގޮތް“ ރަލްވާގެ ތުންފަތް މައްޗައް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “ އަނެއްކާ ކީއްކުރަން ތިއުޅެނީ “ ސުހުނާ ނުރުހުން ވެފައި ބުނެލިއެވެ. “ މާދަމާ މިތާ ކުޅޭނީ މަންމަ އަކައް ނޭންގޭނެ، މިތާ ތިބޭނީ ވަގަށް ފިލައިގެން އައިސް ހިއްހިއްހިއް “ ރަލްވާ، އޭނާގެ ހިޔާލު ފާޅު ކުރިއެވެ. ”އޯހް ސަޅި.. މާދަމާ ހައްހައް މަންމަ އަކައް ނޭންގޭނެ.. ހިނގާ އަވަހައް ދާން.. މިތަނައް އަހަރެމެން އައިކަން ޝައްކު ވިޔަ ނުދޭތި އޭރުން ގެއްލިގެން އުޅެން ޖެހުނަސް މިތަން މަތިން ނުވިސްނާނެ “ ކުލަ އޮއްސިފައިވާ ސުހުނާގެ މޫނުމަތިން އުޖާލާ ކަން ފެނިގެން ދިޔަ އެވެ.
“ ސުހުނާ…. ރަލްވާ….. މަންމަ ބުނިން ދޯ ދުރަށް ނުދަން.. ބުނިން ދޯ ގޮވާނަމޭ ކޮންތާކުން ތި އައީ މަންމަ މި އުޅެނީ ހޯދަންވެގެން.. ނުފެނިގެން ހާސްވެގެން.. މި ސަރަހައްދު ބަލާފަ މިއައީ“ އެކުދިންގެ މަންމަ ޒާނިހާ ރުންކުރު ވެފައި ބުނެލިއެވެ. “ މިއައީ…. މިއައީ… އެތާ އަތިރިމަތިން“ ތުނޑި އައް އިޝާރާތް ކުރަމުން ސުހުނާ އަވަހައް ބުނެލިއެވެ. “ ކޮންތާކުން ހޯދި ފުނައޮއް ތަކެއް “ ޒަނިހާ ބުނެލިއެވެ. “ އެތަނަށް އުކާފަ ހުރި އެއްޗެހި ތަކެއް“ މާގިނައިރު ވިސްނަން ނުހަދަން ވެގެން ރަލްވާ ބުނެލިއެވެ. ޒާނިހާ ގެ ސުވާލު ތަކައް ޖަވާބު ދެމުން ދެކުދިން ގޮސް ގެއައް ވަނެވެ.
މެންދުރު ފަހެވެ. ކައިގެން، ވެފައިވާ ވަރުބަލީގެ ސަބަބުން މެންދުރު ނަމާދައް ފަހު ދެކުދިން ވެސް ނިދީ އެވެ. ނިދުމުގެ ކުރިން އަނެއް ދުވަހުގެ ރޭވުމުގެ އެއްބައި ރާވާލި އެވެ.
ޢަސުރު ނަމާދު ފަހެވެ. އާދައިގެ ގޮތަކައް ދުވަސް ހޭދަ ކޮއްލި ދެކުދިން އެކަނި ހިނދުކޮޅެއް ވިއަސް ދެއްކެނީ ފިލާ ރައްކާ ވުމުގެ ވާހަކައެވެ. ރޭވުން އެތައް ގޮތަކައް ކިޔުމަށް ފަހު، އެއްބަސް ވެވުނީ: ހެނދުނު ތެދުވެ ސައި ބޮއެގެން ދެދަބަހަށް ދެކުދިންގެ އެއްޗެހި، އެއް ދުވަހައް ބޭނުން ވާނެ ވަރަށް އެޅުމެވެ. އަދި އައިސް އަލަމާރިން ކާނެ ބޯނެ އެއްޗެހި އެހެން ދަބަހަކައް އެޅުމެވެ. އެއައްފަހު ވަގައް ކުޅެން ދަނީ އޭ ކިޔާފައި ވަލައް ދިއުމެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. ރޭވުނު ގޮތައް މަސައްކަތް ކުރަމުން ދިޔަ ދެކުދިންގެ ހިތުގައި ވެސް ވަނީ އުފާވެރި އިހުސާސް ތަކެވެ. ހުރިހާ ކަމެއް ނިމި ތައްޔާރު ވެއްޖެއެވެ. ޖަންގައްޔައް ގޮސް އެތަނުގައި ޖިފުޓި ތެރެއަށް ވަދެ އެއްޗެހި ތަރުތީބު ކުރިއެވެ. އެތެރޭގައި ލަކުޑި ރަތް ވެފައި ތެތް ކޮއް ހުރި ތަންތާގައި ފޮތި އެޅިއެވެ.
ރޭގަނޑު ވުމުގެ އަތައް އަޅައި ފިއެވެ. ފަޒާ ގައި ތެތް ފިނިކަން އެކުލެވެން ފަށައިފިއެވެ. މަޑުމަޑުން ފިނި ރޯޅި ތައް ޖެހެން ފަށައިފިއެވެ. ދެކުދިން ޖިފުޓި އައް ވަދެ ދޮރު ލައްޕައިފިއެވެ. ނިދަން ތައްޔާރު ވަމުން ދިޔަ ދެކުދިން ތިބީ މާ ބޮޑަށް ނިދި އައިސް ފައެވެ. ތާސް ކުޅެން ތިއްބާ ތާއްޔާ ޖެހެން ފެށުމުން ދެކުދިން ނިދަން އޮށޯތެވެ. ގައިގައި ރަޖާ އަލާ ލުމާ އެކު އަވަސް ނިންޖަކަށް ގެނބުނެވެ.
ރަލްވާ އައް ހޭލެވުނީ ސުހުނާ ގައި ގައި ކޮއްޓައިލުމުންނެވެ. އެއީ މެންދަމުގެ ވަގުތެވެ. ”މަ ބިރުގަންނަނީ… އެ އިވެނީ ކޮން އަޑެއްތަ…..“ ބިރުގެންފައިވާ ވައި އަޑަކުން ސުހުނާ ބުނެލިއެވެ. އެއީ ތެދެކެވެ. އެ އިވެނީ މީހަކު ހިނގާ އަޑެވެ. ބިންމަތީގައިވާ ހިމަ ހޯލި، ދަނޑި، ހިކި ފަތް މުގުރޭ އަޑު ކައިރި ވަމުން ދިޔައެވެ.
ދެކުދިން ކަންފަތް ކޮޅަށް ޖަހައިގެން ތިބެ އެ އަޑު އަހަމުން ދިޔައެވެ. ކުއްލިއަކަށް ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރި ސިފަ ހުތުރު މީހާ އަނގައިން ފާޑެއްގެ އަޑެއް ނެރެމުން ދިޔައެވެ. ދެކުދިންނަށް އެއްފަހަރާ ހަޅޭއް ލަވައި ގަތެވެ. އެ އެތި ފުންމައިގެން އަރާ ސުހުނާގެ ފައިގައި ހިފި އެވެ. ވަކަ އަޅައި މަސް ގަނޑާއި އެކު ފައިގެ ހަންކޮޅު ދަމައި ގަތެވެ. އަދި އަނގަޔައް ލައި ހަފާލި އެވެ. ސުހުނާގެ ރުއިން ގަދަވެގެން ދިޔަ އެވެ. ރަލްވާ އެހީވަން އުޅުނއެއް ކަމަކު އެއައް ވުރެ އަވަހައް ރަލްވާގެ ކުރިމަތީގައި އެމީހަކު ސުހުނާ ނޮޅައި ކައިލައިފިއެވެ. އެތެރެއަށް ކޮނެވިފައިވާ ދެލޯ ފެނުމުން ރަލްވާ ގައިން ހީބިހި ނަގައި ގަތެވެ. އެ ނުފެންނަ ދެ ލޮލުން ތަނެއް ނުފެންނާނެ ކަން ޔަޤީން ވުމުން ރަލްވާ، އެކުދިން ފަތް ކޮށަން ގެންގުޅުނު ވަޅި ނަގައި އެ ކުއްޖާގެ ބޮލައް ހަރައިލިއެވެ. ވަޅި ހަރައިލި ތަނުން ހޯސް ލާފައި ލޭ ފައިބަން ފެށިއެވެ. އިސާހިތަކު ވަޔާ އެކު ގޭގެ ފުރާޅު ވިއްސައިގެން ހިނގައްޖެއެވެ. ރަލްވާ ބަލައިލީ ޖަންގަލި ކުއްޖާ ގެ ގަޔަށެވެ. ޖަންގަލިކުއްޖާ އަމިއްލައަށް ބޮލައް ހެރިފައިވާ ވަޅި އުފުރާ ލުމަށްފަހު ރަލްވާ އާއި ދިމާއަށް ހޫރައިލިއެވެ. ބޭއިޙްތިޔާރުގައި ރަލްވާ އައް އެއްކައިރި ވެވުނެވެ. އަބަދުގައި އެކުގައިވި އެކުވެރިޔާގެ ފުރާނަ ނެތް ކަށިގަނޑު އެގޭތެރެއަށް ދޫ ކޮއްލައިފައި ރަލްވާ އަށް މަޖުބޫރުވީ ފުރާނައާއިގެން ސަލާމަތުގެ އައްސޭރިއަށް ދިއުމަށެވެ.
ރަލްވާގެ ދެފައިގާ ހުރި ބާރެއް ލާފައި ރަލްވާ މިސްރާބު ޖެހީ އެ ބޯ ޖަންގަލިން ނުކުތުމަށެވެ. ހިމަ ހޯލި ކޮޅާއި ހިކިފަތާއި ކުދި ދަނޑި އޮޅުތައް މުގުރިގެން ދާއަޑާއި އެކުވެގެން އަންނަ ވައިގެ އަޑުން ރަލްވާގެ ސިކުނޑި ސުމަކައް ގޮސްފި އެވެ.
ވަލުން ނުކުމެވުނު ތަނާއި، ރަލްވާ އައް ފެނުނީ ޓޯޗް އާއި ބައްތި އަދި އަލިފާން ފަދަ އަލި ކުރާ އާލާތްތަކުން ރަށުގެ މީހުން ޖަންގައްޔާ ދިމާއަށް މިސްރާބު ޖަހައިފައި ވަނިކޮށެވެ. “ އޭތް އެންމެނޭ ހޯދަން އުޅޭ ދެކުދިން ކުރެ އެކަކު ފެނިއްޖެ “ ރަލްވާ ފެނުމުން އެތަނުން މީހަކު އަޑުގެ ނެތްތަނަށް ގޮވައިލިއެވެ. އެންމެންނަށް މިއަޑު އިވުމާއި އެކު ސުވާލު ކުރަން ފަށައިފިއެވެ. އަލިފުން ޔާ އަށް ވީގޮތް ކިޔައިދީ ނިމުނު އިރު ރަލްވާ ހުރީ ފެންކަޅި ވެފައެވެ.
އޭގެ ފަހުން އެރަށުގެ ވާ ވަނީ ބަންދު ކުރެވިފައެވެ. ވަލަށް ދިއުން ވަނީ މަނާ ކުރެވިފައެވެ. ޖަންގަލީގެ ވަށައިގެން ދަގަނޑު ދާ ޖަހާފައި ވުމުން ރަށުގެ ޖަންގައްޔައް އެކަކައްވެސް ވަނުން ވަނީ ނުކުޅެދިފައެވެ. އޭގެ އަހަރު ތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތުގައި ޖަންގަލިން ވޭނީ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑު ވަނީ މީހުންނަށް އިވިފައެވެ. އަދި ކުދިކޮއްފައިވާ އިސްތައްޓާއި އެއްޗެހި ކައިފާ ބާކީވާ ކަށިގަނޑު ވަލުތެރެއިން ދާގަނޑު ކައިރިން ވަނީ ފެނިފައެވެ. އަޑި ނޭންގޭ ޖަންގަލި ކުއްޖާގެ ސިއްރު ވަނީ އެންމެންގެ ލޯ ތަކަށް ވަންހަނާ ވެފައެވެ. އެއީ ކީއްކުރަން ކޮންބޭނުމަކު އުޅޭ ކާކު ކަންވެސް އެނގިފައެއް ނުވެ އެވެ.





ވަރަށް ރީތި ވާހަކައެއް