ބިރުވެރި ވާހަކަކުޑަކުދިންގެ ވާހަކަވާހަކަ

ހަނދުވަރުގެ ހިޔަނި – މިޝީ

   މެންދުރަށް އިރު މަރުހަބާ ކިޔަމުން ދިޔައިރު ދުނިޔެ މަތީގައި ވިދަމުން ދަނީ އިރުގެ ދިލަ ހޫނު އަތްވެވެ. ކަނޑުގެ ލޮނުގަނޑު ތަރަފާލެއް ހެން ފަތުރާލެވިފައި ވީ އިރު، މި ހިމޭން ކަނޑުގެ މަތީގައި ދަތުރު ކުރަމުން ދިޔަ ބާރު ލޯންޗު ފެންގަނޑު ކަފަމުން ގޮސް، މަޑުޖެހިލީ ރަށެއްގެ އައްސޭރި ފަށް ފެންނަ ހިސާބުންނެވެ. ލޯންޗު މަޑުމަޑުން ރަށުގެ ނެރުން އެތެރެއަށް ވައްދާލިއެވެ. އަދި މާގިނައިރެއް ނުވެ ލަފަމުން ދިޔައީ އއ.މަތިވެރި އަށެވެ.

    ލޯންޗު ކައިރި ކުރަމުން ދިޔަ އިރު ބަދުރުގެ ހިތުގައި ވަނީ އުފާވެރި އިހުސާސް ތަކެވެ. އޭނާ އެތައް ދުވަހަކު ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީ އެވެ. މައިންބަފައިން ކައިރީގައި އެހެން ރަށަކައް ކިޔަވަން ބަދަލުކުރުމައް ކުރި އާދޭސް ތައް މަތިން ހަނދާންވަމުން ދިޔަ އެވެ. މި ހަނދާން ތަކުގެ ސަބަބުން ބަދުރު ހިތްހަމަޖެހެމުން ދިޔައެވެ. ބަދުރުގެ މޫނު މަތީގައި ވަނީ އުފާވެރި ހިނިތުން ވުމެކެވެ. ހަމަ ޖެހުމުގެ ކުލަވަރެވެ.

    ރަށުގެ އެއްކޮޅުން އަނެއްކޮޅައް ނަޒަރު ހިންގައި ލެވުނެވެ. ރަށުގެ ފެހި މަލަމަތިން ފެންނަމުން ދިޔަ ބޯ ގަސް ތަކާއި ދިގު ރުއް ތައް ބަދުރައް މަރުޙަބާ ކިޔަމުން ދިޔަފަދަ އެވެ. ލިބުނު ހިތްހަމަ ޖެހުމާއި އެކު ލާނެތް ހިނިތުންވުމެއް ބަދުރުގެ ތުންފަތް މައްޗައް ވެރިވިއެވެ. ވަގުތު ފާއިތުވަމުން ދާތީ ބަދުރު މިސްރާބު ޖެހީ އޭނާ ދިރިއުޅެން ހަމަޖެހިފައިވާ ގެއަށެވެ.

  ގޭގެ ގޯތި ތެރެއައް ވަންނަމުން ބަދުރު ސަލާން ގޮވާލި އެވެ. ސަލާމް ބަލައިގަތީ ގޭގެ ވެރި މީހާ އެވެ. މޫސާ ބޭބެ އެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައި ހުއްޓަސް ހަރު މީހެއް ވައްތަރު ޖަހައެވެ. އޭނާ ދައްކައިލީ ގޭތެރޭގައި ފޮވައް ކޮށަން އިން ޒުވާން އަންހެނެކެވެ. އެއީ ސަލްމާ ދައްތަ ކަމައް ވާނެއެވެ. ސަލްމާ ދައްތަ ބަދުރު ގޮވައިގެން ހިނގައިގަތެވެ. ގެއަކީ ބޮޑު ތަނަވަސް ގެއެކެވެ. ފުދޭވަރަކައް ރީތި ކޮއް ހަދާފައިވާ ގެއެކެވެ. ގޭގެ އެތަން މިތަނައް ނަޒަރު ހިންގަމުން ބަދުރު ސަލްމާއްތަ ފަހަތުން ހިނގަމުން ދިޔައެވެ. މި ގޭގައި ބަދުރުގެ އިތުރުން ބައެއް ކުދިން ތިބެއެވެ. ބަދުރު ވަންނަންވީ ކޮޓަރި ދައްކަމުން އޭނާ ހިނގައިގަތީ ބަދިގެ އަށެވެ. ބަދިގޭގެ ބައެއް މަސައްކަތްތައް ކުރުމުގެ ބޭނުމުގައި ކަންނޭންގެ އެވެ.

   ބަދުރު ސިޑިން މައްޗައް އެރިއެވެ. ސަލްމާއްތަ ބުނެފައި ވާ ގޮތުންނަމަ ބަދުރުގެ ކޮޓަރި ހުންނާނީ ނަންބަރު ބޯޑު 4 ގައެވެ. ކޮޓަރި ހޯދަމުން ބަދުރު ދޮރުތައް ކައިރިން ހިނގަންފެށިއެވެ.

       ކުއްލިއަކަށް ކައިރީ ހުރި ދޮރު ހުޅުވައިލުމަށްފަހު ކުއްޖަކު ނިކުތެވެ. ބަދުރު ފެނުމުން އެކުއްޖާ ހީލިއެވެ. ”އައްސަލާމް ޢަލައިކުމް…. ކޮންނަމެއް ކިޔަނީ؟… އަހަރެންގެ ނަމަކީ އަހްމަދު ޒިޔާލް“ އެ ކުއްޖާ އަމިއްލައަށް ތަޢާރަފް ވެލިއެވެ. ބަދުރު ވެސް ހީލި އެވެ. ”ވަޢަލައިކުމުއް ސަލާމް…. އަހަރެންގެ ނަމަކީ ބަދުރު“ ބަދުރު ސަލާމް ބަލައިގަތުމަށް އަތް ދިއްކޮއްލުމަށް ފަހު ޖުމުލަ ފުރިހަމަ ކޮއްލި އެވެ. ”އަލަށް މިގެއައް ބަދަލުވި ކުއްޖެއްތަ؟“ ބަދުރާއި އެއްވަރަށް ހިނގަމުން ދިޔަ ޒިޔާލް ބެލީ ބަދުރާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް މަޢުލޫމާތު ކޮޅެއް ނަމަވެސް ހޯދޭ ތޯއެވެ. ”އާނ…. އަހަރެންގެ އުފަން ރަށަކީ ކ. މާލެ، މާލެއިން އާދައިގެ ރަށަކަށް ކިޔަވަން ބަދަލު ކޮއްދެން މަންމަމެން ކައިރީ ކިޔާތާ ދޮޅު އަހަރު މިވީ…. އަދިކިރިޔާ ރައްވެހި ދިރިއުޅުމަކަށް މިއާދެވުނީ….. ހާދަ ހިތްހަމަ ޖެހެޔޭ…. ޒިޔާލް ތިއީ ކޮންރަށަކު ކުއްޖެއް.. މިރަށު ކުއްޖެއްތަ؟“ ބަދުރު އަމިއްލަ ވާހަކަ ކުޑަކޮއް ކިޔައިދިނެވެ. ”އާނ…. އަހަރެންމީ މިރަށު ކުއްޖެއް ނޫން އަހަރެންގެ އުފަން ރަށަކީ ލ. މާމެންދޫ…. ވީގޮތް ވަރަށް ދިގު…. ފަހުން ކިޔައި ދޭނަން… އިހައްދޭ.. ދައްތަ ގޮވާނެ ކާން އަންނަން… ބެލް އެޅީމަ ނިކުމޭ ކޮޓަރިން…. ކާގަޑި އަށް ނުދެވިއްޖެ ނަމަ ފަހުން ނުކެވޭނެ..“ ގޭގައި ކަންހިނގާގޮތުގެ ކުޑަ ތަޢާރަފެއް ދެމުން ޒިޔާލް އެނބުރިލީ އައި ކޮޅަށް ދާށެވެ. ބަދުރުވެސް އަމިއްލަ ކޮޓަރި ފެނުމުން ވަނީއެވެ.
    ވަރުބަލިވެ ލޮޑުވެފައި ހުރުމުގެ ސަބަބުން ބަދުރު އަވަސް ވެގަތީ ފެންވަރާށެވެ. ފެންވަރައިގެން ކޮޓަރި ހަމައަކަށް އަޅުވާލިއެވެ. އެއްޗެހިތައް ކަބަޑުތަކައް ލައި ދަބަސް ހުސްކޮއްލިއެވެ. ކާގަޑި އަށް ނުތެދު ވެވި ދާނެތީ ބަދުރު އޮށޯތުމުގެ ހިޔާލު ދޫކޮއްލިއެވެ. ފޮތެއް ނަގައިގެން ކިޔަންފެށީ ވެސް ވަގުތު ކުރުކޮއްލުމުގެ ގޮތުންނެވެ.

    މާގިނައިރުތަކެއް ނުވެއެވެ. ބެލް އަޅައިފިއެވެ. ބެލްގެ އޮމާން އަޑު ކަންފަތުގައި ޖެހުމުން ބަދުރު ފުންމައިގެން ތެދުވިއެވެ. ފޮތް އެނދުމައްޗައް ދޫކޮއްލުމައްފަހު އަވަހައް ކޮޓަރިން ނިކުތެވެ. ހައްތާވެސް ކާގަޑި އައް ނުދެވިދާނެ ތީއެވެ. ދޮރު ހުޅުވައިލި އިރު ކުރިމަތީގައި ޒިޔާލް އާއި އިތުރު ފިރިހެން ކުއްޖަކު ހުއްޓެވެ.

   ބަދުރު އެކުދިން ފެނުމުން ހިނިތުން ވެލިއެވެ. އެދެ ކުދިން ވެސް ހީލިއެވެ. ބަދުރު އަނގަ ހުޅުވައިލުމުގެ ކުރިން ޒިޔާލް ފަށައިފިއެވެ. ”މީ އަހަރެންގެ ރަށުން އައި އެކުވެރިއެއް…. ނަފާޒް… މީ އަހަރެންނާއި އެކީ ސްކޫލް ނިންމަންވެގެން އައި ކުއްޖެއް…. އެހެން ގޮތައް ބުނާނަމަ އެންމެ ގާތް އެކުވެރިޔާ….“ ޒިޔާލް ބުނެލިއެވެ. ”ނަފާޒް ހިނިތުންވެލަމުން ބަދުރާއި ސަލާމް ކޮއްލިއެވެ. ”ނަފާޒް…. މިއީ ކ. މާލެއިން އައިސް ހުރި ކުއްޖެއް ނަމަކީ ބަދުރު“ ޒިޔާލް ނަފާޒް އަށް ބަދުރު ތައާރަފް ކޮއްދިނެވެ.

   ”އަވަހަށް އާދޭ.. ކާއެއްޗެހި ހިހޫވަނީ….“ މާ ދުރަށް ނުދެވެނީސް އަޑު އައެވެ. ސަލްމާއްތަ ގެ އަޑައް ހުރިހާ ކުދިން އިސް އުފުލައި ބަލައިލިއެވެ. އަދި ހިނިތުން ވެލަމުން ކާން އައެވެ. އޭރު ބަލާބެލުމަށް ބަދުރުމެން ވަރުގެ ދެ އަންހެން ކުދިން ނާއި ތަންކޮޅެއް ކުޑަ ފިރިހެން ކުއްޖެއް މޭޒު ދޮށުގައި ކާން ތިއްބެވެ. ”އަވަހަށް އިށީންދޭ މި އަންނަނީ ވާހަކަ ފޮތެއް ހިފައިގެން“ ސަލްމާއްތަ ހުރީ ތަށި ތައްޓައް ކާ އެއްޗެހި އަޅާފައެވެ.

   ބަދުރުވެސް އެހެންކުދިން ފަދައިން މޭޒު ދޮށުގައި އިށީނެވެ. ”އެއީ ރަހުމާ އާއި ޝަލްމާ.. ދެން މިއިނީ ސަލްމައްތަގެ ދަރިފުޅު ހާއިޝް… ރަހުމާ… ޝަލްމާ…. މިހުރީ ބަދުރު، ދެން މިގޭގައި ހުންނާނީ ކިޔަވަން… ހަމަ ތިކުދިންގެ އުމުރު ކުއްޖެއް…. ޒިޔާލް މެން ދަންނަންދޯ؟.. “ ސަލްމާއްތަ ބަދުރަށް ދެންތިބި ކުދިން ތަޢާރަފް ކޮއްދިނެވެ.

   ސަލްމާއްތަ ވާހަކަ ފޮތް ބަލާ ދިއުމުން ހާއިޝް ފަށައިފިއެވެ. ”ހޫމް… ހީވަނީ މާލޭ ކުއްޖެއްހެން… މާލޭ ކުއްޖެއް ދޯ.. “ ”ހާއިޝް އައް އެނގެއެއްނު..“ ބަދުރު ހީލިއެވެ. ”ހިހިއް ކިހިނެއް އެނގުނީ“ ހާއިޝް އަހާލިއެވެ. ”އެނގޭނެ އެއްނު“ އެ ވަގުތަކީ ސަލްމާއްތަ ވާހަކަ ފޮތް ހިފައިގެން ކާކޮޓަރިއަށް ވަން ވަގުތެވެ. ”ހާދަ އޮލަ ވާހަކަ އެއްގަ.. “ ސަލްމާއްތަ ގޮނޑި އެއްގައި އިށީންނަމުން ވާހަކަ ފޮތް ހުޅުވާލިއެވެ. ”ކޮންމެ ޙާއްސަ ކެއުމެއް އޮންނަ ދުވަހަކު ވާހަކަ އެއް ކިޔުން އޮންނާނެ…. އެކަމަކު ވަރަށް ކުރުވާނެ އިނގޭ… ”

   އަނދިރި ރޭގަނޑެއްގައި، ގަދަ ވިއްސާރައިގެ އަޑުތަކާއެކު، ކުއްލިއަކަށް ވިދުވަރެއް އެރިއެވެ. އެ ވިދުވަރުގެ އަލިކަމުގައި، ހަނދާންނެތިފައިވާ ޒަމާނެއްގެ ތެރެއިން އައިސްފައިވާ ކަހަލަ، ބިޔަ ތޯތާއެއްދުނިޔެ މަތިން އުދުއްސައިލި އެވެ. އޭގެ ބޮޑެތި ފިޔަތައް ހުޅުވާލައި، އަނދިރި އުޑުގައި ބާރަށް ފިޔަ ޖަހަން ފެށިއެވެ. މިއަޑުތައް ފުރޭނިގެން އައިސް އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އޭގެ ލޮލުން ބިރުވެރި އަލިކަމެއް ފެތުރިގެން ދިޔައެވެ.

މި ބިރުވެރި މަންޒަރު ދެކެފައި، އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެހެންނަމަވެސް، އެ ތޯތާ ވަނީ އަހަރެންގެ ކުރިމަތީގަ އެވެ. އޭގެ ބޮޑު އެއްޗެއް އަހަރެންގެ ކުރިމަތީގައި އިށީނެވެ. އަދި އަހަރެންނަށް އިޝާރާތް ކުރިއެވެ، އޭގެ ބުރަކަށީގައި އަރައި އިށީނދެލުމަށެވެ.

ހިތްވަރު ކޮށްލައިގެން، އަހަރެން އެ ތޯތާގެ ބުރަކަށީގައި އަރައި އިށީނދެލީމެވެ. ކުއްލިއަކަށް، އަހަރެންނަށް އިހުސާސްވީ އުދުހެމުން ދާކަމެވެ. ވިއްސާރަ ވިލާތަކުގެ ތެރެއިން، އަހަރެންމެން އުދުހެމުން ދިޔައީ އާ ދުނިޔެއަކަށެވެ. އެއީ ހުވަފެނެއްގައިވާ ފަދަ، އަޖައިބު ދުނިޔެއެކެވެ.

އުޑުގައި ތަފާތު ކުލަކުލައިގެ ބޮޑެތި ގަސްތަކެއް ފެންނަން ހުއްޓެވެ. އެ ގަސްތަކުގެ ގޮފިތަކުގައި، ރަން އަދި ރިހި ކުލައިގެ މޭވާތައް އަޅައި ފުރިފައިވެއެވެ. ބިމުގައި، ބިއްލޫރި ފަދަ ސާފު ކުޅިތަކާއި، ރަންކުލައިގެ ވެލިގަނޑުތައް ފެނެއެވެ. ފިޔާތޮއްޓާއި ދަނބުކުލައިގެ މާ ފަޅާ ބޯ ވެފައި ވާ ފަރުބަދަ ތަކެވެ. އުދުހެމުންދާ ކުދި ޕަރީންތައް އެކި ކުލަކުލައިގެ އަލިކަން ފަތުރަމުން ދިޔައެވެ.

ތޯތާ އަހަރެން ގެންގޮސް ޖެއްސީ، ބޮޑު ފިޔާތޮށި ކުލައިގެ ފިޔަ ގަނޑެއްގެ މަތީގައެވެ. އެތަނުގައި، އެތައް ސަތޭކަ ތޯތާއެއް އެއްވެ ތިއްބެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައީ، އަހަރެންނަށް ނޭނގޭ ބަހަކުންނެވެ. އެހެންނަމަވެސް، އެމީހުންގެ ރަހުމަތްތެރި ލޮލުން، އަހަރެންނަށް މަރުހަބާ ކިޔާކަން އެނގުނެވެ.

މި ހުވަފެނީ ދުނިޔޭގައި، އަހަރެން ހޭދަކުރީ އެތައް ދުވަހެކެވެ. ތޯތާތަކާއެކު އުދުހެ، އާ ތަންތަން ދަސްކޮށް، އަދި އެމީހުންގެ ޘަޤާފަތާއި އާދަކާދަ ދަސްކުރީމެވެ. އެހެންނަމަވެސް، އަހަރެންގެ ދުނިޔެއަށް އެނބުރި ދާންޖެހޭ ވަގުތު އައެވެ.

އަހަރެން އެނބުރި ހުވަފެނުން ހޭލެވިގެން އައި އިރު، އަހަރެންގެ ހިތުގައި އޮތީ އުފާވެރި ހަނދާންތަކެވެ. އަދި އަހަރެންގެ ދިރިއުޅުމަށް ލިބުނު އާ ހިތްވަރެކެވެ. މި ހިޔާލީ ތޯތާގެ ދަތުރުން، އަހަރެންނަށް ދަސްވީ ހުވަފެން ދެކުމުގެ މުހިންމުކަމެވެ. އަދި އަޖައިބުވެރި ކަންކަން ހޯދުމުގެ ފޮނިކަމެވެ. އާ ކަންކަން ހޯދާ ދިރާސާ ކުރުމުގެ މުހިންމު ކަމެވެ.

  ”ވާހަކަ ރީތިތަ… ހަޑިޔަސް އިބުރަތްތެރި ވާހަކަ އެއް ދޯ… މިއަދުވެސް އާ ކުއްޖެއް އައީމަ މިކިޔާދިނީ އާ ވާހަކައެއް..“ ސަލްމާއްތަ ބުނެލިއެވެ.

   ބަދުރު ކޮޓަރި އަށް ވަނީ ވެފައިވާ ވަރުބަލި ކަމާއި ލޮޑުކަން އެކީއެކައް ފިލުވާލުމަށެވެ. އެހެންކަމުން ބަދުރު އަވަސް ވެގަތީ އެނދުގައި ޖައްސާލުމަށެވެ. ދެލޮލަށް ނިދި ސަވާރުވެ، ލޯ މެރެމުން ދިޔައިރުވެސް ބަދުރުގެ ހިތުގައިވަނީ ރައްވެހި ދިރިއުޅުމަކައް އާދެވުނުކަމުގެ އުފާވެރި އިހުސާސެވެ. އާ އެކުވެރިންނާ އެކު ވަގުތު ހޭދަ ކުރުމެވެ. އާ ތަޖުރިބާ ތަކެއް ކުރުމުގެ ފޮނި އުންމީދެވެ.

  ހަވީރުގެ ފިނި ރޯޅި ތައް ދުނިޔެ މަތީގައި އެނބުރެމުން ދިޔަ އެވެ. އެތަކެއް މީހަކައް ހިތްހަމަޖެހުން ހޯދައިދެމުންނެވެ. އެތަކެއް މީހެއްގެ ހިތައް ފިނިކަން ގެނެސްދެމުންނެވެ. ބަދުރައް ދެލޯ ހުޅުވާލުމާއެކު ގަޑިއައް ނަޒަރު ހުއްޓާލިއެވެ. ފަހެއް ޖަހައި ބޮޑުވީއެވެ. މޫނު ކުނިކޮއްލަމުން ބަދުރު ފުންމައިގެން ތެދުވިއެވެ. މާ ގިނައިރު ނިދުނީތީ ބަދުރު ހިތްހަމަނުޖެހުނެވެ.

   އަވަސް އަވަހައް ތެދުވެ ފެންވަރައި ތާޒާ ވެލައިގެން ބަދުރު ކޮޓަރިން ނިކުތެވެ. ގެއިން ބޭރަށް ނިކުތުމާއެކު ބަދުރައް ފެނުނީ ބޮޑު ދިއްގާ ގަހުގައި އެލުވާފައި އިން އުނދޯލީގައި ތިބި ރަހުމާ އާއި ޝަލްމާ އެވެ. އެދެދުދިން ފޯރީގައި ތިބެ މާ ގަތަނީއެވެ. އެކުދިން އިށީންދެގެން ތިބެ މަޑުމަޑުން ހައްލަމުން ދިޔަ އުނދޯލީގެ މެދުތެރޭގައި އެކި ވައްތަރުގެ ތަފާތު މާ ހުއްޓެވެ. އެތާ ކައިރީ ހުރި ކުނާގަނޑެއްގެ މަތީގައި ތިބެ ޒިޔާލް އާއި ނަފާޒް މުޅޯށި ވިޔަނީ އެވެ. ދެ ކުދިންވެސް މަސައްކަތައް ހުރި ފޯރީގެ ސަބަބުން ބަދުރު ފެނުނީ އައިސް ކައިރީގައި އިށީން ފަހުންނެވެ.

   ”އޭތް ބަދުރު، އަދި ކިރިޔާ ދޯ ތިޔަ ދެލޯ ހުޅުވުނީ… “ ޒިޔާލް ބަދުރު ފެނުމައެކު ބުނެލިއެވެ. ”އާނ.. ބަދުރު މިރޭ ނުނިދާ ގޮތަށޭ… ދޯ…“ ބަދުރަށް އަނގަ ހުޅުވާ ނުލެވެނީސް ނަފާޒް އެޔާ ވިއްދައިގެން އަނެއް ޖުމުލަ ބުނެލިއެވެ. ”ތިހެން ކަމައް ބަލާ… ހާދަ ފޯރީގަ… ބަދުރު އެކުދިންނާއި ސުވާލު އަމާޒު ކޮއްލިއެވެ. ”އާނ.. މިދެން މިހެން އުޅޭއިރު ރުފިޔާ ހޯދަން ކުރާ މަސައްކަތެއް..“ ޒިޔާލް އަވަހައް ބުނެލިއެވެ.

   މިކަހަލަ ކުދި ކުދި ވާހަކަ ދައްކަން ތިއްބާ ސަލްމާއްތަ ބަންގި ގޮވަން އުޅޭ ވާހަކަ ބުނެލާފައި ހިނގަށްޖެއެވެ. ”ވަންނަމާ މިއަދަށް ނިމުނީ…“. ޒިޔާލް ތެދުވެ ގައިގައި ހޭކިފައި ހުރި ކުނޑިތައް ގައިން ފޮޅަލިއެވެ. ”ނަމާދައް މިސްކިތައް ދާންވާނެ“. އޭރު އިރު އޭގެ ވާޖިބު އަދާކޮއްފައި ދުނިޔެއިން ވަކިވެގެން ދަނީއެވެ.

 އިރުއޮއްސެމުން ދިޔަ ވަގުތެވެ. އަނދިރިކަމުގެ ސާލު މަޑުމަޑުން ނިއުޅެމުން ފެތުރެން ފަށައިފިއެވެ.

   ”އަވަސްކުރޭ ހިނގާ ދާން..“ ދޮރުގައި ޓަކި ޖަހަމުން ނަފާޒް ގޮވާލިއެވެ. ”އަހަރެން ދާނަން އިރުކޮޅަކުން… ތިކުދިން ދޭ…“ ބަދުރުގެ އަޑައް ބޭރުގައި ތިބި ދެކުދިން ގެއިން ބޭރަށް ދާން ހިނގައިގަތެވެ.

   ބަދުރު އަވަސް އަވަހައް ތައްޔަރުވެލައިގެން ނިކުތެވެ. ސަލްމާއްތަ ކައިރިން މިސްކިތައް ދާ މަގު އޮޅުން ފިލުވައިގެން ނިކުތެވެ. ގޭގެ ގޯތި ތެރޭން ބޭރައް އެޅުނު ފުރަތަމަ ފިޔަވަޅާއެކު ބަދުރަށް ފަޅުކަން އިހުސާސް ކުރެވުނެވެ. އެކަނިވެރިކަމާއި ބިރުވެރިކަން ބަދުރުގެ ހިތައް ވެރިވަމުން ދިޔައެވެ.

   މަގުގެ އެއް ފަރާތުން ހިނގަމުން ދިޔަ ބަދުރު އިރު އިރުކޮޅާ އެތަންމިތަނައް ލޯ އުކައެވެ. ގަސް ގަހުގެ ފުރަގަހުން ފެންނަ ހިޔަނީގެ ސަބަބުން ބަދުރުގެ ހިތައް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ފަހަތުން މީހަކު ހިނގާ އަޑު އިވޭހެން ހީވާން ފެށުމުން ބަދުރުގެ ހިތް އަވަސް ވިއެވެ. ފަހަތައް އެނބުރި ބަލާލުމާއެކު ދުރުދުރަށް ދާންދެން ފެންނަމުން ދިޔަ މަގު ފެނުމުން ބަދުރު ބިރުގަތެވެ.

  ”މީ އަހަރެން ދަންނަ ރަށެއް ނޫނެވެ. އެއީ އަހަރެން ހިނގާފައި އައި މަގެއް ނޫނެވެ. އަހަރެން މިހުރީ ގެއްލިފައެވެ.“ މި ހިޔާލު ތައް ބަދުރުގެ ސިކުނޑިއައް އުނދަގޫ ކުރަން ފަށައިފިއެވެ.

  އަވަސް އަވަހައް މޫނު ކުރިމައްޗައް އަނބުރާލުމާއެކު ބަދުރުގެ ހިތް ނުހުއްޓުނީ ކިރިޔާ އެވެ. މޫނު ޖެހޭ ނުޖެހޭ ހިސާބުގައި ބަދުރާއި ދިމާލައް ބަލަހައްޓައިގެން އެހުރީ ބިރުވެރި އެއްޗެކެވެ. ކަޅުކުލަ ގަދަ ދިގު ފަން އިސްތަށިގަނޑު އެއްފަރާތަކައް ކެހިގެން ގޮސްފައިވެއެވެ. އިސްތަށިގަނޑުން ބައެއް މޫނުމައްޗައް ވެއްޓި ވާއަތު ލޯ ފޮރުވާލައިފައިވެއެވެ. ލޮލައް ވަނީ ދެލި ކުލަ އަރާފައެވެ. ލޮލުގެ ވަށައިގެން ކުދި ފާރު ކޮޅުކޮޅު ވެއެވެ. މޫނުމަތީގެ އެތަން މިތަން ވަނީ ހަލާކުވެފައެވެ. ހަލާކު ވެފައިވާ ތަންތަނުން ތާޒާ ލޭ ފައިބަމުން ދެއެވެ.

  ”މަންމާ!“ ބަދުރު މަސައްކަތްކުރީ ހަޅޭއް ލަވައިގަންނާށެވެ. ނަމަވެސް އަނގައެއް ނުހުޅުވުނެވެ. ހީވަނީ އަނގަ އައްސި ވެފައި ހުރިހެންނެވެ. ކުއްލި އަކައް ނިވި ދިއްލޭ ޓީވީ އެއްހެން ދެފަހަރަކު ނިވިދިއްލި ފައި އެ އެތި ގެއްލިއްޖެއެވެ.

  ބަދުރަށް ހަމަ ހޭވެރިކަންވީ އެވަގުތުއެވެ. ދެފަޔައް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތެވެ. ދުވެ ދުވެ ބަދުރު ހާސްވެއްޖެއެވެ. ގެއާ ހަމައަކައް ނުދެވެއެވެ. ދުވެވެނީ އެއްމަގަކުއެވެ. މަގު ފަހަނައަޅާ ދެވޭ ހެނެއް ހިޔެއް ނުވެއެވެ. ބަދުރު ވަނީ ވާނުވާ ގަނޑެއްގެ ތެރޭގައި ރަނގަޅައް ތާށިވެފައެވެ.

  ބަދުރު ދެ ކަކޫމައްޗައް ތިރިވިއެވެ. ބޮލުގައި ހިފަހައްޓައިލިއެވެ. އެސްފިޔަތައް ފޫދުއްވާލައިފައި ކަރުނަ ފައިބަން ފަށައިފިއެވެ. ކުއްލިއަކައް ފަހަތުން މީހަކު ބަދުރުގެ ކޮނޑު މަތީގައި އަތް ބާއްވާލިއެވެ. ބަދުރައް ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހައް ފަހަތް ބަލައިލިއެވެ. މީހަކު ފެންނާކައް ނެތެވެ. ބަދުރުގެ ހިތް ބިރުގަންނަން ފެށުމުން ހިއްވަރު ކޮއްލާފައި ގޯޅިއަކައް އަޅައިލިއެވެ. މި ފަހަރު ވަރައް ފަސޭހައިން ދެވިއްޖެއެވެ. މަގު އޮޅިފައި ވިއެއް ކަމަކު ފުރަތަމަވެސް ނިކުމެވުނީ ބަދުރު އުޅޭ ގޭގެ ދޮރުމައްޗަށެވެ.

  ގޭގެ އެތެރެއައް ދެމިގަތުމާއެކު ޒިޔާލް އާއި ނަފާޒް އަވަސް އަވަހައް ވީގޮތް އޮޅުން ފިލުވަން އައިސް ފިއެވެ. ނަމަދައް ދިޔަ މީހަ އެހާލަހުން އައީ ކީއްވެތޯ އަހާލިއެވެ. ޤަބޫލު ނުކޮއްފާނެތީ ބަދުރު ހެދީ ދޮގެކެވެ.

  ”މަގު އޮޅުނީ… އެހެންވެ މިހާރު ވަރުބަލިވެއްޖެ!“ ބަދުރައް މިހެން ބުނެވުނުތަނާ ގޭ ގެ މައި ދޮރާށިން އެތެރެއައް ދެމިގަތީ ސަލްމާއްތަ އެވެ. ސަލްމާއްތަ އެއައީ ބޭރައް ގޮސްފައެވެ. ސަލްމާއްތަގެ މޫނު މަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

  ސަލްމާއްތަ އެތެރެއައް ވަދެގެން ދިޔަތާ މަގިނައިރެއް ނުވެ ބެލް އަޅައިފިއެވެ. އެންމެން އެކުގައި ކާން ދުއްވައިގަތެވެ.

  ”ރަހުމާ…. ޝަލްމާ…. ހިނގާ މިރޭ ގަނޑުފިއްލާ ކުޅެލަން… ފްރީތަ؟.. “ ނަފާޒް ވައިއަޑުން އަހާލިއެވެ. ”އާނ.. “ ރަހުމާ ހެވިގަންނަމުން ބޯ ޖަހައިލިއެވެ. ކައިއަވަދިވުމުން އެންމެން މަތީ ބުރީގެ ބޮޑުކޮޓަރި އައް ޖަމާވިއެވެ. ޒިޔާލް ފޮތިގަނޑު ދަށައް ވަނުމުން ބަދުރާއި ނަފާޒް ފިލަން ދިޔައެވެ. މަތީ ބުރިން ނުފޭބޭތީ ބަދުރު ގޮސް ވަނީ ބެލްކަންޏަށެވެ. ދޮރު ހުޅުވާލައި އެތާ ކައިރީގައި އިން ފޮށިގަނޑެއްގެ ފަހަތައް ވަދެ ބަދުރު ފިލައިފިއެވެ. ކުއްލިއަކައް ގޭގެ އިނތެރޭން މީހަކު ހިނގާ އަޑު އިވެން ފެށިއެވެ. ބަދުރު ނޭވާ ހިފަހައްޓާލައިގެން ހުރެ ފަހަތައް އެނބުރުނެވެ. އިންތެރެގައި ހެދިފައި ހުންނަ ބޯ ބަނބުކެޔޮ ގަސް ތަކުގެ ސަބަބުން އެ ސަރަހައްދު އޮންނަނީ ވަރައް އަނދިރި ކޮށެވެ.

   ބަދުރައް ނަޒަރު ބަދަލުކޮއްލެވުނު ގަޑީގައި ހިތް ނުހުއްޓުނީ ކިރިޔާއެވެ. ތިރީ ފާރުބުރި މަތީގައި އިށީންދެގެން ބަދުރާއި ދިމާ ބަލަހައްޓައިގެން އެއިނީ އެއްކަލަ އަންހެން ކުއްޖާ އެވެ. އެކުއްޖާ ބާރައް ހެވިގަތުމާއެކު ފަހަތައް ފުންމާލިއެވެ. އެއާއެކު ބަދުރައް އެކުއްޖާ ގެއްލުނީ އެވެ. ހަމަ އެވަގުތެވެ. މެދުކެނޑުނު ފިޔަވަޅުގެ އަޑު ގަސްތަކުގެ ތެރޭން އިވެން ފަށައިފިއެވެ. އަޑު ކައިރިވަމުން ގޮސް ގަސްތަކުގެ ތެރޭން ނިކުތީ މޫސާ ބޭބެ އެވެ. މޫސާ ބޭބެގެ އަތުގައި އޮތީ ކަތިވަޅިއެކެވެ. މޫސާބޭބެ އެއައި ގޮތައް އައިސް ވަނީ ގެއަށެވެ.

  ”ޕޮއް!“ ކުއްލިއަކައް މީހަކު ވާހަކަދެއްކި އަޑައް ބަދުރު ދިޔައީ ސިއްސައިގެންނެވެ. ފަހަތް ބަލާލިއިރު ހެވިގަނެގެން ހުރީ ޝަލްމާ އެވެ. ”ސިއްސައިގެންނޭ ދިޔައީ!“ ބަދުރުވެސް ބޮޑުކޮޓަރިއައް ދާން ހިނގައިގަތެވެ.

  ކުޅެ ކުޅެ ވަރުބަލިވުމުން އެންމެންވެސް ބޭނުންވީ ނިދައިލާށެވެ. ބަދުރު ކޮޓަރިއައް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނިކުތުމާއެކު ހިތުގައި އެނބުރެން ފެށީ ބަދުރައް ފެނުނު ބިރުވެރި ސޫރަ އެވެ. ވިސްނި ވިސްނި ވަރަކައް ބަދުރު ހާސްވަމުން ދިޔައެވެ. އެ ހާސް ކަމުގެ ތެރޭގައި އެނބުރެނިކޮއް ބަދުރައް ނިދިއްޖެއެވެ.

  “ ބަދުރު ހުރީ އަތިރިމަތީގައެވެ. ހަނދުވަރުގެ އަލީގައި ބަދުރު ހުރީ މޫދައް ދެފައި ލައި ތެންމައިލައިގެންނެވެ. ޖެހެމުން އައި ފިނި ވައިރޯޅި ތައް ގައިގައި ބީހެމުން ދިޔަ ވަރަކައް ގައިނ ހީބިހި ނަގަމުން ދިޔައެވެ. އެވަގުތު ބަދުރައް ފެނުނީ ބަދުރާއި ކައިރިއައް ހިނގަމުން އައި ހިޔަންޏެކެވެ. ބަދުރައް ފަހަތް ބަލައިލުމާއެކު ފެނުނީ ބަދުރުގ ސިކުނޑި އާއި ހިޔާލައް އުނދަގޫ ކުރަމުން އައި ބިރުވެރި ސޫރަ އެވެ. އެ ސޫރަ  މަޑުމަޑުން ކައިރި ވަމުން ދިޔައެވެ. އެ ތޫނު ދިގު ނިޔަފަތިތައް މޫނު ކުރިމަތީގައި ހޫރާލި އެވެ. ބަދުރުގެ ނޭވާ ތާށި ވި ކަހަލަ އެވެ. އެ އެތި މަޑުމަޑުން ކުލަ ފަނޑުވަމުން ގޮސް ގެއްލިއްޖެ އެވެ. ބަދުރު މަސައްކަތް ކުރީ ދުއްވައިގަންނާށެވެ. ނަމަވެސް ފަހަތުން މީހަކު ބަދުރުގެ ގަމީހުގެ ގިރުވާނުގައި ހިފާ ފަހަތައް ދަމައިގަތެވެ. ބަދުރު އެކޮޅުކޮޅުން، ބޯކޮޅުވަތައް ވެލިގަނޑު މައްޗައް ޖެހިއްޖެ އެވެ. އެ އެތި ގުދު ވެލުމައް ފަހު ބަދުރުގެ ބޮލުގެ މެދު ތެރެއައް ތޫނު ނިޔަފަތިތައް ހަރާލިއެވެ. އަދި އެއައްފަހު އެއެތި ގެއްލިއްޖެއެވެ.“

   ”އާހް!“ ބަދުރަށް ހޭލެވުނު އިރު އޭނާ ވަނީ އެއްކޮއް ދާހިއްލާ ފޯވެފައެވެ. ފެނުނު ހުވަފެނުގެ ސަބަބުން ބަދުރު ވަނީ ހުން އައިސް ފައެވެ. މިހާރުމިދިމާވާ ކަންތައްތަކުގެ ސަބަބުން ބޯ ހާސްވުން ނޫން ކަމެއް ނުވެއެވެ.

  ބެލް އަޅައިފިއެވެ. ސްކޫލައް ދާށެވެ. ބަދުރު އޮތީ އެނދުމަތީގައެވެ. މުޅި ގައިމަތީ ގައި ބެޑްޝީޓް އަޅައިގެންނެވެ. ނުވީތާކައް ބަދުރުގެ ކޮޓަރީ ދޮރުގައި ވެސް ޓަކި ޖަހައިފިއެވެ. ބަދުރައް ގޮވާ އަޑުވެސް އިވެ އެވެ.

   އެންމެފަހުން މުޅި ގައިގައި ބެޑްޝީޓް އޮޅައިގެން ބަދުރު ކޮޓަރީގެ ތަޅުހުޅުވިއެވެ. ޒިޔާލް އާއި ނަފާޒް އައް ބަދުރު ފެނުމުން އަވަހައް އައިސް ސަލްމާއްތަ އައް ގޮވި އެވެ. ސަލްމާއްތަ ފާޑަކައް ހެވިގަނެފައި އެންބުލާންސް އައް ގުޅައިފިއެވެ. އަވަސް އަވަހައް ބަދުރު ހޮސްޕިޓަލައް ގެންގޮސް އެޑްމިޓް ކުރެވިއްޖެ އެވެ.

   ބަދުރު އެނދުމަތި ކޮއްފައިވާތާ 3 ގަޑި އިރުވީ އެވެ. ސްކޫލް ގަޑި ނިންމާފައި ނަފާޒް އާއި ޒިޔާލް ބަދުރައް ޒިޔާރާތް ކުރަން އައެވެ. ބަދުރު އޮތް ކޮޓަރިއައް ވަދެފައި ބަދުރުގެ ހާލު އަހުވާލު ބަލާލާ ވާހަކަ ދައްކާލިއެވެ. ”ކިހިނެތްވީ ބަދުރު ހުން އައީ…. އަހަރެން މީ މާހައުލު ބަދަލު ވީމާ ރޯގާ ޖެހޭ މީހެއް…. އެކަމަކު ދުވަހަކުވެސް ހުމެއް ނާދޭ… “ ނަފާޒް ވިސްނަން އިނދެފައި ބުނެލިއެވެ. ”ތެދެއް… ބަދުރައް އެނގޭތަ ކިހިނެއް ކަން ވީ..“ ޒިޔާލް އަހާލިއެވެ. އެކެއް ކައިރީ ވެސް ބުނަން ބޭނުން ނުވާތީ ބަދުރު ބޯ ހޫރާލިއެވެ. އަދި ބުނެލިއެވެ. ”ހީވަނީ… މާ ގިނައިރު ހޭލާ ހުރެވުނީ ހެން..“ ބަދުރު ބުނެލިއެވެ.

  ބަދުރު ދޫކޮއްލީ ހަވީރު 4:00 ޖެހިއިރު އެވެ. އޭރު ހުން ކޮންމެވެސް ވަރަކައް ރަނގަޅު ވެފައިވާތީ އެވެ.

  އެރޭގެ ވަގުތެވެ. ނިދަން ނުކެރިގެން ބަދުރު ދެފަރާތައް ފުރޮޅެނީ އެވެ. ނުނިދިގެން އެންމެ ފަހުން ބެލްކަންޏައް ނިކުތީ އެވެ. ވައި ޖައްސާލާށެވެ. ހިތައް ލުއިކަމެއް ލިބޭތޯ އެވެ. ހާސްކަމާއި ހިތާމައާއި ބިރުވެރިކަމުން ދުރައް ޖެހިލުމަށެވެ. އޭރު މޫސާ ބޭބެ ބަލިވެގެން ސަލްމާއްތަ މޫސާ ބޭބެ ގޮވައިގެން ހަސްފަތާލަށް ގޮސްފިއެވެ. ދަމުން ސަލްމާއްތަ ދިޔައީ އެވަހަކަ ބުނެފައެވެ.

  ބަދުރުގެ ބެޑްޝީޓާއި ބާލީސް ވީ ސަލްމާއްތަގެ ކޮޓަރީގައި ކަމުން ބަދުރު ބިރުން ހުރެ ކޯރިޑޯ ތެރޭން ލާފައި މަޑުމަޑުން ސިޑިން ތިރިއައް ފައިބަން ފެށިއެވެ. ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ގޮސް ބިންމަތީގައި ފައި ޖެހިއްޖެ އެވެ.

  ދެންމެ ދެންމެ އެ އެތި ކޮންމެ ދިމާއަކުން ވެސް އައިސް ފާނެތީ ބަދުރުގެ ހިތް ނޭންގޭހާ ބާރައް ތެޅެމުން ދިޔައެވެ. އިރު އިރުކޮޅާ ފަހަތް ބަލާލެވެ އެވެ. އެތަން މިތަން ހޯދާ ލެވެއެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާވާން އުޅެނީއޭ ބަދުރުގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ.

  ބަދުރު ސަލްމާއްތަގެ ކޮޓަރިއައް ވަނެވެ. ސަލްމާއްތަ ބުނިފަދައިން އަލަމާރި ހުޅުވައިލިއެވެ. ހެދުންތައް ދެފަރާތައް ކަހައިލިއެވެ. ބެޑް ޝީޓު ފެނޭތޯ އެވެ.

   ”އަސްތާ!“ ބަދުރައް ފެނުނީ ބަދުރައް ދިމާވާ ބިރުވެރި ކަންތައްތަކުގެ ފަހަތުގައި އުޅޭ ސޫރައިގެ މާސްކެކެވެ. ދިގު އިސްތަށި ގަނޑެއްލާފައި ލޮލުގެ ބައި ކަފާ ނަގައިފައެވެ. ރަތްކުލަ ޖައްސާފައެވެ. އެތާ ކައިރީގައި އިން ފޮށީގައި އިނގިއްޔައް ޖަހާ ދިގު ނިޔަފަތި ތަކެއް ހުއްޓެވެ.

  ބެޑްޝީޓު ހިފައިގެން ބަދުރު ދުއްވައިގަތެވެ. ވީގޮތް ރަނގަލައް ބަދުރައް އެނގިއްޖެ އެވެ. ބަދުރައް އުނދަގޫ ކޮއް ބިރު މި ދައްކަނީ ސަލްމާއްތަ ތާއެވެ! މި ހުރިހާ ކަމެއްގެ ފަހަތުގައި ވެސް ވަނީ ހަމަ ސަލްމާއްތަ ތާ އެވެ! އެކަމަކު ބަދުރައް އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟

  ބަދުރު ގޮސް ޒިޔާލް އާއި ނަފާޒް ގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލިއެވެ. ދެމީހުންވެސް ވަރައް އަވަހައް ހުޅުވައިލިއެވެ. ބަދުރުގެ ކޮޓަރިއައް ދެކުދިން ވަނުމުން ދޮރު ތަޅުލުމަށް ފަހު، ބަދުރު އައިސް އެނދުގައި އިށީނެވެ. ބަދުރައް އެންމެ ފުރަތަމަ ދިމާވި ކަންތަކާއި ދެން ދިމާވި ކަންތައް ކިޔައިދިނެވެ. އޭރު ކިޔައި ނުދިން ސަބަބު ވެސް ކިޔައިދިނެވެ. އަދި ހުވަފެނު ގެ ވާހަކަ އާއި  ހުން އައިގޮތުގެ ވާހަކަ ވެސް ކިޔައިދިނެވެ. މިރޭ ބިރުން ބެލްކަންޏައް ނިކުތް ވާހަކަ އާއި ބެޑްޝީޓު ބަލައި ސަލްމާއްތަގެ ކޮޓަރި އައް ދިޔަ ވާހަކަ ކިޔައި ދިނެވެ. އެ ކޮޓަރިއައ ގޮސް ގެން ފެނުނު އެއްޗެއްސާއި ހަޤީޤަތް ފަޅާ އެރި ގޮތުގެ ވާހަކަ ކިޔައިދިނެވެ.

  މި ހުރިހާ ވާހަކައެއް ކިޔައިދިން އިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ބަހެއް ނުބުނެ އެވެ. ”ހިޔާލެއް ދީބަލަ!… މި ވަޅިގަނޑުން ނަގައިދީބަލަ!…“ ބަދުރު ބުނެލިއެވެ. ”މާދަމާ ސަލްމާއްތަ ކައިރީ ބުނޭ ބައްޕަ އައް ގުޅަން ބޭނުމޭ… މިހެން ބުނެފައި ބައްޕަ އައް ގުޅައިގެން ހުރެ ހުރިހާ ވާހަކައެއް ކިޔައިދީ… ދެން ބުނޭ ބަލާ އަންނާށޭ….“ ޒިޔާލް ބުނެލިއެވެ.

   އަނެއް ދުވަހު ޒިޔާލް ބުނި ފަދައިން ބަދުރު ކަންތައް ކުރި އެވެ. ހުރިހާ ވާހަކައެއް އަލިފުން ޔާ އައް ކިޔައިދިނެވެ. ނަސީބަކުން ވަރައް ފަސޭހައިން ބައްޕަ ޤަބޫލު ކޮއްފި އެވެ.

  1 ދުވަސް ތެރޭ ބަދުރު އެމީހުން އަތުން ސަލާމަތް ވެގެން އައެވެ. ހަޤީޤަތުގައި ސަލްމާއްތަ އިތުރު ކުއްޖަކު ބަލަން ބޭނުން ނުވީ އެވެ. އަދި ބަދުރު ބިރުދައްކުވާ ފޮނުވާލަން ބޭނުން ވީ އެވެ.

  މާލެ އަޔަސް ބަދުރު ޒިޔާލް އާއި ނަފާޒް އާއި ބައްދަލުކުރަން ބަންދައް އެރަށައް ދެއެވެ.

  ހަނދުވަރުގެ ހިޔަނީގައި ބަދުރައް ދެއްކި ފިލްމު ބަދުރުގެ ހަނދާނަކުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެކަން ކަޝަވަރެވެ

ސަބްސްކުރައިބް
ނޮޓިފައި ކުރަނީ
guest

1 ކޮމެންޓް
އެންމެ ފަސް
އަލަށް އެންމެ ގިނަ ވޯޓް
އިންލައިން ފީޑްބެކް
ހުރިހާ ކޮމެންޓްތައް ބެލުމަށް
ސަޖުވާ
ސަޖުވާ
3 މަސްތައް ކުރިން

ވަރަށް ރީތި ވާހަކައެއް މާޝާ ﷲ

Back to top button