
ޒަމާން ދައުރުވަމުން ދިޔައެވެ. ދުވަސްވަރަކީ ޓެކްނޮލޮޖީގެ ބޭނުން އެނގި މުޅި ދުނިޔެ ޓެކްނޮލޮޖީގެ ތެރެއަށް ގެނބިފައިވާ ދުވަސްވަރެވެ. ޓެކްނޮލޮޖީގެ މިންވަރެއް ނޭންގޭ މީހަކު މިވަގުތު މިދުނިޔެއަކު ނުހުންނާނެއެވެ.
”ޒަމް.. ޒަމް “ ގަހެއްގެ ހިޔަލުގައި އިށީންދެގެން އިން ޒަމްނާ ސިއްސައިގެން ދިޔައީ އޭނާގެ އެކުވެރިޔާގެ އަޑަށެވެ. މާ ދުރުނޫނަ ހިސާބަކުން ހަނާ އަޅަމުން ދުވެފައި އައި ނަޒާ ގަހުގެ ބުޑަށް ވެއްޓި ގަންނަމުން ފުންނޭވައެއް ލިއެވެ.
”ކިޔާބަލަ ތިކިޔތަން އެޅޭ އެއްޗެއް“ ޒަމްނާ އަވަހަށް ބުނެލިއެވެ. ”މަ…. މަގޭ… މަންމަ މަށަށް…. ފޯނެއް.. ގަނެދީފިއޭ…..“ ކޮންމެ ދެބަސް ދޭތެރެއަށް ނޭވައެއް ލަމުން ނަޒާ އުނަގަނޑުގައި އަތް ވިއްދާލިއެވެ. “ ކަލޭ ކިހާ ނަސިބުގަދަ…. މަގޭ މަންމަ މަށަކަށް ފޯނެއް ނުގަތް… އާދޭސް ކުރާތާ އަހަރެއް މިވަނީ.. ކުޑަމިނުން ޓެބެއްވެސް ނުގަތޭ.. މަމި ޖެހެނީ ތިގޭ ޓެބުން ޗެޓް ވެސް ކުރަން.. ވަރަށް ފޫހި“ ޒަމްނާ ތުންދަމާލިއެވެ. ”ނަސީބަކީ ކަތީބު ދޭ އެއްޗެއް ނޫނޭ.. ބަލަ މަ ދޭނަން މަގޭ ޓެބު، އޭރުން މަށަށް ފޯނު ސަޅި އެއްނު“ ނަޒާ އަވަހަށް އިންތަނުން ތެދުވިއެވެ. ”ނަޒް ތީ ހަމަ ބެސްޓް“ ޒަމްނާ ވެސް ތެދުވެ ގެއަށް ދާން ހިނގައިގަތެވެ.
”ދަރިފުޅާ، ކީއްވެތަ ނަޒާ އާއި އެކީ ތި ދަނީ، މަންމަ ބުނެފީމެއްނު ނުދާށޭ… ކީއްވެ ކަންފަތަށް އަޑު ނީވެނީ… ދަރިފުޅަށް ފޯނެއް ނުގަނެވެނީ ވެސް އެހެންވެޔޭ.. ދާންވީ ފިލާވަޅު ދަސްކުރަން… ނަޒާ އާއި އެކީ އުޅެން ފެށިފަހުން އުޅުމަށް ބަދަލު އާދެއޭ… ތިހިރަ ބަސްއަހާ ކުއްޖާ ތި ހަލާކު ވަނީ އެހެންވެޔޭ….“ ގެއަށް ވަން ތަނުން ޒަމްނާ ކަންފަތް މަތީ އަތް އަޅައި ގެން ހިނގައްޖެއެވެ. “ ޒަމް… ބަލަ ނަމާދު ކޮއްފިންތަ.. މަންމަ އެ ކިޔަނީ ނަމާދު ކުރާކައްނު ނީވޭތަ މަންމަ އެކިޔާ އެއްޗެއްގެ އަޑެއް“ ޒިހާން މިސްކިތުން އައިސް ކިޔަވާ ފޮތްތަށް ނެގިއެވެ. ”އަޅާނުލާ“ އެއީ ޒަމްނާގެ ކުރު ޖަވާބެވެ. އޭނާގެ ޖަވާބަކީ އަބަދުވެސް އެކަހަލަ ފަރުވާކުޑަ ބަހެކެވެ. ނުވަތަ ޖުމުލަ އެކެވެ.
”ބަލަ ޒަމް.. މަގޭ ގާތަށް ރުޅި އައިސްގެން ކަމަކުނުދާނެ.. ނުނީ ދޭ ނަމާދުކުރަން“ ޒިހާން ފެން ކޯވަރެއް ބޯލަމުން ބުނެލިއެވެ.
ޒިހާންގެ ހަރުކަށި ކަމުގެ ސަބަބުން ހަގައް ތިބި އެއްބަނޑު އެއްބަފާ ކުދިން ގޭތެރޭގައި ބުނާގޮތް ނުހަދާ އުޅުމަކީ ވާނެ ކަމެއް ނޫނެވެ. އޭނާ އަކީ އަބަދުވެސް މަންމަގެ ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ނަމަވެސް ހަގައް ތިބި ޒަމްނާ، ޒަރާ އަދި ޒާއިން އުޅެނީ ނުކިޔަވައެވެ. ބޭނުންވަނީ އުޅޭނެ ގޮތަކަށް އުޅޭށެވެ. ޒިހާން އަށް އެއިންކުއްޖަކު ކުލާހުގައި މަޑު ކުރުވިކަން އެނގުނަސް ހުންނާނީ އަދަބެއް ދޭން ތައްޔާރަށެވެ. ޒިޔާން އާއި މަންމަ އާއި ބައްޕަ ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް އެއިން އެކެއްގެ ވެސް ކަންފަތުގައި އެއްޗެއް ހަރުލާ ހެނެއް ހިޔެއް ނުވެއެވެ.
”މާދަމާ ޓެބު ލިބުނީމަ ގެންގުޅޭނީ އެންމެނަށް ފޮރުވައިގެން“ ޒަމްނާ ތިރީ ތުންފަތުގައި ދަތް އަޅާލަމުން ރުޅިވެރި ގޮތަކަށް ހިތާ ހިތުން ބުނެލިއެވެ.
އަނެއް ދުވަހުގެ އިރު ދުނިޔޭގެ އަނދިރިކަން ފަޅު ފިލުވައިލިއެވެ. އަރަމުން ދިޔަ އިރުގެ ރަންދޯދި ތައް ދުނިޔޭގެ މަޑުމޯޅިކަން އެކޮޅުކޮޅުން ޖަހައިފިއެވެ.
ޒަމްނާމެންގެ ގޯތިތެރެ ހަލަބޮލި ވެފައިވަނީ ސުކޫލަށް ދާން ތައްޔާރު ވުމުގައެވެ. މަންމަ ސައި ހަދައިދެމުން ކުޑަ ދެކުދިން ތައްޔާރު ކުރަމުން، ދެން ތިބި ދެކުދިންގެ ކަންތަށް ނިންމައިދެމުން، ޑިއުޓީއަށް ދާން ތައްޔާރުވަމުން ދިޔައެވެ. ނަމަވެސް ޒަރާ އާއި ޒާއިން އުޅެނީ ހިފިނުހުރެގެންނެވެ. ޒަމްނާ އާއި ޒިހާން ކުޑަ ދެކުދިން މައިތިރި ކުރަމުން ސުކޫލަށް ދާން ތައްޔާރު ވުމަކީ މިހާރު ހޭނިފައި ވާ ކަމެކެވެ. ޒަމްނާގެ މަންމަ އާފިޔާ، ޒަމްނާގެ ބައްފަ ހޭލަން ވާއިރަށް ޑިއުޓީ ގަމީސް އިސްތިރި ކުރަމުން ދިޔައެވެ. ގިނައިރެއް ނުވެއެވެ. އެންމެން ތައްޔާރުވެ ނިމިއްޖެއެވެ.
ޒަމްނާމެންގެ އާއިލާ ސުކޫލާއި ހަމައަށް ދަނީ ދުއްވާ އެއްޗެއްގައެއް ނޫނެވެ ދެފައިގެ ބާރުގައި ހިނގާފައެވެ. ސުކޫލަށް ހަމަ ދެވުމާއި އެކު ޒަމްނާ އަވަސް ވެގަތީ ސުކޫލު ގޯތިތެރެއަށް ވަނުމަށެވެ. ކުދިން ތައް ހުރަސް ކުރަމުން ގޮސް ސުކޫލުގެ ގޯތިތެރެ އަށް ވަދެވުމާއެކު ޒަމްނާގެ ދެލޯ ހޯދާލީ ނަޒާއެވެ. އޭނާގެ އެކުވެރިޔާ އެވެ. ދުވަމުން ހުއްޓެމުން ދިޔަ ނަޒާ ޒަމްނާ އާއި އަރާ ހަމަކޮއްފައި ދަބަސް ރީތި ކޮއްލިއެވެ. ”މިއަދު 1:00 އިން 3:30 ނިކަގަސް ކައިރިން ބައްދަލު ކުރާނަން… އޭރުން ޓެބު ލިބޭނެ“ ނަޒާ ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ކުލާހަށް ވަނެވެ.
މެންދުރުގެ އިރު އުޑުގެ މެދުގައި އިން ވަގުތެވެ. މާހައުލަށް ވެރިވެފައިވާ ދިލަ ހޫނުގެ ސަބަބުން ގެއިން ބޭރުގައި އުޅެނީ މަދު ބަޔެކެވެ. ނަމަވެސް ބަނދަރާއި އިންވެގެން ވިނަ ގަސް ހެދިފައިވާ ސަރަހައްދުގައި ދެ ކުއްޖަކު ހަރަކާތް ތެރި ވަމުން ދިޔަ އެވެ. “ މީގަ ސްނެޕް އަދި ޓިކްޓޮކް އިންނާނެތަ “ ޒަމްނާ ޓެބަށް ބަލާލަމުން ބުނެލިއެވެ. ”އާނ… ބޭނުންވާ ހުރިހާ އެޕެއް ތީގަ ހުންނާނެ“ ނަޒާ ޓެބަށް ތައުރީފް ކުރަމުން ބޭނުން ކުރާނެ ގޮތް ކިޔައި ދެމުން ދިޔައެވެ. މަޑުމަޑުން ޒަމްނާގެ ސިކުނޑި ޓެކްނޮލޮޖީގެ ދަޅަ ތަކަށް ހެއްލެމުން ގެނބެމުން ދިޔައެވެ.
ގެއަށް ދިޔަ ގޮތަށް ޒަމްނާ، އެއްޗެހި ރައްކާކުރާ ގުދަނަށް ވަނެވެ. އަދި ކަރުދާސް ފޮއްޓެއް ނަގައި ފޮށީ ތެރެއަށް ޓެބްލެޓު ލިއެވެ. އަދި ހުޅުވޭގޮތަށް ފޮށި ގަނޑުގައި ޓޭޕު އެޅިއެވެ. ފެންނަ މީހަކަށް ނޭންގޭނެހެން ކަރުދާސް ފޮށި ތަށް ކައިރީ ބައިންދާލި އެވެ. ”ބަރާބަރު، މީހަކަށް ޝައްކެއް ނުވާނެ… ކޮންމެ ދުވަހަކު ވަގަށް މިތަނަށް އައިސް ކުޅޭނީ… ހިހިހިއް… ކާކަށް އެނގޭނީ… ނަޒާ އުޅޭހެން މަށަކަށް ނޫޅެވޭނެ.. މަ ޖެހޭނީ ވަގައް ކުޅެން“ ޒަމްނާ ގުދަނުގެ ތެރޭގައި ކުޑަ ތަންކޮޅެއް އޭނާއަށް އިށީންދެވޭ ވަރަށް ސާފު ކުރި އެވެ.
އެދުވަހުގެ ރޭގަނޑެވެ. ޒަމްނާ ވަރަށް ބަސް އަހައިގެން މަންމަ އެދުނު ގޮތަށް އުޅުނެވެ. އެއީ މަންމަ ފަހުން ނަމާދު ކުރަން ކިޔަވަން ނުގޮވާނެ ކަން އެނގޭ ތީއެވެ. އެ ނޫން ނަމަ އަބަދު ފަހަތުން ގޮވާ، ބޮލިރަވައެއްހެން އުނދަގޫ ކުރާނެއެވެ. މަސައްކަތްތަށް ނިންމާފައި ހުރި ކަމަށް ވާނަމަ މަންމަ ފަހަކުން އަޅައެއް ނުލާނެ އެވެ. އެކަން ޒަމްނާ އަށް ރަނގަޅަށް އެނގެއެވެ.
އިޝާ ނަމާދުގެ ވަގުތެވެ. ރޭޑިއޯ އިން އިވުނު ބަންގީގެ އަޑާއެކު ޒިހާން އާއި ޒަމްނާ ޤުރުއާން ފޮތް ލައްޕާލުމަށް ފަހު ތެދުވިއެވެ. ޒިހާން މިސްކިތަށް ދާން ނިކުތުމުގެ ކުރިން ފަހަތް އެނބުރި ބަލާލިއެވެ. ”އަހަރެން އައުމުގެ ކުރިން ނަމާދު ކޮއްގެން ތިބޭތި“ ޒިހާން އިންޒާރު ދިނުމަށް ފަހު ދާން ނިކުތެވެ. އެ އަޑެއް ނާހާ ޒަމްނާ ގޮސް ވުޟޫކޮއްގެން އައިސް އިޝާ ނަމާދު ކުރިއެވެ.
ޒަމްނާ އަވަސް އަވަހަށް އަވަސް އަރުވާލައިފައި މާ އަވަހަކަށް ރޭގަނޑުގެ ކެއުން ނިންމާލިއެވެ. ހީވަނީ ލައްވާ ނުލައިގެން އުޅޭ މީހެއް ހެންނެވެ.
އިރުކޮޅެއް ފަހެވެ. އާއިލާގެ ދެން ތިބި މީހުން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަޤުތެވެ. އަވަސް އަވަހަށް ޒަމްނާ ގުދަނުގެ ދޮރު މަޑު މަޑުން ހުޅުވައިލިއެވެ. ދޮރުގެ ހުޅުވިފައި އިން ކުޑަ ތަންކޮޅުން ޒަމްނާ އެތެރެއަށް ދެމިގަތެވެ. ދޮރު އެތެރެއިން ތަޅު ލުމަށް ފަހު ފޮށި ހުޅުވާފައި ޓެބްލެޓް ނެގިއެވެ.
ގާތްގަނޑަކަށް 9:30 ގައި ޒަމްނާ ޓެބްލެޓްބޭއްވި އެވެ. އެއައްފަހު މީހަކަށް ޝައްކު ނުވާނެހެން ގުދަނުން ނިކުތެވެ.
މިކަހަލަ ގޮތަކަށް ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. މިހެން ގޮސް ދުވަސް ތަކެއް ފާއިތު ވެއްޖެއެވެ. އެއްދުވަހަކު ޒަމްނާ ނުދަންނަ މީހަކާ ޓިކްޓޮކުން ވާހަކަ ދައްކަނިކޮށް…
ރި**ފާ11: ހައި
ޒަމްނާ147: ހައި
ރި**ފާ11: ވިޗް ކަންޓްރީ؟
ޒަމްނާ147: މޯލްޑިވްސް
ރި**ފާ11: ކޮން ނަމެއް ކިޔަނީ؟
ޒަމްނާ147: ޒަމްނާ
ޒަމްނާ147: ކޮންނަމެއް ކިޔަނީ؟
ރި**ފާ11: ރިފާ
ޒަމްނާ އެކުއްޖާ އާއި ވާހަކަ ދައްކާތާ 2 ދުވަސް ފަހެވެ. ޒަމްނާ، އެއީ ޒަމްނާގެ އެކުވެރިއެއް ކަމަށް ބަލައިގަތެވެ. އަނެއްކާ ޒަމްނާއަށް އެކުއްޖާގެ މެސެޖެއް ލިބުނެވެ.
ރި**ފާ11: މަ ކަލެއަށް ދޭނަން ފޯނެއް އެކަމަކު މަ ބުނާކަމެއް ކުރާތި!
ޒަމްނާ147: އޯކޭ
ޒަމްނާ ޓެބުގެ ސްކްރީނަށް ބަލަހައްޓައިގެން އިނީ ރިފާގެ ފަރާތުން ޖަވާބެއް ލިބޭނެ އިރަކަށެވެ. މާގިނައިރެއް ނުވެއެވެ. ޓެބު ނިވިއްޖެއެވެ. ހުޅުވިއިރު ޓެބުގެ ސްކްރީނަށް، އަލުން ޓިކްޓޮކަށް ”ސައިން އިން“ ވާން އަރައިފައި އިނެވެ. ޒަމްނާ ޕާސްވޯރޑް ޖެހިއެވެ. ދެން ވަދެވުނުއިރު ރިފާގެ މެސެޖެއް ލިބިފައި އޮތެވެ.
ރި**ފާ11: އޭޕްރީލް 05 ގެ ކުރިން މަށަށް 10،000ރ ދޭން ޖެހޭނެ… ނޫނީ މަގޭ އަތުގައި ހުރި ކަލޭގެ ކުޑަ އިރުގެ ފޮޓޯ އާއި ކިތަންމެ ކަލޭ ހިތް ނޭދޭ ފޮޓޯ ތަށް މުޅި ސޯޝަލްމީޑިއާ އަށް ލާނަން! ހަނދާން ކުރާތި!
ޒަމްނާ147: ހެކި ދައްކާ
ރި**ފާ11:
👧🏽💂🏽♀️👶🏽
ޒަމްނާ ގުދަނު ތެރޭގައި އިނދެގެން ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އަދި އަޑުން އަޑު ނަގައި ބާރަށް ރޮއިގަތެވެ. އެވަގުތުގައި ހީވީ ޒަމްނާގެ ހިތް ހުއްޓުނު ހެންނެވެ. ޒަމްނާ އަށް ރުޅި އާދެވުނީ ނަޒާ ދެކެއެވެ. އޭނާއަށް އިޙްތިޔާރު ކުރެވުނު ގޯސް އެކުވެރިޔާ ދެކެ އިންތިހާ ދަރަޖައަށް ރުޅި އާދެވުނެވެ.
ޒަމްނާގެ ރުއިމުގެ އަޑަށް އެންމެން ގުދަނުގެ ދޮރު ފޫވައްޓާލައިފައި ޒަމްނާ ހަމައަކަށް އަޅުވާލިއެވެ. ކަން ވީގޮތް އެނގުމުން ޒަމްނާގެ މަންމަ އާއި ބައްޕަގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޒަމްނާ އެފަދަ ކަމެއް ކޮއްފާނެ ކަމަށް ޝައްކެއްވެސް ނުކުރާ އެ ލޮބުވެތި މައިން ބަފައިން މިއަދު ރުޔެވެ. ގިސްލަ ގިސްލާފައި ރުޔެވެ. ޒަމްނާގެ ސަބަބުން އެ މައިންބަފައިން ރޯން ޖެހުމުން ހިތުގައި ޖެހިފައި އިނދެ ރުޔެވެ. ގިނަ އިރެއް ނުވެ ޒަމްނާ ތަޅުންގަނޑު މައްޗައް ހޭނެތިގެން ވެއްޓިއްޖެއެވެ. އެ ކުޑަ ކުޑަ ހިތަށް އެވަރުގެ ވޭނެއް ނުއުފުލުނީއެވެ. އެވަގުތު ޒަމްނާގެ ދޮންބެއައް މި ޙަބަރު ލިބިގެން އަތުވެއްޖެއެވެ. މިކަން އެނގި ތަފްސީލް ވުމުން ހަމަ ފެށުނީ ރޯށެވެ.
ސައިބާ ފުލުހުންގެ އެހީގައި މައްސަލަ ހަމައަކަށް އަޅުވާލި އަކަސް ޒަމްނާ ވަނީ އެކަނި ވެފައެވެ. ބާކީ ވެފައެވެ.
މިއީ ނުބައި އެކުވެރިން އިޙްތިޔާރު ކުރުމުގެ ހިތި ނަތީޖާ އެވެ. ގޯސް މީހުންނާއި އެކީގައި އުޅުމުގެ މިސާލަކީ ދަގަނޑު ދޮންކުރާ ގިރުނބާ ދަމާ މީހެއްގެ ކައިރީގައި އިންނަ މީހެއްގެ މިސާލެވެ. ފަހުވަގުތު އެހީވާން ތިބޭނީ މައިން ބަފައިންނެވެ. އެ އެކުވެރިޔާ އެއް ނާންނާނެއެވެ.
ނިމުނީ





ވަރައް ރީތި މާޝާ ﷲ
މި ވާހަކަ އާއި މެދު ޙިޔާލު ފާޅު ކުރެއްވީތީ އުފާކުރަން