ކުޑަކުދިންގެ ވާހަކަވާހަކަތަހުގީގީ ވާހަކަ

ދިރިހުރި ހަނދާންތައް – މިޝީ

ފަތިހުގެ ހަމަހިމޭން ވަގުތެވެ. ހިމަ ނަލަ ވައިރޯޅިތައް މާހައުލަށް އާރޯކަމާއި މުރާލިކަން ލިއްބައިދެމުން ދިޔައެވެ. ގޮނޑުދޮށުގައި ހެދިފައި ހުރި މަގޫ ގަސްތަކުގެ ތެރޭގައި ކުޑަ ހޮޅުއަށްޓެއް ބަހައްޓާފައި ހުއްޓެވެ. އެ ހޮޅުއަށީގައި އިށީންދެލައިގެން އިނީ ދެބައިއުމުރައް އަޅައިފައިވާ މުސްކުޅި އަންހެނެކެވެ. ހީވާހީވުމަށް އޭނާ އެއިނީ ވަރައް ފުން ވިސްނުމަކައް ގެއްލިފައެވެ.

   ހޮޅުއަށީގައި އިށީންދެލައިގެން އިނީ ރިހިއަލިގޭ ފާތިމަތު ހަފީޒާ އެވެ. އޭނާ އިނީ މާޒީގެ ހަނދާންތަކުގެ ތެރެއައް ގެނބިފައޭ ބުންޏަސް ދޮގަކައް ނުވާނެއެވެ. މާޒީގެ ހިޔާލުތަކާއި ފިކުރުތައް އޭނާ އަށް އުނދަގޫ ކުރަމުން ދިޔައެވެ.

***

   އަމީނީމަގުގެ ކަނާއަތް ފަރާތުގައި ހުރި ބޮޑު ރަތް ދޮރާށި ލީ ގޭކައިރިއައް ޒަލާނިއާ އާއި ޝުހުދާ އައިސް ހުއްޓުނެވެ. ދޮރާއި އަރާ ހަމަވުމާއެކު މަޑުމަޑުން ދޮރާށި ހުޅުވާލައި އެތެރެއައް ނަޒަރު ހިންގައިލިއެވެ. އަދި އަވަސް އަވަހައް ފަޅޯމާގޭ ދޮރުމައްޗައް އަރައި ސަލާމް ގޮވާލިއެވެ.

  ”ވަޢަލައިކުމުއް ސަލާމް….. އޯހ.. ޝުހޫމެން ދޯ.. އަންނާނަން މަންމަ ކައިރީގަ އަހާފަ.. “ ހަފީޒާއައް އޭނާގެ އެކުވެރިން ފެނުމުން އެއައީ ކީއްކުރަންކަން އެނގިހުރެ ބުނެލިއެވެ.

   ”މަންމާ… މަ ދަންތަ ޒަލާނިއާ މެންނާއިއެކީގައި ކުޅެލަން..“ ދޮރުހުޅުވާލުމައްފަހު ކޮޓަރީގެ ދޮރުން ބޯދިއްކޮއްލުމައްފަހު ހަފީޒާ އޭނާ ގެ މަންމަ އައް އަޑު އިވޭ ވަރައް ގޮވާލިއެވެ. އަދި މަންމަގެ އަޑެއް ނީވުމުން މަޑުމަޑުން އެތެރެއައް ވަދެގެން ދިޔައެވެ. ފަހަރަކު ފިޔަވަޅެއް ލަސްލަހުން އަޅަމުން ކުރިއަށް ހިނގައިގަތެވެ. ގޮސް ފާޙާނައިގެ  ދޮރުގައި ޓަކިދިނެވެ. ދެ ތިން ފަހަރަކު ޓަކި ދިނުމުން ވެސް ޖަވާބެއް ނުލިބުނެވެ.

   ”މަންމާ!… “ ޖަވާބެއް ނުލިބުމުން ތަންކޮޅެއް ބާރައް ޓަކިދެމުން ހަފީޒާ ގޮވައިލިއެވެ. ދެންވެސް ޖަވާބެއް ނުލިބުނެވެ. ހަފީޒާ އައް މަންމަ ވީ ފާޙާނާގައި ކަން ޔަޤީނެވެ. އޭނާ ނިކުމެގެން ދިޔައިރު މަންމަ ފާޙާނާއައް ވަންތާ ވާނީ ބަރާބަރު ދެ މިނެޓެވެ.

   ”އަޅެ މަންމާ ވާހަކަ ދައްކަބަލަ…“ ހަފީޒާ ގެ ހިތައް ފާޑެއްގެ ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައެވެ. ފާޑަކައް ބިރުވެސް ގަތެވެ. އަނެއްކާވެސް ހަފީޒާ ދޮރުފަތުގައި ތަޅައިގަތެވެ.

  އެންމެ ފަހުން ހަފީޒާ އުދައްޔެއް ހިފައިގެން އައިސް ދޮރުފަތުގައި ޖެހިޖެހީނުން ޕްލާސްޓިކް ދޮރުފަތް މެދުން ބާގަނޑެއް ހަދައި ފަޅާލައިފިއެވެ. އުދަލި އެއްލާލުމައްފަހު ހަފީޒާ އަވަސް ވެގަތީ ދުނިކީސްތިލަ ބަލާ ދާށެވެ. ގުދަނުގެ ދޮރުފަތް ހުޅުވާލަމުން އެއްޗެހިތައް ހާވާ އުކަމުން ދިޔައިރު ހަފީޒާގެ ހިތް ތެޅެމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

  ދުނިކީސްތިލަ އަތުޖެހުމާއިއެކު ދެފައިގައި ހުރިބާރެއް ލާފައި އައިސް، ބާގަނޑު ކީހައި އިރައި ބޮޑުކުރަމުން ދިޔައެވެ. ޕްލާސްޓިކް ދޮރެއްކަމުން ވަރައް ފަސޭހަ ކަމާއި އެކު ބާގަނޑު ބޮޑުކޮއްލެވިއްޖެ އެވެ. ބާގަނޑުގެ ދެފަޅީގައި ހިފަހައްޓާލަމުން ހަފީޒާ ދެފައި ބާގަނޑުގެ ތެރެއައް ވައްދާލިއެވެ. އަދި އަވަސް އަވަހައް މުޅި ހަށިގަނޑު އެއްކޮއް ވައްދާލިއެވެ. ބާގަނޑުގެ ދެފަރާތުގައި ހިފަހައްޓާލި ވަގުތު ހަފީޒާގެ ދެއަތައް ވަނީ ތޫނު ޕްލާސްޓިކް ކޮޅުތަކެއް ހެރިފައެވެ. އަތްތިލައިގެ މެދުވަނީ އެކީއެކައް ރަތްވެފައެވެ.

  އެކަމާމެދު މާބޮޑަކައް ވިސްނާކައް ހަފީޒާ ބޭނުމެއް ނުވިއެވެ. ހަފީޒާ އައް ތިރި ބަލައިލެވުނީ އައި ބޭނުން ހަނދާންވުމުންނެވެ. ތަށިމުށިތަކައް ބަލާލެވުނީ ބޭއިޙްތިޔާރު ގައެވެ.

  ”މަންމާ!“ ހަފީޒާގެ ތޫލި ހަޅޭކުގެ އަޑު އިވުމުން  ޝުހުދާ އާއި ޒަލާނިއާ އައް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެ ވޭނީ އަޑުގައި ހުރި ރިހުމާއި ހިތާމަ އެކުދިން ދެނެގަތެވެ. އަދި އަވަސް އަވަހައް އެތެރެއައް ދެމިގަތީ ވާނުވާ އޮޅުން ފިލުވާލުމަށެވެ. ޝުހުދާ މެންނައް އެތަނައް އާދެވުނުއިރު ކަމަކުދާކައް ނެތެވެ. ހަފީޒާ އަޑުން އަޑުނަގައި ރޮނީ އެވެ. އޭރު ފާޙާނައިގެ ދޮރުގެ ތަނޑު ހުރީ އެތެރެއިން ހުޅުވާފައެވެ. ހަފީޒާގެ މަންމަ ނާހިދާ އޮތީ ފާޙާނައިގެ ތަޅުންގަނޑު މައްޗައް ވެއްޓިފައެވެ.

   މަރުވީކަމެއް ނޫނީ ހޭނެތުނީކަމެއް ނޭންގެއެވެ. ޝަހުދާވެސް ފެށީ ރޯށެވެ. އޭރު ޒަލާނިއާގެ ލޮލުން ވެސް ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ނަމަވެސް ހިއްވަރުކޮއްފައި ނާހިދާ ފާޙާނާއިން ނެރެ ގޭތެރޭގެ މުށިތައް މަތީގައި ބޭއްވި އެވެ. ނާހިދާ އަކީ ހިކިކޮއް ލުއިކޮއް ހުންނަ މީހެއްކަމުން އެއީ ޒަލާނިއާ އަކައް މާކަ އުނދަގޫ ކަމަކައް ނުވި އެވެ.

   ޝަހުދާ އާއި ހަފީޒާގެ ރުއިމާއި ގިސްލުމުގެ އަޑަށް އަވައްޓެރި ލުބައިނާ އާއި ކަޔާނާ އެގޭދޮށައް އައިސް އެދެމީހުން މަސަލަސް ކުރަން މަސައްކަތް ކުރަމުން ދިޔައެވެ. އޭރު ޒަލާނިއާ އެންބިއުލާންސް އައް ގުޅައި ތަނާއި ޙަބަރާއި މަޢުލޫމާތު ކޮޅެއް ދެނީ އެވެ.

   ވަރައް އަވަހައް އެންބިއުލާންސް އައިސް ނާހިދާ ގެންގޮސްފިއެވެ. ހަފީޒާ، ޒަލާނިއާ، ޝަހުދާ، ލުބައިނާ އަދި ކަޔާނާ ވެސް އެންބިއުލާންސް ގައި ހަސްފަތާލައް ދިޔައެވެ. އޭރުވެސް ހަފީޒާ، ނާހިދާގެ ގައިން ދޫކޮއް ނުލައި ރޮނީއެވެ. ޝަހުދާ އިނީ ގިސްލަ ގިސްލައެވެ. އިރުއިރުކޮޅުން ކަރުނަ ފުހެލާނެ އެވެ. ޒަލާނިއާ އިނީ ފެންކަޅި ވެފައެވެ. ލުބައިނާ އާއި ކަޔާނާ އަދިވެސް ހަފީޒާ އާއި ވާހަކަދައްކައި ހަމައަކައް އަޅުވަން މަސައްކަތް ކުރަމުން ދަނީ އެވެ.

   ހަސްފަތާލައް ގޮސް ޑޮކްޓަރައް ދެއްކުމުން އެނގުނީ ނާހިދާ އޮތީ މަރުވެފައިކަމެވެ. މި ޙަބަރު ލިބުމާއެކު ހަފީޒާ އައް ލިބުނު ޝޮކްގައި ހޭނެތިގެން ބިންމައްޗައް ވެއްޓުނީ އެވެ. އަވަސް ފަރުވާދީގެން ހަފީޒާ ހޭއެރުވި އިރުވެސް ހަފީޒާ އައް ހަމަ ރޮވެނީ އެވެ.

   އެހިތާމައިގައި ހަފީޒާ އައް މަންމަގެ ކަށުނަމާދެއްވެސް ނުކުރެވުނެވެ. ރޮވޭވަރުން ހަފީޒާ އަކައް ރަނގަޅަކައް ކަށުނަމާދެއް ނުކުރެވުނެވެ. ހަމަ ހިތުގައި ޖެހިފައި ރޮވެނީ އެވެ.

   ހަފީޒާގެ ލޮލުން ކަރުނަ ހުސްވާ އެންމެ އިރެއްވެސް ނުދެއެވެ. ހަފީޒާގެ ލޯ ހުންނަނީ ކަރުނުން ތެމިފައެވެ. ރޮއި ރޮއި ދެލޯ ވަނީ ފާރުވެފައެވެ. ހަފީޒާ އެންމެ އިރަކުވެސް ބޭރަކައް ނުދެއެވެ. ކޮޓަރީގައި އޮވެގެން ކަރުނަ އަޅަނީ އެވެ. ރައްޓެހިން އަޔަސް ހަފީޒާ ބޭރަކައް ނުނިކުމެއެވެ. ބޭނުންވަނީ މަންމަ ނެތުމުގެ ހިތާމަ ކޮއްލަ ކޮއްލާ އޮންނާށެވެ.

***

   ހަފީޒާ ހޮޅުއަށިން ތެދުވިއިރު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭރު އިރުވެސް ދުނިޔެމައްޗައް ހަނާ އަޅާލަ އަޅާލާ ހުއްޓެވެ. ހަފީޒާ ކަރުނަ ފުހެލަމުން ތެދުވެގެން ދިޔައެވެ. އަދި ފަސްގަނޑުގައި ދަނޑިގަނޑު ޖައްސަމުން ގެއާއި ދިމާއައް ހިނގައިގަތެވެ.

   ހަފީޒާ ގެޔާއި ހަމައައް ދިޔައިރު ޒުހާ އިނީ ޖޯލީގައި އިށީންދެގެންނެވެ. އެއްއަތުގައި އޮތް ވަޅިއަކުން އިލޮށި މަށަމުން ދިޔައެވެ. އަދި ބިންމަތީގައި ހުރި ތައްޓައް ކުނިތައް އަޅަމުން ދިޔައެވެ. ޒުހާ އަކީ ހަފީޒާގެ އެންމެ ދޮއްޓަށް ހުރި ސުހުދާގެ ދެވަނައައް ހުރި ދަރިފުޅެވެ.

   ”މާމާ!… ހުންނާނެ ދިޔާހަކުރާއި ރޮއްޓާ… އެނުކަންޏާ ހުންނާނެ ބަށިރިހަ ވެސް ކައްކާފަ!…. ދާންވީނު ސައިބޯން!..“ އޯގާތެރި ކަމާއެކު ޒުހާ ބުނެލިއެވެ. އަދި ޖެހިގެން ހުރި ޖޯލީގައި އޮތް ފަންބޮނޑިން ފަނެއް ނަގައި މަށަން ފެށިއެވެ. މިހެން ގޮސް ޒުހާ ފަހަރަކު އިލޮއްޓެއް މަށަމުން ގޮސް ޖޯލީގައި އޮތް ފަންބޮނޑި ހުސްކޮއްލިއެވެ.

   ”ޒުހާ ދަރިފުޅާ…. ދޭބަލަ ބައްޕައައް ގޮވަން…“ ހަފިޒާ ސައިބޮއެ ނިމުނުތަނާ ކާގެއައް ވަން ޒުހާ ފެނިފައި ގޮވާލިއެވެ. ހަފީޒާ ތެދުވެ ތަށިދޮންނަން ދާންވެގެން ތައްޓާއި ޖޯޑު ނަގައި ދޮރާއި ދިމާއައް ހިނގައިގަތެވެ.

   ”މާމަ ތަށިދޮންނާނެ ކަމެއް ނެތް… މަ ދޮވެލަފާނަން… މިދަނީ ބައްޕައައް ގޮވަން…“ ޒުހާ އޭނާގެ މާމަގެ އަތުން ތައްޓާއި ޖޯޑު އަތުލަމުން ގޮސް ސިންކުތެރޭގައި ބައިންދާފައި ދުއްވައިގަތެވެ.

   ޢުމުރުން އެންމެ 5 އަހަރުގައި ޒުހާ އަމިއްލައައް ސައިގިރައި، އަމިއްލައައް ބިސްގަނޑުއަޅައެވެ. އަދި ޢުމުރުން 13 އަހަރު ވީއިރު ޒުހާއާއި ޝައިފާ ގޭގައި ކައްކައި، ކުނިކަހައި، ބާޒާރުކުރެއެވެ. އެހެންކަމުން ސުހުދާ އާއި ޒާލިފާ ވަޒީފާގައި އުޅެމުން ގޭގެ މައްސަލައާއި މެދުގައި މާބޮޑަކައް ވިސްނާކައް ނުޖެހެއެވެ. ޒުހާ އާއި ޝައިފާގެ ބައްޕަ މަސައްކަތް ކުރަނީ ތިޔާގި މަސްއޮޑިއެއްގައެވެ. ދިރިއުޅުމައްޓަކައި ސުހުދާ ސްޓެލްކޯގެ މަސައްކަތުމީހެއްގެ ވަޒީފާ އަދާކުރެއެވެ. ޒާލިފާ އަކީ ބޭކަރީއެއްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

  ރަތްވިލާގެ ފޮނި ހިނިތުންވުމާއެކު، އުދަރެހުގައި ވިދާލާ ރަންއަޅި ކުލަތަކުގެ ތެރެއިން އިރު އޭގެ ފަހު ދޯދީގެ އަލިތައް ފަތުރަމުންދެއެވެ. މާހައުލުގެ ފިނިކަމާއެކު، ރުއްގަސްތަކުގެ ކޮޅުތައް ތިރިވެ، ލޮބުވެތި ސަލާމެއް ކިޔާހެން ހެލެމުން ފަރިވަމުން ދިޔައެވެ. މޫދުގެ ރާޅުތައް ގޮނޑުދޮށަށް އަރައި، ދޮންވެލިގަނޑާއި ސަމާސާކޮއްފައި އެނބުރި ފައިބަމުންދާއިރު، އެ އަޑު ކަނުލާ އަޑުއަހާލުމުން ހިތަށް ލިބޭ ހިތްހަމަޖެހުމަކީ މިސާލެއް ނެތް އުފަލެކެވެ.

  މިހިތްގައިމު މާހައުލުގައި ފިކުރިތަކައް ގެއްލި ހުސްވެފައި އިން ހަފީޒާގެ ހިތުގައިވަނީ ކޮންއެއްޗެއްބާވައެވެ؟ އޭނާގެ ހިތް މިވަގުތު އަންގައިދެމުން ދިޔައީ ކޮން ވާހަކަ އެއް ބާވައެވެ؟ އޭނާގެ ސިކުނޑި މިވަގުތު ކުރަހަމުން ދަނީ ކޮން މަންޒަރެއް ބާވަ އެވެ؟ އޭނާގެ ލޯމައްޗައް މިވަގުތު ސިފަވަނީ ކޮން ތަސްވީރެއް ބާވައެވެ.؟ އޭނާ މިވަގުތު އެ ވަގުތު ހުސްކުރަނީ ކޮން ދުނިޔެއެއްގައި ބާވައެވެ؟ އާނއެކެވެ. އޭނާގެ ފުން ހިތާމަވެރި، އެހެނަސް އަޑިނޭންގޭ އާދަޔާޙިލާފު މާޒީގެ ހިޔާލާއި ފިކުރުތަކުގަ އެވެ.

***

  އެންމެފަހުން، ހަފީޒާގެ ތުއްތަ ރަށައް ބަދަލުވިއެވެ. އަދި ފަޅޯމާގެ ދޫކޮއް ރިހިއަލި ގެއައް ދިރިއުޅުން ބަދަލުކުރިއެވެ. އެ ކުޑަ ފަޅޯމާގޭގައި ހަފީޒާ އެކަނި އޮތުމުގެ ސަބަބުން އުފުލި ވޭން ކުޑަވިއެވެ. އަދި ތުއްތަ އަކީ ފުދޭވަރަކައް އަތްމަތި ތަނަވަސް މީހަކައް ވުމުގެ ސަބަބުން ކުރިން އުޅުނު ނިކަމެތި ހާލުގައި އުޅޭކައް ނުޖެހެއެވެ. ތުއްތަ ވަނީ ހަފީޒާ އައް ރުފިޔާ އަޅަން ފޮއްޓެއް ދީފައެވެ. އަދި ތުއްތަދޭ ރުފިޔާތައް ހަފީޒާ ދިޔައީ އޭގައި ރައްކާކުރަމުންނެވެ. އަދި އޭގެން ބައެއް ބޭނުން ކުރަމުންނެވެ.

  މިހެން އުޅޭތާ ގާތްގަނޑަކައް ހަފްތާއެއްހާ ދުވަސް ވޭތުވެގެން ދިޔައެވެ. އާދައިގެމަތިން ސްކޫލައް ދާން ޒަލާނިއާ އާއި ޝުހުދާ އޭނާ ބަލާ އަޔެވެ. އޭރު ހަފީޒާ ހުރީ ޔުނީފޯރމް ލައި ތައްޔާރުވެގެންނެވެ. އެމީހުންނައް ގޭގެ ދޮރުމައްޗައް އެރުނުއިރު ހަފީޒާ އިނީ ބޫޓައް އަރާށެވެ. އެދެމީހުން އައިސް ހަފީޒާ ގާތުގައި އިށީނެވެ.

   ”ކޮބާ ހަފީ!… ހިނގާ ދާން!… އަވަސްކުރޭ“ ޝުހުދާ ކިޔާން ފަށައިފިއެވެ. އެއީ މިހާރު ހަފީޒާ އަކަށް އާ ކަމެއް ނޫނެވެ. އެދެ ކުދިން އަންނަ ގޮތައް އައިސް ދާން ކިޔަން ފަށާފާނެއެވެ.

   ”އާނ… ހިނގާބަލަ!.. އޯހް ނޯ… މަޑުކުރޭ އެބަ އަންނަން!“ ހަފީޒާ ތެދުވެ ދަބަސް ނެގުމައްފަހު ކަމެއް ހަނދާންވެގެން ދާ ކަހަލަ ގޮތަކައް ދިޔައެވެ. އަދި ދިޔަގޮތައް ގޮސް ކޮޓަރިއައް ވަނެވެ.

  ”އާނ.. މިއައީ.. ހިނގާ ދާން“ ހަފީޒާ އެނބުރި އައި އިރު އޭނާގެ އަތުގައި ޕާރިސަލް ފޮއްޓެއް އޮތެވެ.

  ”ތީ ކޯއްޗެއް؟“ ޒަލާނިއާ އެ ޕާރިސަލް ފޮއްޓާއި ބެހޭގޮތުން ސުވާލު ކުރިއެވެ. އެއީ ސުކޫލައް ދާ ގަޑީގައި ޕާރުސަލް ފޮއްޓެއް ގެންދަނީ ކީއްކުރަންތޯ އެހުމުގެ ބޭނުމުގައެވެ.

   ”މިއީ މަގޭ ފަރާތުން ކުލާސް ކުދިންނައް ދޭ ހަދިޔާއެއް!…“ ހަފީޒާ ބުރުގާގެ ދޮޅި ރީތިކޮއްލަމުން ބުނެލިއެވެ. ހަމައެއާއެކު ހިނގާށޭ ދާން ކިޔާފައި އަވަސް ފިޔަވަޅުތަކެއްގައި ނިކުތެވެ. ހީވަނީ އެމީހުންނާއި މާ ބޮޑައް އަނގަތަޅަން ބޭނުން ނުވަނީ ހެންނެވެ.

   ދުވަހުގެ ދިލަ ހޫނު އަވި ވަނީ ދުނިޔެމަތީގެ މެހެމާނުންނަށް މަރުޙަބާ ކިޔާލާފައެވެ. މެދު އުޑުގައި ބާރުވެރިކަމާއެކު އިރު ފިޔަ ޖަހާލަ ޖަހާލާ އިނެވެ. ހަމަ އެ ހޫނުގެ ސަބަބުން ބޭރައް ފިޔަވަޅެއް އަޅާލަން ކެރޭ މީހަކު ނެތެވެ. އެހެންނަމަވެސް މިއީ ސުކޫލު ކުދިން ސުކޫލު ނިންމާފައި ގެއައް ދާ ވަގުތެވެ.

  އެހެންކުދިން ފަދައިން ހަފީޒާ އާއި އޭނާގެ ދެ އެކުވެރިންވެސް ސުކޫލުގެ ގޯތިތެރޭން ބޭރައް ނުކުމެއްޖެއެވެ. ހަމަ އެއާއިއެކު ދުވަހުގެ ހިކިހޫނު އަވި އެކުދިންގެ ގައިގައި ވެސް ދާނަން ފެށިއެވެ. ނަމަވެސް އެކުދިން ވަނީ ވޭނެއް ތަދެއް އިހުސާސް ކުރެވޭވަރައް ވުރެ ބޮޑައް އުފާވެފައެވެ.

  ”މަ މިހާރު މިހުރީ ކެތް މަދުވެފަ!…. ދާހިތުން ހުރެވެނީކީއެއްވެސް ނޫން!….. ގެއައް ދާގޮތައް އުޅެންވީ ލާނެ ހެދުމެއް ނަގަން!“ ޝުހުދާ ފޯރިއާއެކު ބުނެލީ އޭނާގެ އެކުވެރިންނައް އޭނާ ދާހިތް ވެފައިވާވަރު އަންގާލުމުގެ ބޭނުމުގައެވެ.

  ”މަށޯ… އެކަމަކު ޝުހޫ ހެން މަ ނުޖެހޭނެ ހެދުންތައް ހާވާކަށް!… މަ ހުންނާނެ މާކުރިން ހެދުން ނަގާފަ!“ ޒަލާނިއާ އޭނާގެ ވާހަކަ ކުރުގޮތަކައް ކިޔައިދިނީ ޝުހުދާގެ ވާހަކައައް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

  ”ހަމަ ތެދެއް! މަވެސް މިހުރީ ކެތްމަދުވެފަ… މިއަދު އެހެންވެ ގަޑި ވެސް ހިނގާނީ ލަހުން ކަންނޭންގެ… މަވެސް ނިއާހެން ހުންނާނެ ހެދުންނަގާފަ!…“ ހަފީޒާ ޒަލާނިއާގެ ވާހަކައާއި އެއްބައިވެލިއެވެ.

  ”ހޫމް…. މަދޯ އެކަނި ހެދުން ނުނަގާ މިހުރީ…. މަށައް ހީވނީ ގަޑި ޖެހޭއިރުވެސް މަށަކައް ހެދުމެއް އިޙްތިޔާރެއް ނުކުރެވޭނެހެން“ ޝުހުދާ އަމިއްލަ މީހާއައް މަލާމާތް ކޮއްލީ ހީގަންނަމުންނެވެ.

  “ އެހެންތަ؟… އެހެންވިއްޔާ ބޮޑު ތަނބިކައްޓާ ހަމައައް އަރާވަރުގެ ޕާޓީ ހެދުމެއް ނުނަގައްޗޭ…“ ހަފީޒާ ޝުހުދާ އާއި ދިމާކޮއްލަމުން ބުނެލިއެވެ.

   “ އެބުނީ ހަމަ ތެދެއް އިނގޭ ގަޔައް ފަސޭހަ އާދައިގެ ހެދުމެއް ނަގައްޗޭ!… ނޫނީ ޝުހޫ އޮންނާނީ ބިންމަތީގަ ދެމިފަ ކަންނޭންގެ… ދޯ ހަފީ..“ ޒަލާނިއާ ވެސް ހަފީޒާ އާއި އެއްބައިވެލިއެވެ.

   “ އާނ.. ދެން އެހެންނޫނަސް މަށަކީ ރާނީން ލާކަހަލަ ހެދުން ލާވެސް މީހެއް ނޫނޭ…“ ޝުހުދާވެސް ދެރަނުވާންވެގެން އޭނާގެ ގޮތުގައ ހިފެހެއްޓިއެވެ.

  އެކުދިން ރާވާފައިވަނީ  ހަވީރު ހިނގާލަން ދިއުމުގެ ބަހަނާގައި ރަށުގެ ވަލައް ވަންނާށެވެ. މިއަދަކީ ހިޖުރީ އާއަހަރުގެ މުނާސަބަތުގައި ހިނގާލަން ދާ ދުވަހެވެ.

  މިރަށުގެ ވަލަކީ ވަރައް ގަސް ރުއް ގިނަ ހަމައެހެންމެ ބޯ ވެފައި ބޮޑު ވަލެކެވެ. ވަލައް ވަދެގެން ކިތަންމެ މީހެއް ގެއްލި، ފެނިފައިވަނީ އޭގެ އަނެއް ދުވަހުއެވެ. ދަރުކޮށަން ދާ މީހުންނާއި ފަންބަލާދާ މީހުންނާއި ކާށި ހޮވަން ދާ މީހުންވެސް އޮންނަނީ ވަލުގެ މެދަކާއި ހަމައިން ދިގު މަގެއް ކަނޑާފައެވެ. އެއީ ފަސޭހަ ކުރުމުގެ ބޭނުމުގައެވެ. އެންމެންވެސް ވަލައް ވަދެ ނުކުމެ އުޅެނީ ހަމައެކަނި އެމަގުންނެވެ. އިތުރު މަގެއް ކަނޑާފައި ނޯންނާތީ އެވެ. ނަމަވެސް ހަފީޒާ އާއި އޭނާގެ އެކުވެރިން ކޮޅު ވަލައް ވަންނަން ރާވާފައިވަނީ އެ މަގާއި ވީހާވެސް ދުރުންނެވެ. ހުޅަނގު ފަޅިންނެވެ. ނޫނީ އަތިރިއާއި ވީދިމާލު ބިއްދޮށުންނެވެ.

   ހިނގާލަން ދިއުމައް ޓަކައި ހަފީޒާ ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް ވަލައް ވަދެވޭކަހަލަ އުޅެން ފަސޭހަ ހެދުމުގައެވެ.

  ”ކޮބާ ހަފީ….“ ޒަލައިނާ އާއި ޝުހުދާ ގޮވާލި އެވެ. އޭރު ހަފީޒާ ވެސް ތައްޔާރުވެގެން ނުކުންނަނީ އެވެ. ”އޯހް…ހާއި..“ ހަފީޒާ އައް އޭނާގެ އެކުވެރިންކޮޅު ފެނުމުން ހީލެވުނެވެ.

  ޝުހުދާ ހުރީ ލަސްވެފައެވެ. ގަޑިއައް ނުދެވިދާނެތީ އެވެ. ޝުހުދާ ލައިގެން ހުރީ ކަޅުކުލައިގެ މާޖެހި ހުދު ހެދުމެކެވެ. އަދި ކަޅުކުލައިގެ ބުރުގާ އަކާއި ހަރުވާޅެކެވެ. ޒަލާނިއާ ހުރީ ގަދަ ފެއްސާއި މަޑުފެހިކުލައިގެ ކަކުލާއިހަމައައް އަރާ ހެދުމަކާއި ގަދަ ނޫ ކުލައިގެ ޖިންސެއްގައެވެ. ޒަލާނިއާގެ ފަން އިސްތަށިގަނޑު ވަނީ ތިން ފަށައް ގަތާލާފައެވެ. ހަފީޒާ ހުރީ ރަތް ހެދުމަކާއި ކަޅު ހަރުވާޅަކާއި ބުރުގާއެއްގައެވެ.

  އެކުދިން އަވަސް ފިޔަވަޅުތަކެއްގައި  ގޭގެ ދޮރޯށިން ބޭރައް ނުކުތެވެ. ހަފީޒާގެ ތުއްތަގެ ހުއްދަ ހޯދައިގެން އެކުދިންވެސް ތުނޑިއާއި ދިމާލައް ހިނގައިގަތެވެ. ހިނގައިލުން ފެށެނީ އެދިމާލުން ކަމައް ވާތީ އެވެ.

   ”ކީއްކުރަންށޯ އަހަރެމެން މި ވަލައް ވަންނަން ގަސްދު ކުރަނީ…“  ހިނގައިލުން ފެށި ހަތަރުސަފައް މީހުންތައް ދާން ފެށުމުން ނޫންކަމައް ހަދާފައި އަނެއް ފަރާތައް ދިޔަ 3 ކުދިންގެ ތެރެއިން ޝުހުދާ ބުނެލިއެވެ.

   ”ޝުހޫ.. ވަލުތެރޭގަ ހުންނާނެޔޯ ނިއާގެ މާމަމެން ކުޑައިރު އެޅި ޖިފުޓިގަނޑެއް… އެތަން ބަލާލަން…“ ޒަލާނިއާ ޝުހުދާއައް ބުނެލި އިރު އެމީހުންނައް ތިބެވުނީ ވަލުގެ ފަހަތުގައެވެ.

   ”ކާކު ދެއްކި ވާހަކައެއް ތިއީ…. ޕިސް ޕިސް ޕިސް.. ހުސް ފުލޯކު ވާހަކަ…“ ޝުހުދާ އަކައް ޒަލާނިއާ ދެއްކި ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ.

  ”ނިއާގެ ބޭބެމެންނާއި ތިއްތަމެން އެހެން ކިޔަނިކޮއް އެހިން… އެމީހުން ނުބުނާނެ ވިއްޔަ އަހަރެމެން ކައިރިއަކު… ޖެހޭނީ ވަގައް އަޑުއަހަން…“ ޒަލާނިއާ ކުރު ގޮތަކައް ކަން ހިނގައި ދިޔަގޮތް ކިޔައިދިނެވެ.

  ”ހިނގާ ވަންނަމާ…“ ޒަލާނިއާ އައް އެހެން ބުނެލުމައް ފަހު ހަފީޒާ ޖަވާބަކައް އިންތިޒާރު ކުރުމެއް ނެތި ގަސްގަނޑެއް ފޭކޮއްލިއެވެ. އެއާއެކު ވަގުތުން އެތެރެއައް ވަންނަން ދިމާކޮއްލިއެވެ. ފަހަތުން ޒަލާނިއާ އާއި ޝުހުދާ ވެސް ވަންނަން ފެށިއެވެ.

  ހަފީޒާ ދިޔައީ ވަންނަން ފަސޭހަ ވާނެހެން ކުދި ގޮފި ތަކާއި ހިމަ ހިކި ދަނޑިތައް ބިންދާ ކުދިކުރަމުންނެވެ. ފަތްތަކާއި ފަންތައް ފޭކޮއް ބިންދަމުންނެވެ. މީހަކައް ނޭންގޭނެ ހެން ވަލުގެ އެތެރެއިން ކުދި މަގުތައް ހަދާ ކޮށަމުންނެވެ. ޒަލާނިއާ އާއި ޝުހުދާވެސް ދިޔައީ ބައިވެރިވަމުންނެވެ.

   ”އަސްލު…. ކީއްކުރަން އެ ޖިފުޓިގަނޑު ބަލާލަން ދަނީ؟…“ ވަލުގެ ވަކި ހިސާބަކައް ދެވުނުތަނާ ޝުހުދާ އޭނާގެ ހިތުގައި އޮތް ސުވާލާއި ހަމައައް ދިޔައެވެ. އޭރު ޒަލައިނާ އާއި ހަފީޒާ އުޅެނީ ތަންކޮޅެއް ދުރުގައެވެ. ޝުހުދާ މަޑުމަޑުން އެކުދިންނާއި އެއްވަރު ކުރަމުން ދިޔައެވެ.

   ”އެ ޖިފުޓިގަނޑުގައިވާ ސިއްރެއް ހޯދަން…. ބުނެއެއްނު.. ކުރީ ޒަމާނުގެ ތާރީޙީ ތަންތަނުގައި ހުރެދާނެޔޭ މިހާރުގެ މީހުންނައް ނޭންގޭ ވާހަކަތައް ނޫނީ އެއްޗެހި… އެތަންތާގައި ރައްކާކޮއްފައި…“ ފުންނޭވައެއް ބޭރައް ދޫކޮއްލައި ހިންދެމިލަމުން ހަފީޒާ ޝުހުދާގެ ސުވާލައް ޖަވާބުދިނެވެ.

   ”އެހެންނޫނަސް… އަހަރެމެން ކީއްކުރަންތަ އެޔެއް ބަލަނީ؟… އަހަރެމެންނާއި ބެހޭކަމެއްވެސް ނޫނެއްނު…“ ޝުހުދާ ފޫހި ރާގަކައް ބުނެލިއެވެ. އަދި ދެންތިބި ދެކުދިން ފަދައިން ގަސްތައް ނޮޅައި، ގޮފިތައް ބިންދާ އަޅަން ފެށިއެވެ.

   “ ދިވެހިގަޑީގައި މަޒުމޫނެއް ނޫނީ ވާހަކައެއް ލިޔަން ބެލިއަސް… މިކަހަލަ ކަންކަން އެނގިފަ ހުރީމަ ފަސޭހަވާނެ….. އަނެއްކޮޅުން ކުރީގެ ތާރީޙީ ވާހަކަތައް އެނގިގެން ދިއުމުން  ކިތަންމެ ހަޤީޤީ ހާދިސާއެއް އެނގިގެން ދާނެ…“ ޒަލާނިއާ ބެލީ ކަމުގެ ހުރި މޮޅުކަމާއި ކުޅަދާނަކަން ވިސްނައިދެވޭތޯއެވެ.

   ޒަލާނިއާ އާއި ހަފީޒާ އެއްކޮޅަކައް ތިބި އިރު ޝުހުދާ ހުރީ އަނެއް ކޮޅަށެވެ. ޝުހުދާ ހުރީ އެތަންތަނައް ދާން ފޫހިވެފައެވެ. ޒަލާނިއާ އާއި ހަފީޒާ އަކީ ކުޑައިރުއްސުރެ ދިރާސާކުރުމާއި އޭރުގެ ހަޤީޤީ ހާދިސާ ތަކާއި ކުރީގެ ދިރިއުޅުމާއި ބެހޭވާހަކަތައް އަޑުއަހައި، ކިޔާ ހިތްވާ ދެކުދިންނެވެ. ރަށުގެ މުސްކުޅިންގެ ހަޔާތާ ބެހޭ އިންޓަވިއުކޮއް އާސާރީ އިމާރާތް ތަކާއި ޒިޔާރަތްފަދަ ތަކެއްޗައް އެދެކުދިން ޝައުޤުހުރެ އެވެ. ދޮންހިޔަލަ އާއި އަލިފުޅު، ދޮންމޮހޮނާއި މިޔަރު ނުވަތަ މާކެޔޮޅުކަމުގެ ރައިވަރު ފަދަ ވާހަކަތައް އަތުން ވީއްލާނުލައި ކިޔައެވެ. ކުރީގެ ހަވިއްތަތަކާއި މިސްކިތްތައް ބަލަން ރައްރަށައް ގޮސް ހަދައެވެ. އެފަދަ ފުރުސަތެއް ލިބިއްޖެއްޔާ އާދޭސް ކޮއް ރޮއިގެންވެސް އެފަދަ ފުރުސަތު ތަކުގެ ބޭނުން ހިފާނެއެވެ.

   ”ހޫނ… ދެން ތިޔަ ޖިފުޓި ގަނޑަކީ ފުލޯކު ވާހަކައަކައް ވެއްޖެއްޔާ ކިހިނެއް ހަދާނީ…. އެހެނަސް މިއޮއް ބޮޑު ވަލުތެރޭގަ ގެއްލެންތަ ތިއުޅެނީ… މިތަނަކުން ނުފެންނާނެ ތިޔަ ބުނާ ޖިފުޓިގަނޑެއް…“ ޝުހުދާގެ އަނގަ ބަންދުވީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އެއީ އޭނާއައް ޤަބޫލުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އަނެއް ދެކުދިންވެސް ތިބީ ބުނާނެ އެއްޗެއް ނޭންގި ކޮސްވެފައެވެ.

   ދިމާ ކުރިމަތިން ފެންނަން އެހެރީ ޝުހުދާގެ އަނގައާއި ދުލުން ދޮގު ކުރަމުން ދިޔަ ޖިފުޓިގަނޑެވެ. ފަނުން ވިޔެގެން ގަތާފައި ހަތަރު ފާރު ހުއްޓެވެ. ދޮރެއްގެ ބަދަލުގައި ހުރީ ދަނޑިފަނުން ނުވަތަ އޮށި ފަދަ އެއްޗަކުން ގަތާފައި ހުރި ފުޅަފެކެވެ.

***

   ހަފީޒާ އެހަނދާންތައް ދުރުކޮއްލަމުން ތެދުވިއިރު އިރު، އިރު އޭގެ ވާޖިބު އަދާކޮއްފައި ދުނިޔެއާއި ވަކިވެގެން ދަނީ އެވެ. ދާ ހިތަކުން ނޫނެވެ. ނަމަވެސް ދާންޖެހޭތީއެވެ. ހަފީޒާވެސް އެތަނުން ތެދުވެގެން ގެއައް ދާން ހިނގައިގަތެވެ. ދާ ހިތަކުން ނޫނެވެ ނަމަވެސް ދާންޖެހޭތީއެވެ.

   އިރުއޮއްސި ރަތް ވިލާތައް ލާން ފަށައިފިއެވެ. އިރުގެ ދޯދިތައް ފަނޑުވެ، އަނދިރިކަން ވެރިވާން ފަށައިފިއެވެ. އަލިކަން ފިލައި ފުން އަނދިރިކަމައް ބަދަލުވާކައް މާގިންއިރު ތަކެއް ނުވެއެވެ.

   ހަފީޒާ އައިސް ގެއައް ވަން އިރު، ސުހުދާ އާއި ޒާލިފާ ތިބީ ސޯފާގައި ވާހަކައަކައް ގެއްލިފައެވެ. އެދެމީހުން އެ ވާހަކައައް ހިފައިފައިވާ ފޯރިއެއްގެ ސަބަބުން ހަފީޒާ އައިސް ގެއައް ވަން ކަމެއް ނުވަތަ ނުވަންނަ ކަމެއްވެސް ނޭންގެ އެވެ. ހަފީޒާ ފައިވާން ނަގައި ހަރުގަނޑުގައި ބައިންދާލަމުން އައިސް ސޯފާއާއި ކައިރިވެލިއެވެ.

   ”ހޫމް… މާދަމާދޯ… ދާންވީ ދަބަސް ތައްޔާރުކުރަން…“ ޒާލިފާ ބުނެލި އަޑު ހަފީޒާ އައް އިވުނީ ސޯފާ ގައި އިށީންނަން އައިސް ކައިރިވެލި ގަޑީގައެވެ. ހަފީޒާ ކުޑަކޮއް ހައިރާންވެސް ވިއެވެ. އެމީހުން ތަނަކައް ދާވާހަކަ ދައްކާތީވެ އެވެ.

   ”އާނ.. ކޮބާ މިހާރު ކޮންތާކައްތަ ދާހައިވީ؟…. “ ސުވާލުގެ ނަޒަރަކުން އެމީޙުންނައް ބަލައިލަމުން ހަފީޒާ ބުނެލިއެވެ. އަދި ޖެހިގެން ހުރި ހުސްބަޔައް ވެއްޓިގަތެވެ.

   ”ހޫމް… މިއުޅެނީ ޖެހިގެން އެއޮތް ރަށައް ޖައްސައިލަން ކަމައް…“ ހަފީޒާ އައް ބަލައިލަމުން ޒާލިފާ އަވަސް އަވަހައް ބުނެލިއެވެ.

   ”ކޮންބައެއް ދަނީ؟…“ އިރުކޮޅަކު ވިސްނައިލަން އިނދެފައި ހަފީޒާ އަހައިލިއެވެ. ސުހުދާ އާއި ޒާލިފާ، ދެމީހުން ދެމީހުންގެ މޫނައް ބަލާލުމައްފަހު ދެ ކޮނޑު އަރުވާލިއެވެ.

   ”އަމް… ދާއިރު ޒުހާމެން ކުދިންކޮޅު ގޮވައިގެން ދާން ކަމައް…. އެއީ އެކުދިން ލިޔަންޖެހޭ ރިޕޯޓެއް ލިޔަން މަޢުލޫމާތު ހޯދަންޖެހޭތީ…“ ސުހުދާ އެންމެފަހުން ދާމީހުންނަކީ ކޮބައިކަން ކިޔައިދިނެވެ.

   އެރޭގެ ވަގުތެކެވެ. ހަފީޒާ ތުނޑިމައްޗައް ނުކުތީ ހަނދުވަރުދީފައިވާ ރެއެއް ކަމުންނެވެ. އެއީ ސާދަ ފަނަރައިގެ ހަނދެކެވެ. މުޅި ތުނޑިމަތި ވަނީ ހަނދުވަރުގެ ރިހިއަލިން ދިއްލާ އަޅާލާފައެވެ. މަޑުމަޑު ފުއްގަނޑެއްފަދަ ދޮންވެލިގަނޑުގައި ރާޅުތައް އައިސް ބީހިލުމުން ކުދިކުދި މުތީތަކެއް ފަދައިން ވިދާ ބަބުޅަމުން ދިޔައެވެ.

   ހަފީޒާ އަނެއްކާވެސް މަޑުމަޑުން މާޒީގެ ހިޔާލާއި ފިކުރުގެ ތެރެއައް ގެއްލެމުން ގެނބެމުން ދިޔައެވެ. މާޒީގެ ދުނިޔޭގައި ވަގުތު ހުސްކުރަމުން ދިޔައިރު ހަފީޒާ ސިކުނޑިވަނީ ބުއްދިތަކުން ތޮއްޖެހި ބާރުވެފައެވެ.

***

   ކުރިމަތިން ފެންނަން ހުރި ޖިފުޓި ފެނުމާއެކު ޒަލާނިއާ އާއި ހަފީޒާ އާއި ދެމީހުން އަވަސް އަވަހައް ޖިފުޓި ގަނޑާއި ދިމާލައް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ.

   ”އޭތް… ދަންތުރަ ހަދާފައި ހުރެދާނެ!“ ޝުހުދާގެ ޖުމްލަ ނުނިމެނީސް ޖިފުޓި ދޮރުމައްޗައް އެރި ޒަލާނިއާ އާއި ހަފީޒާގެ ތެރެއިން ކުރިއައް ފުރަތަމަ ފިޔަވަޅު ނެގި ހަފީޒާ ވަޅުގަނޑަކައް ވެއްޓިއްޖެއެވެ. އެއާއި އެކު ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ.

   ”ކޮބާ.. މަބުނީމެއްނު.. އަޑެއް ނާހާނެވިއްޔަ މަދައްކާ ވާހަކައެއް….“ ކުދި ކިޔަމުން ޝުހުދާ ލާނެތް ފާޑަކައް ހީނގަތެވެ. އެމީހުންނާއި އެއްވަރުކުރަމުން ޝުހުދާ ޒަލާނިއާ އައް ހަފީޒާ ވަޅުން ނަގަން އެހީވެދިނެވެ.

   ”ޝުހުދާ… މާގިނަ އަނގަނުތަޅާ މަޑުން ހުރޭ…“ ހަރުކަށި ރާގަކައް އެހެން ބުނެލަމުން ޒަލާނިއާ ދިމާ ކުރީ އެތެރެއައް ވަންނާށެވެ. ފުޅަފި ހިއްލާލުމައްފަހު ޒަލާނިއާ އާއި ހަފީޒާ އައް އެތެރެއައް ދެމިގަނެވުނީ ގާތްގަނޑަކައް އެކުއެކީގައެވެ. ޝުހުދާ އައް ވަދެވުނީ އެދެމީހުންގެ ފަހަތުންނެވެ.

   އެތެރެއައް ވަދެވުމުން ފެނުނީ ހަތަރެސްކަން ކުޑަ ފޮއްޓެއް ކަހަލަ ކުޑަކުޑަ ތަންކޮޅެކެވެ. ޖާގައިގެ ގޮތުން ދަތި އެތަނުގައި ބިންމަތި ވަނީ ނުފޮރުވައި ހުސް ހިކި ފަތާއި ވެލީގައެވެ. ގަހެއްގެ ފަލަ އޮތްޕެއް ބޭނުންކޮއްފައިވަނީ މޭޒުގެ ފަޔަށެވެ. ދެފޫޓުގެ އޮމާން ލަކުޑި ފިލާގަނޑެއް މޭޒުގެ މަތީބައިގައި ބާއްވާލައިފައި ވެއެވެ. މޭޒުގެ މަތީގައި ލަކުޑި ފޮއްޓެއް ބަލައްޓާފައި ހުއްޓެވެ. ފޮށި ކައިރީގައި ފަނުން ވިޔެފައި އޮތް ޕާހެއް އޮތެވެ. އޭގެ ތެރޭގައި ކަރުދާސް ގަނޑުކޮޅެއް އޮތެވެ.

   ”ފުރަތަމަ މިއީ ކޮން އެއްޗެއްތޯ ބަލާލަން ހިނގާބަލަ!“ ހަފީޒާ ޒަލާނިއާގެ ގައިގައި ކޮއްޓާލަމުން ކުރިއައް ޖެހިލައި ޕާސް ނަގައި ހުޅުވާލިއެވެ. އެތެރޭގައި އޮތް ކަރުދާސް ގަނޑު ނަގައި ރަނގަޅައް ބަލައިލިއެވެ. ގަނޑުގެ ދެފަރާތުން ވަނީ ފާޑަކައް ވީދި، ގަދަ ރީންދޫ ކުލައެއް އަރާފައެވެ. ލިޔެފައި ހުރީ، އަކުރުތަކުގެ ކޮޅައް ދަމާފައި ލޯމާފާނުގައި ލިޔެފައި ހުންނަ ގޮތަށެވެ.

   ”ފޮށި ހުޅުވާލުމާއެކު މިރަށުގައި ހުންނަ އާސާރީ ބިންގަރާހެއްގެ މަޢުލޫމާތު ލިޔެފައިވާ ފޮތެއް އޮންނާނެ، އެއީ ކުރީގެ ދައުލަތުގެ ޙަޒާނާ ވަޅުލަން ހަދައިފައިވާ ތަނެއް.. މިތަން ހޯދައި، މިތަނައް އަޔަތީ… ވަރައް ބޮޑައް ޝުކުރިއްޔާ… 1948“ ޒަލާނިއާ ހަފީޒާގެ ކައިރިއައް ޖެހިލައި ގަނޑުކޮޅު އަތުލަމުން ދެންތިބި ކުދިންނައް އަޑުއިވޭ ވަރައް ގޮވައިލިއެވެ. އަދި ހަފީޒާގެ މޫނައް ބަލައިލަމުން ދެލޯ ބޮޑުކޮއްލިއެވެ.

   ”އާހް…. ބަލާބަލަ..“ ފޮށީގެ މަތީގައި ހިފަމުން ހަފީޒާ ފޮށި ހުޅުވާލުމައްފަހު އެތެރޭގައި އޮތް ފޮތް ނެގިއެވެ. ފޮތުގެ ބަނޑޭރިގަނޑު ހަދާފައިވަނީ ކަށިކެޔޮފަތުން ވިޔެގެންނެވެ. ގަނޑުތައް ވަނީ ވީދި، ތަންތަންކޮޅުން އިރައިރައިގެން ގޮސްފައެވެ.

   ”ހަފީ ކިޔައިދީބަލަ.. އަހަރެމެން ދެމީހުން އަޑުއަހާނަން… ދޯ ޝުހޫ..“ ޝުހުދާއައް ނަޒަރެއް ދެމުން ޒަލާނިއާ އައިސް ބިންމަތީގައި ދެފައި ވައްކޮއްލައިގެން އިށީނެވެ. ޒަލާނިއާގެ ފަހަތުން ޝުހުދާވެސް ބޯޖަހާލަމުން އައިސް ދެފައި ވައްކޮއްލައިގެން ބިންމަތީގައި އިށީންދެލިއެވެ. އެދެމީހުންނައް ބަލާލާފައި ހަފީޒާ އެކުދިންގެ ކުރިމަތީގައި އިށީންދެލިއެވެ. އަދި ފޮތް ހުޅުވާލުމައް ފަހު ކިޔަންފެށިއެވެ.

   ”މިއީ އަޅުގަނޑުމެން ކުޑައިރު އަޅުގަނޑުމެންގެ މުނިކާފަމެން ކިޔަނިކޮއް އަޑުއެހި ވާހަކައެކެވެ. މިއީ މިރަށުގެ ވެރިން، މިރަށައް ލިބުނު ޙަޒާނާތައް ފޮރުވަން ހެދި ތަނެއްގެ ވާހަކަ އެކެވެ. ރަށުގެ ރައްޔިތުން ނިކަމެތި ކުރުމައްފަހު މިރަށުގެ ވެރީން އުޅުނީ އުފަލުގައެވެ. ރައްޔިތުންގެ ބޭނުންތަކެއް ނުފުއްދައިދެއެވެ.

   މިވެރިކަން އެމީހުން ހޯދީކީއެއް ނޫނެވެ. ގަދަބާރުން ވެރިކަން ފޭރިގަތީއެވެ. އެއައްފަހު ދައުލަތުގެ ހަލާލު މުދާ ފޮރުވައި، ރައްރަށުން ވައްކަންކޮއް ވަރުރުފިޔާ ޗާޕުކުރަން ފެށިއެވެ. އަދި ނަހަލާލު މުދަލާއި ފައިސާގައި ދިރިއުޅުން އުޖާލާ ކުރަމުން ދިޔައެވެ. ރައްޔިތުން ދިޔައީ ނިކަމެތިކަމާއި ހިތާމައިގައި ބަންދުވެފައެވެ.

   މިތަން ހޯދުނު ބަޔަކު ރައްޔިތުންނައް އެތަން ދައްކައި ދިނުމަކީ އަޅުގަނޑުމެން ވަރައް ބޮޑައް އެދޭކަމެކެވެ. ވީމާ، މިއެދުން ފުރިހަމަ ކޮއްދޭނެ ކަމައް އުންމީދުކުރަމެވެ. އެކަމަކު އަޅުގަނޑުމެން އޭރައް ދުނިޔޭގައި ނުތިބެދާނެއެވެ. ނަމަވެސް އަޅުގަނޑުމެން ތަހައްމަލް ކުރި ވޭން ދެން ކުރިއައް ތިބި މީހުން އުފުލިޔަ ނުދޭށެވެ.

   ސުވާލު އުފެދިދާނެއެވެ. އެއީ އަޅުގަނޑުމެން އެގޮތައް ރަށް ސަލާމަތް ނުކޮއްދިނީ ކީއްވެތޯއެވެ. ވީގޮތަކީ އަޅުގަނޑުމެންގެ މިމަސައްކަތް ވެރީންގެ ތެރެއިން މީހަކައް ފެނި މަސައްކަތް ހުއްޓުވައި އަޅުގަނޑުމެން ހަފްތާއެއް ވަންދެން އަހަރު އެބިންގަރާހުގައި ތަޅުލީއެވެ. އަދި މީހެއް ކައިރީ ބުނެއްޖެއްޔާ އާއިލާ މީހުންނައް ގެއްލުމެއް ދޭނެކަމައް ބުނެ ބިރުދެއްކީއެވެ. އެހެންކަމުން އަޅުގަނޑުމެންނައް މަޖުބޫރުވީ ފޮތެއްގައި ލިޔެ ރައްކާ ކުރުމަށެވެ….“ ހަފީޒާ އަނެއް ގަނޑު އެއްލުމައްފަހު އަނެއްކާވެސް ކުރިއައް ހުރި ބައިތައް ކިޔަން ފެށިއެވެ.

”ފޮތް ލިޔެ.. މަޢުލޫމާތު ހިމަނައި.. ޖިފުޓި ތައްޔާރުކޮއްހެދީ… އަޅުގަނޑުމެން: ޝާމިލާ އާދަމް، ޢާއިޝަތު މިދްނާ، އަދި ފާތިމަތު ލުހާ“ ވާހަކަކޮޅު ކިޔައި ނިންމާލުމައްފަހު ހަފީޒާ، އެ ބިންގަރާހައް ދާން އޮތް ގަނޑުވަރުގެ ޗާޓު ބަލައިލިއެވެ. ހަމަ އެފަދައިން އެހެންކުދިންނައް ވެސް ދައްކައިލިއެވެ.

   ”އަމް…. މިވަލުގެ އަނެއް ފަޅީގަ ދޯ… ހިނގާ ދާން…“ ޒަލާނިއާ ޗާޓުގައި އިނގިލި ޖައްސައި މަގު އޮޅުން ފިލުވައިދިނެވެ. އަދި އާރުކާޓީ އަކައް ވެގެން ފޮތް ހިފައިގެން ވަލުތެރޭގައި ހިނގަން ފެށިއެވެ. ބިންގަރާހާއި ހަމައައް ދެވުމުން އެކުދިން ދޮރާއި ކައިރިވެލިއެވެ.

   ”ހިނގާ ހުޅުވަން….“ އަވަސް އަރުވާލައިފައި ދޮރުގެ މަތިގަނޑުގައި ހިފައި ހިއްލާލަން ވެގެން ޝުހުދާ، ވެލިގަނޑު ދަށައް އިނގިލިތައް ލައްވާލިއެވެ.

   ”ނޫން…. ނޫން… ފުރަތަމަ މަންމަމެން ކައިރީ ބުނަމާ ހިނގާ… ނޫނީ.. ތިބެދާނެ ތަފާތު ގޮތްގޮތައް ވިސްނާ މީހުން ވެސް… އެމީހުންގެ ދުއްތުރާ ޖެހިއްޖެއްޔާ ދެން ވަރައް އުނދަގޫވާނެ…“ ރަށުގެ ހާލަތު ހިތައް އަރުވާލަމުން ހަފީޒާ އެކަން ހުއްޓުވިއެވެ. އެއާއެކު ޒަލާނިއާ ވެސް އެކަމައް އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލިއެވެ.

   ”އެހެންވީމާ… އަހަރެމެންނަށް މިލިބެނީ ވަގައް ނެގި ފައިސާތާ…“ ގެއައް ދާން ދިޔަ މަގުމަތީގައި، ވިސްނާލަމުން ހަފީޒާ ބުނެލިއެވެ.

   ”ހޫމް… ދޮގެއް ނޫން… ދެން ހިނގާ އެތެރެއައް، މިއާދެވުނީ އެއްނު..“ ޒަލާނިއާ އެމީހުންގެ ގޭގެ ގޯތިތެރެއައް ފުން ނަޒަރެއް ހިންގައިލަމުން އެތެރެއައް ވަނެވެ. ހަފީޒާ އާއި ޝުހުދާވެސް ޒަލާނިއާގެ ފަހަތުން އެގޭތެރެއައް ވަނެވެ. އެއީ އެގޭ މީހުން ހިނގާލަން ގޮސްފައި ގެއައް އައި ވަގުތެވެ.

   ”މަންމާ….“ ގޭގެ އިމުގައި ހުރި އުނދޯލީގައި އިން ލާޔާއަށް ގޮވާލަމުން ޒަލާނިއާ ގޮސް ޖޯލީގައި އިށީނެވެ. އަދި ހުރިހާ ވާހަކައެއް އަލިފުން ޔާއައް ކިޔައިދިނެވެ.

   ”އޯހް…. އަންނާނަން…“ ލާޔާ ދުވެފައި ގޮސް ފޯނު ހިފައިގެން އައިސް ކަޔާނާ އާއި ލުބައިނާ އައް ގުޅިއެވެ. ހަފީޒާމެން އެކަން ބޮޑެތިމީހުންނަށް ދޫކޮއްލީއެވެ.

   ކަޔާނާމެން އެވާހަކަ ހިފައިގެން މުޅިރަށުގައި ހިނގީއެވެ. އަދި ހެއްކަކައް އެފޮތް ދައްކައި، އެކަމައް ރަށުގެމީހުން ހޭލުންތެރި ކުރުވިއެވެ. އަދި ރަށުގެ ބޮޑުންނާއި ދެކޮޅައް އެތަނައް ވަދެ ބެލީ އެވެ. ބެލިއިރު، ހުރީ ހަމައެކަނި ފައިސާ އާއި މުދަލެއް ނޫނެވެ. ކުރީގެ ފަތްފުއް ތަކާއި އޭރުގެ ހަޤީޤީ ވާހަކަތައް ލިޔެފައި ހުރި ފޮތް ތަކާއި އޭރުގެ ލިޔެލާޖެހި ސާމާނުތަކެވެ. އޭރުގެ ބަނޑިޔާތަކާއި އެހެނިހެން މަސައްކަތްތަކައް ބޭނުން ކުރާ ތަކެއްޗެވެ. ކުރީގެ ދިރިހުރި ހަނދާން ތަކެވެ.

***   

މާޒީގެ ފުން ހިޔާލުތަކުން ހަފީޒާ އަށް ނުކުމެވުނުއިރު މެންދަމުން އަލިވެ 2 ޖެހީއެވެ. އެހެންކަމުން ހަފީޒާ ހިނގައިގަތީ ގެއައް ދިއުމަށެވެ. ހަފީޒާމެންގެ ހަނދާންތައް ދިރުވުމައްޓަކައި ފޮތެއް ލިއުމައް ޢަޒުމް ކަނޑައަޅަމުންނެވެ. އޭރުން ހަމަ    ޔަޤީނުންވެސް ލުހާމެން ފަދައިން އޭނާގެ ވާހަކަ ކިޔާލުމައް ފަހުގެ މީހުންނައް ލިބިދާނެއެވެ. އޭނާގެ ވާހަކައަކީ އަގުހުރި އެއްޗެއްކަމައް ބަޔަކު ޤަބޫލުކޮއްފާނެއެވެ. އޭނާގެ ވާހަކަ އަކީ ހަމައެކަނި ދިރިހުރި ހަނދާނޭ ބުނެވޭ ބުނުމަކީ ހަޤީޤަތާއި މާދުރައް ދެވުނު ވާހަކަ އަކައް ނުވާނެއެވެ.

(ނިމުނީ)

ސަބްސްކުރައިބް
ނޮޓިފައި ކުރަނީ
guest

0 ކޮމެންޓްތައް
އެންމެ ފަސް
އަލަށް އެންމެ ގިނަ ވޯޓް
އިންލައިން ފީޑްބެކް
ހުރިހާ ކޮމެންޓްތައް ބެލުމަށް
Back to top button